ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)ގެ އަމާޒަކީ އަންހެނުންނާއި ފިރިހެނުން އެއް ހަމައެއްގައި ބާރުވެރިކުރުވުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.
އެޗްޑީސީ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދިޔަ "ވިލުންތެރި ކަނބަލުން" ޕްރޮގްރާމް މިއަދު ނިންމާލި އިރު، އެ ޕްރޮގްރާމުގައި 264 ކަނބަލަކު ބައިވެރިވިއެވެ. ރެހެންދި ސްކޫލު ހޯލުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސެޓްފިކެޓް ހަވާލުކޮށްދެއްވީ، ޝަރަފުވެރި މެހެމާން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ.
އެ ރަސްމިއްޔާތުގައި ޒުހައިރު ވިދާޅުވީ ވިލުންތެރި ޕްރޮގްރާމް މެދުވެރިކޮށް އާންމުކޮށް ފިރިހެނުން ކުރާ މަސައްކަތެއްގެ ގޮތުގައި ބެލެވިފައި އޮންނަ ގޭތެރޭ ގެންގުޅޭ އެޕްލައިންސްތަކާއި އަދި ސައިކަލުތަކަށް ދިމާވާ ކަންތައްތައް މަރާމާތުކުރުން ހައްލުކުރުމަށް ކަނބަލުންނަށް ދަސްކޮށްދީފައިވާނެ ކަމަށެވެ.
"މުޖުތަމައުގައި ގާއިމުވެފައި އޮންނަ ސްޓީރިއޯޓައިޕް ނުވަތަ ވަކި ޖިންސަކަށް މަސައްކަތް ހާއްސަވެފައި އޮންނަ އޮތުން ބަދަލުކޮށްލި ކަމެއް. މިއީ ވަކި ޖިންސެއްގެ މީހުންނަށް، ވަކި ބާވަތެއްގެ މަސައްކަތް ހާއްސަ ކުރުމުގެ ނަތީޖާއެއްގެ ގޮތުން އުފެދޭ ތަފާތު ކުރުންތައް ނައްތާލުމަށް އެޅުނު މުހިންމު ފިޔަވަޅެއް،" ޒުހައިރު ވިދާޅުވިއެވެ.
ޒުހައިރު އިތުރަށް ވިދާޅުވީ އެޗްޑީސީގެ އަމާޒަކީ ހުޅުމާލެއަކީ ދިރިއުޅެން ފަސޭހަ، ތަހުޒީބުވެފައިވާ ރައްޔިތުންތަކެއް ދިރިއުޅޭ، ހުރިހާ ގޮތަކުންވެސް އަމާން، ރައްކާތެރި، ސަރަހައްދަކަށް ހެދުން ކަމަށެވެ. އޭގެ އިތުރުން އަންހެންނުންނާއި ފިރިހެނުން ބާރުވެރިކުރުމަށް ގާއިމުކުރެވޭ މާހައުލެއް ހެދުމަކީ އެޗްޑީސީން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއްް ކަމަށެވެ.
މި ޕްރޮގްރާމްގެ ތެރެއިން ކަނބަލުންނަށް ލިބުނު ހުނަރާއި އިލްމު، ހުޅުމާލޭގެ ތަރައްގީއަށް ފޯރުކޮށްދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ދިވެހި އަންހެނުން ބާރުވެރި ކުރުމަށާއި މުޖުތަމައުގެ ހުރިހާ ފަންތިއެއްގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ރައީސް ދެއްވާ ހާއްސަ އަހަންމިއްޔަތު ކަމަށް ޝުކުރު ދަންނަވާ ކަމަށްވެސް ޒުހައިރު ވިދާޅުވިއެވެ.
"ވިލުންތެރި ކަނބަލުން" ޕްރޮގްރާމަކީ ގޭތެރޭގައި ބޭނުންކުރާ ކަރަންޓު ސާމާނަށް ދިމާވާ އާންމު މައްސަލަތައް ހައްލުކުރުމާއި ސައިކަލަށް ދިމާވާ އާންމު މައްސަލަތައް ހައްލުކުރުމުގެ ފަންނީ ހުނަރު ދަސްކޮށްދިނުމަށް އަމާޒުކޮށްގެން ހިންގި ތަމްރީނު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ 2023 ވަނަ އަހަރު ބޭއްވި ޕްރޮގްރާމަށް ލިބުނު ބޮޑު ތަރުހީބަށް ބަލައި މިއަހަރު އިތުރަށް ފުޅާކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ކޮންމެ ކަމެއްގައި އެހެން މީހުންނަށް ބަރޯސާވުމުގެ ބަދަލުގައި އަންހެނުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުމަކީ މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
ކޮމެންޓް