ބޭންކް އޮފް މޯލްޑިވްސް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ތައާރަފްކޮށްފައިވާ "ޔޫތު އޮންޓްރަޕްރިނިއާޝިޕް ފައިނޭންސިން" ގެ ފުރަތަމަ ފިޔަވަހި ކާމިޔާބުކަމާ އެކު ނިންމާލައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 3،000 އަށްވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ ފައިނޭންސިން ފޯރުކޮށްދީފިއެވެ.
ބީއެމްއެލުން މިއަދު ބުނީ މި ފައިނޭންސިން ފެސިލިޓީއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އަލަށް ފަށަން ނުވަތަ ކުރިއަރުވަން ބޭނުންވާ ދިވެހި ޒުވާނުންނަށް މާލީ އެހީތެރިކަން ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ތައާރަފްކޮށްފައިވާ ފެސިލިޓީއެއް ކަމަށެވެ.
އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލެވުނު މި ފެސިލިޓީގެ ދަށުން، އެއްވެސް ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކޮށްފައިވާ ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މި އިސްނެގުމަށް ޒުވާނުންގެ ފަރާތުން މިފަދަ ބޮޑު ތަރުހީބެއް ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އަމިއްލަ މަސައްކަތްތެރިކަމުގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް އެމީހުންގެ އުފެއްދުންތެރި ހިޔާލުތައް ފައިދާހުރި ވިޔަފާރިތަކަކަށް ބަދަލުކުރުމުގައާއި، ދެމެހެއްޓެނިވި ވިޔަފާރިތަކެއް ބިނާކޮށް ދިގުމުއްދަތުގެ ކާމިޔާބީ ހާސިލުކުރުމަށް ބޭނުންވާ ހުނަރާއި ގާބިލުކަން ތަރައްގީކުރުމުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއްވެސްމެ." ޝަރީފް ވިދާޅުވިއެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ ޔޫތު އޮންޓްރަޕްރިނިއާޝިޕް ފައިނޭންސިންގެ ފުރަތަމަ ފިޔަވައްސަށް ޒުވާން ވިޔަފާރިވެރިންގެ ފަރާތުން ވަރަށް ރަނގަޅު ތަރުހީބެއް ލިބުނު ކަމަށެވެ.
"300 މިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެއްގެ ފައިނޭންސިން މެދުވެރިކޮށް 3،000 އަށް ވުރެ ގިނަ ދިވެހި ޒުވާނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެވުމަކީ ޒުވާން ވިޔަފާރިވެރިން ބިނާކުރުމަށް އަޅައިދެވުނު މުހިއްމު ބިންގަލެއް. އަޅުގަނޑުމެން އުއްމީދުކުރަނީ މި ފިޔަވަހީގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް، ދެން އޮތް ފިޔަވަހީގެ ތެރެއިން އިތުރު ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް." ބަދުރުއްދީން ހަސަން ވިދާޅުވިއެވެ.
މި އިސްނެގުމުގެ އަމާޒަކީ މާލީ އެހީ ލިބޭ ފަރާތްތަކުގެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިގޮތުން، އެސްއެމްއީ ޑިޖިޓަލް އިން ވަނީ ބިޒްނަސް ސެންޓާ ކޯޕަރޭޝަންއާ ގުޅިގެން، ޔޫތު އޮންޓްރަޕްރިނިއާޝިޕް ފައިނޭންސިން ލިބުނު ފަރާތްތަކަށް މެންބާޝިޕާއި ވިޔަފާރީގެ ތަމްރީނު އަދި ވިޔަފާރި ފޯމަލައިޒް ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައި ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.
އެމްއެމްއޭ
ގދ. ތިނަދޫ
ކޮމެންޓް