މެދުވެރިންގެ އެދުމުގެ މަތީން، ހޮރުމުޒް ކަނޑުއޮޅި ހުޅުވާލުމަށް އީރާނުން ބޭނުންވާ ކަންކަން ހިމެނޭ ލިސްޓެއް އެކުލަވައިލަމުން އަންނަ ކަމަށް، އެ ގައުމުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހްސިން ރިޒާއީ ވިދާޅުވެއްޖެއެވެ.
ލުބުނާނުގެ އަލް މަނާރު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރިޒާއީ ވިދާޅުވި ގޮތުގައި، ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ކުރިން އެމެރިކާއިން އަމަލީ ގޮތުން ފިޔަވަޅުތަކެއް އަޅައި، އީރާނުގެ ޝަރުތުތައް ފުރިހަމަކުރަން ޖެހޭނެއެވެ. އީރާނުން އެކުލަވާލާ ލިސްޓުގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ސަރަހައްދީ ހަނގުރާމަ ނިމުމަކަށް ގެނައުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އޮމާނާއި އީރާނާ ދެމެދު ކަނޑުއޮޅީގެ މެދުތެރެއިން ވަގުތީ މަގެއް ހެދުމަށް އެއްބަސްވެފައިވީ ނަމަވެސް، އެ މަގު ފުރިހަމައަށް ބޭނުންކުރެވޭނީ އެމެރިކާއިން އީރާނުގެ ޝަރުތުތައް ގަބޫލުކުރުމުން ކަމަށް ރިޒާއީ ވިދާޅުވިއެވެ. ގަތަރާއި ޕާކިސްތާނު ފަދަ ގައުމުތަކުން މެދުވެރިއެއްގެ ދައުރު އަދާކުރަމުން އަންނައިރު، އީރާނުގެ ޑިމާންޑްތައް ރަސްމީކޮށް ސާފުކޮށްދިނުމަށް އެ ގައުމުތަކުން ވަނީ އެދިފައެވެ.
ގަތަރުގެ ބޮޑުވަޒީރު ޝެއިހް މުހައްމަދު ބިން އަބްދުއްރަހްމާން އާލް ސާނީއާ އެކު ތެހެރާނުގައި ބޭއްވެވި ބައްދަލުވުމެއްގައި ވެސް ރިޒާއީ ވަނީ މި ކަންކަން ތަކުރާރުކުރައްވައިފައެވެ.
އީރާނުގެ ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާއިން އީރާނާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅައިފިނަމަ، އެމެރިކާގެ އަސްކަރީ އަދި އިގުތިސާދީ މަސްލަހަތުތަކަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ރިޒާއީ ދެއްވިއެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ތަރުޖަމާނަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާއިން އީރާނުގެ ބަނދަރުތަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލައި، ބަދަލުދީ އަދި ދަތިކުރުމުގެ ފިޔަވަޅުތައް ނުނަގާހާ ހިނދަކު ކަނޑުއޮޅި ހުޅުވުމުގެ ހުއްދައެއް ނުދޭނެއެވެ.
ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ތެލާއި ގޭހުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރީ ހޮރުމުޒް ކަނޑުއޮޅިން ކަމަށް ރޮއިޓާސްއިން ބުނެފައިވެއެވެ. ނަމަވެސް، އެމެރިކާއިން އީރާނުގެ ޝަރުތުތައް ފުރިހަމަނުކުރާހާ ހިނދަކު ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނެ ކަމަށް އީރާނުގެ ރަސްމީ ފަރާތްތަކުން ވަނީ ބުނެފައެވެ.
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ކޮމެންޓް