ރައީސް ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވުމަކީ، ދެކެވަޑައިގަންނަވާ ހުވަފެނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްރުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީން ގެނެސްދިން "އަރާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ފުރުސަތު ލިބިވަޑައިގެންފި ނަމަ، ރައީސް މުއިއްޒު ދެވަނަ ދައުރަކަށް ހޮއްވަވައިދެއްވުމަށް އެންމެ އިސްސަފުގައި މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައި ހުންނަވާނެ ކަމަށެވެ.

"އެއީ އަޅުގަނޑު އަދިވެސް ދެކޭ ހުވަފެނެއް. ދިވެހިރާއްޖޭގެ ދެނަވަ ދައުރެއް މި ނިޒާމުގެ ދަށުން ލިބޭ ވެރިޔަކަށް ރައީސް މުއިއްޒު ވެވަޑައިގަތުން އެއީ އަޅުގަނޑު ދެކޭ ހުވަފެނެއް. އަދި އެކަން ހާސިލުކުރަންވެސް ބޭނުން. އެކަމަށްޓަކައި މަސައްކަތް ކުރާނަން ފުރުސަތު ލިބުނު ވަރަކުން، އެ މަސައްކަތުގައި ދެމި ހުންނާނަން. އޭގެ ފަހުން ދެން ސިޔާސީ ކަންކަމާ ދުރަށްދާނީ،" އަބްރުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު ފާހަގަކުރެވެނީ ވަރަށް ބޮޑަށް ގައުމީ ވިސްނުން ހުންނެވި ބޭފުޅެއްގެ ގޮތުގައި ކަމަށާއި ރައްޔިތުންގެ އަޑު އަހައިގެން، ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ ވެރިއެއްގެ ގޮތުގައި ރައީސް ފާހަގަވާ ކަމަށެވެ.

"މި ނިޒާމު އައިފަހުން ރައީސް މުއިއްޒު މަސައްކަތްކުރައްވާ ގޮތަށް މަސައްކަތްކުރައްވާ އިތުރު އެހެން ވެރިއެއް ފެނިފައެއް ނެތް. އަޅުގަނޑަށް ފެންނަނީ ރައްޔިތުންގެ އަޑު އަހައިގެން ކަންކަން ކުރައްވަން ބޭނުންފުޅުވާ ވެރިއެއްގެ ގޮތުގައި. އޭގެ އިތުރުން ގައުމުގައި ހުރި ބޮޑެތި ކަންތައްތަކަށް ވަރަށް ބޮޑަށް އިސްކަމެއް ދެއްވާ. މިސާލަކަށް، ގައުމުގެ މިނިވަންކަން، އިސްތިގުލާލު، ދީން، މިއީ ކޮންޕްރޮމައިސް ނުކުރެވޭނެ ކަންތައްތައް ގޮތުގައި ދެކެވަޑައިގެން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސަކީ އެހެން ބޭފުޅުންނަށްވުރެ ބޮޑަށް ކަންކަމާ ދޭތެރޭ ފާރަވެރިވަޑައިގެން، އެކަންކަމަށް ހާއްސަ ސަމާލުކަން ދެއްވައިގެން މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށެވެ. އެއާ އެކުއެކީގައި، ވަރަށް ބޮޑަށް ކަންތައްތައް ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއްގެ ގޮތުގައި ރައީސް ފާހަގަވާ އިރު، ޕާޓީ ނިޒާމުގައި ވެރިކަން ކުރައްވާއިރުވެސް، އަދި ޕާޓީ ހިންގެވުމުގައި ރައީސްގެ ގާބިލުކަން ފެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެން އޮތީ ސިޔާސީ މަސައްކަތްތަކާ ދުރަށްގޮސް، އެހެން މީހުން އެ މަސައްކަތްކުރައްވާތަން ބައްލަވަން ކުޑަ އޮފީހެއް ހައްދަވައިގެން އިންނެވުން ކަމަށެވެ.

"ކޮންމެ ކަމަކީވެސް، ސިޔާސީ މަސައްކަތް ކުރެވުނީމަ ދެންޖެހޭނީ ރީތި ގޮތުގައި އެޔާ ދުރަށް ޖެހިލަން. ދުރަށް ޖެހިލާފައި އެހެން މީހުން އެކަންކަން ކުރާގޮތް ބަލައިލަން. އުންމީދެއް ނުކުރަން ދިރިއުޅުމުގެ ގޮތް ފެށިގެން އައި ހާލަތާއި އަޅުގަނޑު އުޅެންޖެހުނު ގޮތަށް ބަލާއިރު މިއަދު އަޅުގަނޑު އިށީނދެ މީނދަ ގޮނޑީގައި އިށީންނާނެ ފުރުސަތު ލިބިދާނެ ކަމަށްވެސް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.