ހަގީގަތް ނުބަލައި، ޒިންމާދާރުކަމެއް ނެތި ދައްކާ ކޮންމެ ވާހަކައަކާއި، ލިޔާ ކޮންމެ ދޮގު ހަބަރަކީ ގައުމާ ދެކޮޅަށް ކުރެވޭ ކަމެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމުން މިރޭ ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ މީހަކަށްވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް ނަމަވެސް، ވާހަކަ ދައްކަންވާނީ ތެދު ހަގީގަތް ބަލައި، ޒިންމާދާރުކަމާއެކުގައި ކަމަށެވެ. ހަގީގަތާ ހިލާފަށް ކަންކަން ކުރުމަކީ، ގައުމުގެ މިނިވަންކަން ދިފާއުކުރުމަށް މާޒީގައި ގައުމީ އަބްތާލުން ވެވަޑައިގެންނެވި މަތިވެރި ގުރުބާނީއަށް ވެވޭ ހަރާމްކޯރުވުމެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ގައުމާ ދެކޮޅުވެވޭނެ ގަލަމުން ލިޔާ އެއްޗަކުންވެސް، ގައުމާ ދެކޮޅަށް ކުރެވޭ ކަންކަން ގަލަމުން ލިޔާ ކޮންމެ ދޮގު ވާހަކައަކީ ކޮންމެ ދޮގު ހަބަރަކީ ހަގީގަތް ނުބަލާ ޒިންމާދާރުކަމެއް ނެތި ލިޔާ ކޮންމެ އެއްޗަކީ ދުލުން ބުނެވޭ ކޮންމެ އެއްޗަކީ ގައުމާ ދެކޮޅަށް ބުނެވޭ އެއްޗެއް. ޒިންމާދާރުވާން ޖެހޭނެ، ކޮންމެ މީހަކަށްވެސް އެބައޮތް އެ މީހާގެ ފުރިހަމަ މިނިވަންކަން އަމިއްލަ އިހުތިޔާރު ތެދު ހަގީގަތް ބަލައިގެން ވާހަކަ ދެއްކުން. އެހެންވީމާ އެކަން ނުކޮށް ކުރާ ކޮންމެ ކަމަކީ ގައުމާ ދެކޮޅަށް ކުރެވޭކަމެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ވެރިކަމާއި ބާރާއި ނުފޫޒު ހޯދުމަށްޓަކައި މީގެކުރިންވެސް ގައުމުގެ އިޖުތިމާއީ ފޭރާން ހަލާކުކޮށްލުމަށް ރޭވިގެން ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން، ރަށްރަށުގެ ކައުންސިލް އިދާރާތަކަށް މަސް އެޅުމާއި، އެކި ނަންނަމުގައި ވެބްސައިޓުތައް ހަދައިގެން ވެރިންނަށާއި އެ ބޭފުޅުންގެ އާއިލާތަކަށް ބަދުބަސް ބުނެ އަގުވައްޓާލަން ކުރި މަސައްކަތްތަކަކީ މުޖުތަމައުގައި އޮތް އިހުތިރާމް ކުރުމުގެ ރީތި އާދަ ނައްތާލި ކަންކަން ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން، ގައުމެއްގެ ހަގީގީ ތަރައްގީ ގުޅިފައިވަނީ ހަމައެކަނި އުމްރާނީ ތަރައްގީއާ ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކިތަންމެ ގިނަ އިމާރާތްތަކެއް ބިނާކޮށް، އަތްލެވޭ ތަރައްގީ ގެނައި ނަމަވެސް، ވިސްނުމާއި ސިކުނޑި ހެޔޮގޮތުގައި ތަރައްގީ ނުކުރެވޭ ނަމަ، ވަށާޖެހޭ ތަރައްގީއެއް ނާންނާނެ ކަމަށެވެ.

އެހެންކަމުން، މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމް ކުރުމާއި، އަޅާލުމާއި، އޯގާތެރިކަން އަށަގެންނެވުމަކީ މުހިންމު ކަމެއް ކަމަށާއި، ހާއްސަކޮށް ކުޑަކުދިންނާއި ޒުވާނުން ރަނގަޅު އަހުލާގުގެ މަތީގައި ތަރުބިއްޔަތު ކުރުމަކީ އެންމެންގެ ޒިންމާއެއްކަމަށް ރައީސް ވިދާޅުވިއެވެ.