މިފްކޯގެ ބަނދަރުތަކާއި ބޯޓުފަހަރަށް މިއަދު ކަޅުބިލަމަސް ކިލޯއެއް ގަންނަނީ 21 ރުފިޔާއަށް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިފްކޯއިން ބުނީ މިއީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، މަސްވެރިންނަށް އެކަށީގެންވާ އަގެއް ފޯރުކޮށްދިނުމަށާއި، ދެމެހެއްޓެނިވި މަސްވެރިކަން ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގެނެވުނު ބަދަލެއް ކަމަށެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މި ދުވަސްވަރަކީ މަސްވެރިކަން ދަށް ދުވަސްވަރެއް ނަމަވެސް، ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ވަނީ މަސް ގަންނަ އަގުތަކަށް ބަދަލު ގެންނަން ފަށައިފައެވެ.
ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކުރީ މިއަހަރުގެ ޖޫން މަހުގެ ހަތްވަނަ ދުވަހުއެވެ. އޭގެ ފަހުން އެ މަހުގެ ނުވަވަނަ ދުވަހު އެ ކުންފުނިން މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑު ކުރިއެވެ. މިއަދު ގެނައި ބަދަލާއެކު މަސް ކިލޯއެއްގެ އަގު މިވަނީ އިތުރު އެއް ރުފިޔާ ބޮޑުވެފައެވެ.
އަގަށް ގެނައި ބަދަލާއެކު ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ކޭއެފްސީ ޖެޓީ، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، އޭއެފްސީ ޖެޓީ، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އެފްއެފްސީ ޖެޓީގެ އިތުރުން ރަންދި-20، ރަންދި-23، ރަންދި-25، ރަންދި-29 އަދި ކޭއޭއެލް 401 ބޯޓުން މިއަދު މަސް ގަންނަމުން ދާނީ ކަޅުބިލަމަސް ކިލޯއެއް 21 ރުފިޔާގެ ރޭޓުންނެވެ.
ފެލިވަރު ބަނދަރު، ފެލިވަރު ފިޝަރީޒް ކޮންޕްލެކްސް، ކޫއްޑޫ އަދި އައްޑޫގައި ގާއިމުކޮށްފައިވާ ފިޝަރީޒް ކޮންޕްލެކްސްގެ އިތުރުން ގދ. ތިނަދޫ، ލ. މާމެންދޫ، މާލެ ބަނދަރު އަދި ރ. މަޑުވަރީ ބަނދަރުން 10 ކިލޯ އާއި 15 ކިލޯއާ ދެމެދުގެ ބޮޑުކަންނެލި މަސް ގަންނާނީ 20 ރުފިޔާއަށެވެ. އަދި 15 ކިލޯއިން މަތީގެ ބޮޑުކަންނެލި 25 ރުފިޔާއަށް ގަންނަ ކަމަށްވެސް މިފްކޯއިން ބުނެއެވެ.
މަސް ގަންނަ އަގު ބިނާވަނީ ޑިމާންޑު އަދި ސައިޕްލައިއަށެވެ. ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް މަސްވެރިންގެ އަތުން މަސް ގަންނަ އަގު އެންމެ މަތިކުރުމަށް މިފްކޯއިން މަސައްކަތްކުރާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ފާތިމަތު ލިއުޝާ
މިފްކޯ
މިފްކޯ
މިފްކޯ
މިފްކޯ
ކޮމެންޓް