މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ އެންމެ ފުރަތަމަ އޮޑިޓޯރިއަމް، ޒަމާނީ ވަސީލަތްތަކާ އެކު ރަސްމީކޮށް ހުޅުވައި ބޭނުން ކުރަން ފަށައިފިއެވެ.
އެމްޑަބްލިޔުއެސްސީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި އެ ރަސްމިއްޔާތުގައި އެތަން އިފްތިތާހު ކޮށްދެއްވީ އައްޝައިހް އަހްމަދު ސަމީރުއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އާ އޮޑިޓޯރިއަމާ އެކު އެމްޑަބްލިޔުއެސްސީގެ އެކިއެކި ބައްދަލުވުންތަކާއި ޖަލްސާތައް ބޭއްވުމަށްޓަކައި ބޭރުގެ ތަންތަން ކުއްޔަށް ނަގަން ޖެހުމުގެ ސަބަބުން ދިމާވި ދަތިތަކަށް ދާއިމީ ހައްލެއް ލިބިފައިވާ ކަމަށެވެ.
ކޭޓަރިން ހިދުމަތާއި އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ އެ އޮޑިޓޯރިއަމްގައި ހިމެނެނީ 425 މީހުންގެ ޖާގައިގެ ބޮޑު ކޮންފަރެންސް ރޫމެއް އަދި 28 މީހުންނަށް އެއްފަހަރާ ބޭނުންކުރެވޭނެ ބޯޑް ރޫމެކެވެ.
އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އެމްޑަބްލިޔުއެސްސީގެ އަމިއްލަ މުވައްޒަފުންގެ ބުރަ މަސައްކަތުން، އެންމެ 45 ދުވަހުގެ ތެރޭގައި ތަރައްގީކޮށް ނިންމައިލެވުނު ފަހުރުވެރި މަސައްކަތެއް ކަމަށެވެ.
އެމްޑަބްލިޔުއެސްސީގެ އެތެރޭގެ ހަރަކާތްތަކުގެ އިތުރުން، ސަރުކާރުގެ އެކި އިދާރާތަކަށާއި ވިޔަފާރި ކުންފުނިތަކުގެ ކޯޕަރޭޓް އިވެންޓުތަކަށް ވެސް އެ އޮޑިޓޯރިއަމް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
ކޮމެންޓް