އާމްދަނީއާ އެއްވަރަށް ދައުލަތުގެ ހަރަދުތައް ވެސް މައްޗަށްދާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ފާއިތުވެދިޔަ ހަފުތާގެ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުގައި، މިމަހުގެ 20 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.61 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 25 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު 10.4 އިންސައްތައިގެ ކުރިއެރުމެކެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އާމްދަނީ އިތުރުވުމަށް އެންމެ ބޮޑު ބާރަކަށްވީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ ޓެކްސް (ޓީޖީއެސްޓީ) އިން ލިބުނު ފައިސާއެވެ. ޓީޖީއެސްޓީ އަކީ ދައުލަތުގެ އާމްދަނީގެ މައިގަނޑު އެއް ބައިގެ ގޮތުގައި ދެމިއޮތް އިރު، މި މުއްދަތުގެ ނިޔަލަށް މި ދާއިރާއިން 7.39 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 6.88 ބިލިއަން ރުފިޔާއަށް ވުރެ 512.1 މިލިއަން ރުފިޔާ ނުވަތަ 7.4 އިންސައްތަ އިތުރު އަދަދެކެވެ.
މީގެ އިތުރުން، ވިޔަފާރިއާއި މުދަލުން ނަގާ ޓެކުހުގެ އާމްދަނީ ވެސް ވަނީ ބޮޑުތަނުން ކުރިއަރައިފައެވެ. އެގޮތުން މިދިޔަ އަހަރު ލިބުނު 4.60 ބިލިއަން ރުފިޔާގެ ބަދަލުގައި މިއަހަރު 5.55 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 944.3 މިލިއަން ރުފިޔާ ނުވަތަ 20.5 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރޭގައި ހިމެނޭ ކޯޕަރޭޓް އިންކަމް ޓެކްސް 7.1 އިންސައްތަ އިތުރުވެ 2.86 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގް ޓެކްސް 10.2 އިންސައްތަ އިތުރުވެ 924.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ވިޔަފާރިއާއި މުދަލުގެ އެހެނިހެން ޓެކުހުން ލިބުނު އާމްދަނީ 87.9 އިންސައްތަ އިތުރުވެ 1.39 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ.
ދައުލަތަށް ލިބުނު ޖުމްލަ ޓެކްސް އާމްދަނީ 21.48 ބިލިއަން ރުފިޔާގައި ހުރި އިރު، މިއީ 12.1 އިންސައްތައިގެ ކުރިއެރުމެކެވެ. އެހެނިހެން ޓެކްސްތަކަށް ބަލާއިރު، އިމްޕޯޓް ޑިއުޓީ 16.6 އިންސައްތަ އިތުރުވެ 2.19 ބިލިއަން ރުފިޔާ، އާންމު ޖީއެސްޓީ 10.8 އިންސައްތަ އިތުރުވެ 3.53 ބިލިއަން ރުފިޔާ، އަދި ގްރީން ޓެކްސް 6.2 އިންސައްތަ އިތުރުވެ 1.40 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސް 13.4 އިންސައްތަ އިތުރުވެ 1.24 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ 15.2 އިންސައްތަ އިތުރުވެ 1.27 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. މުދަލުން ލިބުނު އާމްދަނީ 31.9 އިންސައްތަ އިތުރުވެ 1.68 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ ދެގުނައަށް ވުރެ އިތުރުވެ، 105.7 އިންސައްތައިގެ ކުރިއެރުމަކާއެކު 455.7 މިލިއަން ރުފިޔާއަށް އަރައިފައެވެ.
އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުގެ ހަރަދުތައް ވެސް ވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ. ރިކަރަންޓް ހަރަދާއި، ކެޕިޓަލް ހަރަދުގެ ޖުމްލަ ހުރީ 28.74 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 24.09 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު 19.3 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން ރިކަރަންޓް ހަރަދުގެ ގޮތުގައި 25 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، މިއީ 20.8 އިންސައްތައިގެ އިތުރުވުމެކެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި 3.75 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، އެއީ 10.2 އިންސައްތަ އިތުރު އަދަދެކެވެ.
ރިކަރަންޓް ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވެފައިވަނީ ކައުންސިލްތަކަށް ދޭ ގްރާންޓެވެ. ކައުންސިލް ގްރާންޓްގެ ގޮތުގައި ޖުމްލަ 1.66 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، މިއީ މިދިޔަ އަހަރާ އަޅައި ބަލާއިރު 227.2 މިލިއަން ރުފިޔާ ނުވަތަ 15.8 އިންސައްތައިގެ އިތުރުވުމެކެވެ. މުސާރައާއި އިނާޔަތްތަކަށް 9.39 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، މިއީ 11.1 އިންސައްތަ އިތުރު އަދަދެކެވެ. އިދާރީ އަދި ހިންގުމުގެ ހަރަދުތައް 27.0 އިންސައްތަ އިތުރުވެ 15.54 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، މީގެ ތެރޭގައި ހިމެނޭ އެހީއާއި ސަބްސިޑީގެ ހަރަދުތައް ވަނީ 43.0 އިންސައްތަ އިތުރުވެ 8.47 ބިލިއަން ރުފިޔާއަށް އަރައިފައެވެ. ސަބްސިޑީއަށް ކުރި ހަރަދު އެކަނިވެސް 76.3 އިންސައްތަ އިތުރުވެ 3.54 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، އާސަންދައަށް ކުރި ހަރަދު 13.5 އިންސައްތަ އިތުރުވެ 1.43 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ.
ކެޕިޓަލް ހަރަދުގެ ދަށުން، އިންފްރާސްޓްރަކްޗާ ވަސީލަތްތަކަށް 3.26 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ 9.1 އިންސައްތައިގެ އިތުރުވުމެކެވެ. ބިމާއި އިމާރާތްތަކަށް ކުރި ހަރަދު 47.1 އިންސައްތަ އިތުރުވެ 1.20 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، ފާލަންތަކާއި ބަނދަރު ހެދުމަށް ކުރި ހަރަދު 63.9 އިންސައްތަ އިތުރުވެ 284.5 މިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. ނަމަވެސް، މަގުތަކާއި ބްރިޖް އަދި އެއާޕޯޓްތަކަށް ކުރި ހޭދަ ވަނީ 32.1 އިންސައްތަ ދަށްވެ، 961.3 މިލިއަން ރުފިޔާއަށް މަދުވެފައެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މައިގަނޑު ޓެކްސްތަކުން ލިބޭ އާމްދަނީ އިތުރުވުމާއެކު ދައުލަތުގެ އާމްދަނީ ދަނީ އަހަރުން އަހަރަށް ކުރިއަރަމުންނެވެ. ހަމައެއާއެކު ކައުންސިލް ގްރާންޓްތަކާއި، އާންމު ހިދުމަތްތަކާއި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް ކުރާ ހޭދަވެސް ވަނީ އިތުރުވެފައެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
ކޮމެންޓް