އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު (މާލީ)ގެ މަގާމަށް، އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އައްޔަންކޮށްފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މަގާމު ހުސްވެފައިވަނީ، އެ މަގާމުގައި ކުރިން ހުންނެވި ބާރަށު އަދި އިހަވަންދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާ އަހުމަދު އަބުދުﷲ، މިމަހުގެ 26 ވަނަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ މަގާމަށް ޝިފާޒް އައްޔަންކުރުމަށް، ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގައުމީ މަޖިލީހުގެ ރުހުމަށް އެދިވަޑައިގެންފައެވެ. މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި 34 މެންބަރުންގެ ތެރެއިން 30 މެންބަރުންގެ ވޯޓާއެކު، އެ މަގާމަށް ޝިފާޒް ވަނީ އައްޔަންކޮށްފައެވެ.
މީގެ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު އަބްދުﷲ އިސްތިއުފާދެއްވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެމްޑީޕީގެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ފޮރިން މިނިސްޓަރު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ރަސްމީކޮށް އިއުލާން ކުރެއްވުމާ ގުޅިގެން، އެމަނިކުފާނުގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.
މިއަދު އެ މަގާމަށް އައްޔަންކުރި ޝިފާޒަކީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމްޑީޕީ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކާއެކު އުފެދުނު ދެ ފެކްޝަންގެ ތެރެއިން ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގެންނެވި ބޭފުޅެކެވެ. އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސްއާ ގުޅުމަށްފަހު، ޝިފާޒް އެނބުރި އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. ޝިފާޒް ވަނީ ރައީސް ސޯލިހުގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުގައި ޝިފާޒްގެ އިތުރުން ދެން ހިމެނެނީ އިބްރާހިމް ވަހީދު (އިބްރޭ) އެވެ.
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
ކޮމެންޓް