ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި ހިނގި ނުރައްކާތެރި ފްލޭޝް ފްލަޑް ކާރިސާގައި، އެ ގައުމުގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް ކާރިސާގެ ގެއްލުން ކުރިމަތިވެފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، މި ކާރިސާ ހިނގާފައިވަނީ ބޯޑަރު ސަރަހައްދުގައި އޮންނަ ކޯރަކަށް ގަނޑުފެނާއި ކިސަޑު ފައިބައިގެންނެވެ. މި ހާދިސާއާ ގުޅިގެން ކާރިސާ ދިމާވި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ނޭޕާލްގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ބަލާފައިވަނީ އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށެވެ. މިގޮތުން ބެލިބެލުމުން، އެ ގައުމުގައި ތިބި އެއްވެސް ދިވެއްސަކަށް މި ކާރިސާގެ ސަބަބުން ގެއްލުމެއް ލިބިފައި ނުވާކަން ވަނީ ޔަގީންކުރެވިފައެވެ. ފޮރިން މިނިސްޓްރީން އަންނަނީ މި ހާދިސާގެ ކަންކަން ގާތުން މޮނިޓާ ކުރަމުންނެވެ.

މި ކާރިސާއާ ގުޅިގެން ނޭޕާލްގައި ތިބި ދިވެހިންގެ ތެރެއިން އެއްވެސް މީހަކު އެހީތެރިކަމެއް ބޭނުންވާނަމަ، ނުވަތަ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ އެ މިނިސްޓްރީއަށް ގުޅުމަށް ވަނީ އެދިފައެވެ. އެގޮތުން، ފޮރިން މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 9607983400+ އަށް ގުޅުމަށް ނުވަތަ ކޮންސިއުލާ އީމެއިލް [email protected] އަށް އީމެއިލް ކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ނޭޕާލަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 350 އަށް އަރައި، ގެއްލުނު މީހުންގެ އަދަދު 800 އިން މައްޗަށް ވަނީ އަރައިފައެވެ. ނޭޕާލުގެ ފަތުރުވެރިކަމާ ބެހޭ އިދާރާތަކުން ހާމަކުރި ގޮތުގައި، އެ ގައުމުން ގެއްލުނު މީހުންގެ ތެރޭގައި ފަތުރުވެރިންނާއި، ފުލުހުންނާއި، ކަރަންޓު އުފައްދާ މަޝްރޫއުތަކުގައި މަސައްކަތްކުރާ މީހުން ހިމެނެއެވެ. ގެއްލުނު ފަތުރުވެރިންގެ ތެރޭގައި އިންޑިއާ، އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގެ މީހުން ހިމެނޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. މީހުން ހޯދުމުގެ މަސައްކަތަށް ޗައިނާއާއި އިންޑިއާގެ އެހީތެރިކަމަށް ނޭޕާލުން ވަނީ އެދިފައެވެ.

ސަރަހައްދީ ރޮނގު ހުރަސްކޮށް ޓިބެޓަށް ވެސް މި ހާދިސާގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެއެވެ. ޗައިނާގެ ދައުލަތުގެ މީޑިއާ، ސީސީޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓިބެޓްގެ ޖިރޮންގް ކައުންޓީއަށް އައި ބޮޑު ކިސަޑު ފޭބުމުގެ ހާދިސާއެއްގައި ތިން މީހަކު މަރުވެ، 265 މީހުން ވަނީ ގެއްލިފައެވެ. މި ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީން ވެސް ވަނީ ބުނެފައެވެ. ޗައިނާ ފަޅީގެ ސަރަހައްދީ ރޮނގުގައި ހުރި ކެމެރާތަކުން ފެންނަ މަންޒަރުތަކާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، ކިސަޑާއި ފެންގަނޑު ވަނީ އެތައް އިމާރާތްތަކަކާއި މަގުތަކެއްގެ އިތުރުން އުޅަނދުތައް ވެސް ދަމައިގަނެގެން ގެންގޮސްފައެވެ.

މާހިރުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ގްލޭޝިއާއަކުން ގަނޑުފެންގަނޑެއް ކަނޑައިގެން ގޮސް ކޯރެއް ބެދުމުގެ ސަބަބުންނެވެ. މީގެ ސަބަބުން ކޯރުގެ ފެންގަނޑު ކުއްލިއަކަށް ބޮޑުވެ، ރަށްތަކަށް ފެންގަނޑު ވަދެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ. ޓިބެޓްގެ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ޒިންހުއާއިން ބުނި ގޮތުގައި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި 800 އެއްހާ މީހުންނާއި 150 އުޅަނދު މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި ނޭޕާލުގެ ފުލުހުން ވެސް އަންނަނީ ނުރައްކާތެރި ހިސާބުތަކުގައި ތިބި މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.