ރާއްޖެ އިގުތިސާދީ ގޮތުން ބަނގުރޫޓުވެފައި ވަނިކޮށް، ގައުމު ސަލާމަތްކުރައްވައި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ތާރީހުގައި ލިޔެވިގެންދާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީން މިރޭ ގެނެސްދިން ޕްރޮގްރާމެއްގައި ނައިބު ރައީސް ވިދާޅުވި ގޮތުގައި، ރައީސްގެ އެންމެ މުހިންމު ޒިންމާއަކީ ރައްޔިތުންނަށް ފައިދާކުރާނެ ކަންކަން ނިޒާމުގެ ތެރެއިން ފަހިކޮށްދެއްވުމެވެ.

އެގޮތުން، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ އެދުމުގެ މަތިން، ޑޮލަރު ނުލިބުމާއި އިގުތިސާދުގައި ޑޮލަރު ދައުރުނުވާ މައްސަލައަށް ނިމުމެއް ގެނައުމަށްޓަކައި ރައީސް ނިންމެވި ނިންމެވުމަކީ ދިވެހި ވިޔަފާރިތަކާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމަށް ނިންމެވި ވަރަށް ދުރުވިސްނޭ ސިޔާސީ ނިންމެވުމެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ނިންމެވުމުގެ ސަބަބުން ބައެއް ފަރާތްތަކަށް ލިބޭ މަންފާއިން އުނިކަމެއް އައިސްދާނެތީ އެ ފަރާތްތަކުން އޮޅުވާލަން މަސައްކަތްކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ނައިބު ރައީސް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ގާނޫނު ސަސްޕެންޑްކުރުމަށްފަހު ފައިސާ ޗާޕުކުރުމުގެ ސަބަބުން ގައުމު އޮތީ ބަނގުރޫޓުވުމުގެ މަގުމަތީގައި ކަމަށެވެ. އެކަން ނުކުރުމަށް އޭރު އިދިކޮޅުގައި ތިއްބަވައިގެން މިހާރުގެ ރައީސާއި ވިޔަފާރިވެރިންގެ އިތުރުން އެމްޑީޕީގެ ބައެއް އިސް ލީޑަރުން ވެސް އާދޭސްކުރެއްވި ކަމަށް ވިދާޅުވިއެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމިގެންދިޔައިރު ދައުލަތުގެ ރިޒާވްގައި ފައިސާ ނެތް ކަމަށާއި، ދައުލަތުގެ މިނިވަންކަން ގެއްލޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އެ ދަތި ހާލަތުން އަރައިގަތުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލައްވަމުން، މޯގޭޖުކޮށްފައިވާ ރާއްޖޭގެ ސްކޫލުތަކާއި ހޮސްޕިޓަލްތައް ސަލާމަތްކުރައްވައި، ދަރަނިތައް ދެއްކެވުމުގެ މަސައްކަތް ރައްޔިތުންނަށް ބުރައަކަށް ނުވާނެ ގޮތަށް ކުރައްވަމުން ގެންދަވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، އިގުތިސާދީ ގޮތުން ގައުމު އާރާސްތުކުރުމުގެ އިތުރުން، ގެއްލިފައިވާ އިޖުތިމާއީ ފޭރާން ރަނގަޅުކޮށް، އާއިލީ ގުޅުންތައް ބަދަހިކުރުމަށް ރައީސް އިސްކަންދެއްވާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ސިޔާސީ މައިދާނުގައި ރައީސް ދައްކަވަމުން ގެންދަވާ ނަމޫނާއާ ގުޅޭގޮތުން ނައިބު ރައީސް ވިދާޅުވީ، ވާދަވެރިންނާ މެދު ޒާތީވެ، ހަސަދަވެރިވުމުގެ ބަދަލުގައި ރައީސް އިސްކުރައްވަނީ ކެތްތެރިކަމާއި ހިކުމަތްތެރިކަން ކަމަށެވެ. އަދި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ގައުމު ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާ ވަތަނީ ލީޑަރެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.