ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިމްމާލުމަށްފަހު، މަޖިލިސް މިއަދު ޗުއްޓީއަށް ގޮސްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ނިންމަން ޖެހެއެވެ.
ނަމަވެސް މަޖިލީހުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރި ކަމަށްބުނެ، ދެ ފަހަރެއްގެ މަތިން މަޖިލީހުގެ މި ދައުރު ދަންމާލިއެވެ. އެގޮތުން ދައުރު ނިންމާލަން ފުރަތަމަ ފާސްކުރި ތާރީހަކީ މިމަހުގެ 22 އަށެވެ. ނަމަވެސް އެންމެ ފަހުން މަޖިލީހުން ފާސްކުރީ މިމަހު 27 (މާދަމާ) މާދަމާގެ ނިޔަލަށް މުއްދަތު އިތުރު ކުރުމަށެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް ވަނީ މިއަދުން ފެށިގެން މަޖިލިސް ދެވަނަ ދައުރުގެ ޗުއްޓީއަށް ދިޔަކަން އިއުލާން ކުރައްވައިފައެވެ.
ގާނޫނުއަސާސީގެ 83 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އަހަރެއްގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް، ބެހިގެންވާނީ ތިން ދައުރުގެ މައްޗަށެވެ. އެގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މަޖިލީހުގެ ތިންވަނަ ދައުރު، އަހަރުގެ އެންމެ ފަހު ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
މަޖިލިސް ގަވާއިދު ބުނާގޮތުން މަޖިލީހުގެ ޖަލްސާތައް ބެހިގެންވާ ތިން ދައުރުގެ ތެރެއިން، ކޮންމެ ދައުރެއްގެ ވެސް ފުރަތަމަ ޖަލްސާ ބާއްވާނީ، އެ ދައުރެއް ފެށޭ ތާރީހާ ވިދިގެން އަންނަ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުރާސްފަތި ދުވަހުއެވެ. އެ ދައުރު ނިމޭ ޖަލްސާ ބާއްވާނީ އެ ދައުރުގެ ތެރޭގައި އަންނަ އެންމެ ފަހު ބުރާސްފަތި ދުވަހު ނުވަތަ ހޯމަ ދުވަހުއެވެ.
ނަމަވެސް މަޖިލީހުގެ ގަވާއިދުގައި މިގޮތަށް ކަނޑައަޅާފައިވީ ނަމަވެސް މަޖިލިސް ޖަލްސާއިން ފާސްކޮށްގެން ދައުރު ދައްމާލުމުގެ ބާރު މަޖިލީހަށް ލިބިގެންވެއެވެ. އެގޮތުން މަޖިލީހުން ފާސްކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުވެސް ކުރިއަށް ގެންދިޔައީ މެއި މަހުގެ 31 ގެ ނިޔަލަށެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް