މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން އެއް އާއިލާއެއްގެ ގޮތުގައި ނުކުމެ އިންޖިނިއަރުންގެ ދުވަސް ފާހަގަކޮށްފި އެވެ.

އިންޖިނިއަރުންގެ ދުވަހުގެ ތަހުނިޔާ ފޮނުވަމުން ”އެކްސް“ގައި ކުރި ޕޯސްޓެއްގައި ފެން ކުންފުނިން ބުނީ، އިންޖިނިއަރުން މަސައްކަތްކުރަނީ ސާފު ދިރިއުޅުމެއް ލިބޭނެ ކަމުގެ ވައުދު ފުއްދުމަށް އެހީތެރިވެދިނުމަށް ކަމަށެވެ.

އެއީ އެކުންފުނީގެ އެކަނި މަސައްކަތްނޫން ކަމަށާއި އެއީ މުޖުތަމައު ކުރިއެރުވުމަށް އިންޖިނިއަރުންކުރާ ބުރަ މަސައްކަތް ކަމަށެވެ.

"މިއަދު އަޅުގަނޑުމެން އެންމެން ގުޅިގެން މޯލްޑިވްސް އިންޖިނިއާސް ޑޭ ފާހަގަކޮށް، އަޅުގަނޑުމެންގެ އިންޖިނިއަރުންގެ ހުނަރާއި، އިހްލާސްތެރިކަމާއި، ހިތްވަރު އިތުރުކޮށް، ކޮންމެ ދުވަހަކު އަޅުގަނޑުމެންގެ ހިދުމަތްތައް ކުރިއަށް ގެންދިޔުމުގައި އެހީތެރިވެދެއްވާ ހުރިހާ ފަރާތްތަކުގެ އަގު ވަޒަންކޮށް ޝުކުރު އަދާކުރަން." އެމްޑަބްލިއުއެސްސީން ބުންޏެވެ.

30 އޮގަސްޓް 2026: އެމްޑަބްލިއުއެސްސީން އެއް އާއިލާއެއްގެ ގޮތުގައި ނުކުމެ އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުން --- ފޮޓޯ/ އެމްޑަބްލިއުއެސްސީ

މި އުފާފާޅުކުރުމަކީ، އެމްޑަބްލިއުއެސްސީ އާއިލާއެއްގެ ގޮތުގައި އެއްތަނަކަށް އެއްވެ، އެ ކުންފުނީގެ މަސައްކަތުގެ ފަހަތުގައި ތިބި މީހުންގެ އަގު ވަޒަންކޮށް، ކުރިއަށް ދިއުމުގައި ދެމިތިބޭ މީހުންގެ އަގު ވަޒަން ކުރުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ވަނީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ކޭކެއް ފަޅައިފައެވެ. އެ ކުންފުނީގައި ކުރިޔަށްގެންދިޔަ މި ހަރަކާތުގައި ކުންފުނީގެ އެމްޑީ ހުސެއިން ފަހުމީ އާއި އިސްވެރިންގެ އިތުރުން އެކި ފަންތި ތަކުގެ މުވައްޒަފުންވެސް ބައިވެރިވިއެވެ.