ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރު އަށް ދާއިރާއަކަށް މިއަދު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ މި ފަހަރު ފުރުސަތު ހުޅުވާލާފައިވަނީ ހެންވޭރު އުތުރު ދާއިރާ، މިލަންދޫ ދާއިރާ، ވެލިދޫ ދާއިރާ، ތުޅާދޫ ދާއިރާ، ފެލިދޫ ދާއިރާ، މުލަކު ދާއިރާ، ނިލަންދޫ ދާއިރާ، އަދި ގުރައިދޫ ދާއިރާއަށް ކަމަށެވެ.
މި ބައްދަލުވުންތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރައީސް އޮފީހުގެ ޕޯޓަލް (rayyithungeadu.presidency.gov.mv) މެދުވެރިކޮށް، މި މަހުގެ 31 ވާ ހޯމަ ދުވަހުގެ ރޭ 12:00 ގެ ކުރިން ނަން ނޯޓުކުރަން ޖެހޭނެކަމަށް ރައީސް އޮފީހުން ބުންޏެވެ.
ބައްދަލުވުންތަކަށް ފުރުސަތު ދިނުމުގައި، އެދޭ މީހުންގެ އަދަދަށާއި ކަނޑައެޅިފައިވާ ވަގުތުގެ އިތުރުން އިދާރީ އިންތިޒާމުތަކަށް ބަލާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ޕްރޮގްރާމަކީ ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ފަށާފައިވާ ކަމެކެވެ.
ބައްދަލުވުމަށް ހާޒިރުވާ ފަރާތާއެކު އެ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާ، އެއް ދަރި އަދި މަންމަ ނުވަތަ ބައްޕަ ބައިވެރިކުރެވޭ އިރު، ކޮންމެ ބައްދަލުވުމަކަށް 10 މިނެޓުގެ ވަގުތެއް ދެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުވުންތަކުގައި އަމިއްލަ ވާހަކަތަކާއި، ވަޒީފާގެ ދާއިރާގެ ކަންކަމާއި މުޅި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭގޮތުން ވާހަކަދެއްކޭނެކަމަށް ރައީސް އޮފީހުން ބުންޏެވެ.
ބައްދަލުވުމުގެ އުސޫލުގައިވާ ގޮތުން، ހުރިހާ ބައިވެރިންވެސް އަދަބުވެރިކަމާއެކު އަމަލުތައް ބަހައްޓަންވާނެއެވެ. ބިރުދެއްކުމާއި ހުތުރު ބަހުން މުއާމަލާތް ކުރުމާއި މަސްލަހަތު ގެއްލޭ ފަދަ އަމަލުތަކަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ބައްދަލުވުން އޮންނާނެ ވަގުތާއި ތާރީހު، ފޯމު ހުށަހަޅާއިރު ދީފައިވާ މުއާމަލާތް ކުރާ ވަސީލަތެއް މެދުވެރިކޮށް އެ ފަރާތްތަކަށް އަންގާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް