ރިސޯޓުތަކުން ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ސަރުކާރުން ބަދަލު ގެނައީ ދިވެހި ވިޔަފާރިތަކާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީން މިރޭ ގެނެސްދިން ޕްރޮގްރާމެއްގައި ނައިބު ރައީސް އެހެން ވިދާޅުވެފައި މިވަނީ، ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ފާސްކުރުމާ ގުޅިގެންނެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި، މި ނިންމެވުމުގެ މައިގަނޑު ބޭނުމަކީ ޑޮލަރު ނުލިބުމާއި ގައުމުގެ އިގުތިސާދުގައި ޑޮލަރު ދައުރުނުވާ މައްސަލައަށް ނިމުމެއް ގެނައުމެވެ. އަދި މިއީ ރައްޔިތުންނަށް ފައިދާކުރާނެ ކަންކަން ނިޒާމުގެ ތެރެއިން ފަހިކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެޅުއްވި ހަރުދަނާ އަދި ދުރުވިސްނޭ ފިޔަވަޅެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ ކުރިން ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުންނަށްވެސް މި މައްސަލަ އެނގިވަޑައިގެން ތިއްބެވި ނަމަވެސް، އަމަލީ ގޮތުން ފިޔަވަޅެއް އަޅުއްވަން ކެރިވަޑައިނުގެން ފަހަތަށް ޖެހިވަޑައިގަތް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން އެދިވަޑައިގަތުމާއެކު، ރައީސް މި ނިންމެވުން ނިންމެވީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ގައުމު ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ބަދަލުގެ ސަބަބުން ބައެއް ފަރާތްތަކަށް ލިބޭ މަންފާއިން އުނިކަމެއް އައިސްދާނެތީ، އެ ފަރާތްތަކުން އޮޅުވާލަން މަސައްކަތްކޮށްފާނެ ކަމުގެ އިންޒާރުވެސް ދެއްވިއެވެ.
ކުރީގެ ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން، ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީގެ ވެރިކަމުގައި ގާނޫނު ސަސްޕެންޑްކޮށް ފައިސާ ޗާޕުކުރީ އިރުވަރަށް ނުބަލައި، ރައްޔިތުންނާއި ވިޔަފާރިވެރިންގެ އާދޭސްތަކަށް ބީރުކަންފަތެއް ދިނުމަށްފަހުއެވެ. ކޮވިޑްގެ ތެރޭގައި އެކަން ނުކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުންނާއި، މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި އިންނެވި ބޭފުޅާވެސް އިހުތިޖާޖު ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ގައުމު ބަނގުރޫޓުވުމުގެ ބިރާ ކުރިމަތިވެ، ސްކޫލްތަކާއި ހޮސްޕިޓަލްތައް މޯގޭޖުކުރަން ޖެހުނު ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ގައުމުގެ އިޖުތިމާއީ ފޭރާން ގެއްލި، އާއިލީ ގުޅުންތައް ހީނަރުވެފައިވާކަން ފާހަގަކުރައްވައި، އެކަންކަން އަލުން ތަރުތީބުކުރުމަށް ރައީސް މަސައްކަތްޕުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ. ރައީސަކީ ސިޔާސީ ވާދަވެރިންނަށްވެސް ހުތުރު ބަހުން މުއާމަލާތް ނުކުރައްވާ، ޒާތީނުވާ ނަމޫނާ ލީޑަރެއް ކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މިހާރުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ރައްޔިތުންނަށް ބުރައަކަށް ނުވާނެ ގޮތަށް ދައުލަތުގެ ދަރަނިތައް ހަލާސްކޮށް، ގައުމު އަލުން އާރާސްތުކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
ކޮމެންޓް