ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެން ޖެހި، ނުލިބިވާ ފައިސާއެއް، އެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، ޝަރީއަތް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ އިހުތިޔާރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އޮންނަ ގޮތަށް، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިއަދު މަޖިލީހުން ފާސްކޮށްފިއެވެ.
އެ ބިލުގައި ޓެކްސް ނޫން ނަމަވެސް ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދުން ވަނީ ބަންޑާރަ ނާއިބުގެ ބަދަލުގައި މީރާއަށް ދީފައެވެ.
ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިސްމާއީލް މަޖިލިހަށް ހުށަހެޅި ބިލުގައި ބުނެފައިވަނީ ގާނޫނަށް މި އިސްލާހު ގެނައުމުގެ ބޭނުމަކީ ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާން ހުށަނާޅާ ހާލަތުގައި އެ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ބިނާކުރުމުގެ އިހުތިޔާރު މީރާއަށް ލިބިދިނުން ކަމަަށެވެ.
އެކަމާ ބެހޭ އުސޫލުތައް ގާނޫނުގައި ހިމެނުމާއި، ގާނޫނުގެ ދަށުން މީރާއިން ހިންގާ އޮޑިޓްތަކާއި ތަހުގީގުތައް ހިންގުމުގެ އުސޫލުތަކާއި އިޖުރާއަތްތަކާއި ޓެކުހުގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގައި މީރާއަށް ލިބިގެންވާ ބާރުތައް މުރާޖައާކޮށް، ޓެކުހާ ގުޅޭ ކުށާއި ކުށުގެ އަދަބުތައް އިސްލާހުކުރުންވެސް މި ބިލަށް އިސްލާހު ގެނައުމުގެ ސަބަބުތަކުގެ ތެރޭގައި ވަޏީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން ޓެކުހުގެ ނިޒާމު ހިންގައި ތަންފީޒުކުރުން ހަރުދަނާކުރުމަށް މި ގާނޫނު އިސްލާހުކުރުންވެސް އިސްލާހު ގެނައުމުގެ ބޭނުމުގެ ތެރޭގައި ވަނީ ހިމަނައިފައެވެ.
މި ބިލުގައިވާގޮތުން ޓެކުހާ ގުޅޭ އެކި ކުށްތައް ތަފްސީލުކުރުމާއެކު ކުށުގެ އަދަބުތައް ވަނީ ބޮޑުކޮށްފައެވެ. އެގޮތުން މިހާރު ގާނޫނުގައި ހިމަނާފައިނުވާ ބައެއް ކަންކަން ކުށުގެ ގޮތުގައި ހިމަނާފައިވެސް ވެއެވެ.
އެގޮތުން، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ އަމުރެއްގެ ދަށުން ހަރަކާތްތެރިވާ ފަރާތަކުން ކުރެވޭ މަސައްކަތަކަށް އެއްވެސް ހުރަހެއް އަޅައި، ބާރުގެ ބޭނުންކޮށް، ރިޝްވަތުދީ، ލިޔުމަކުން ނުވަތަ އަނގަބަހުންވިޔަސް ބިރުދެއްކުން ފަދަ ގޮތަކުން ނުފޫޒު ފޯރުވުމާއި، އެނޫންވެސް ގޮތަކުން އެކަމުގައި ބައިވެރިވެ އަދި އެކަމަށް އެހީތެރިވުމަކީ ކުށެއް ކަމަށް ވަނީ ކަނޑައަޅައިފައެވެ.
އެފަދަ ކުށެއް ކުރާ ފަރާތެއްގެ އަދަބަކީ 200،000 ރުފިޔާއިން ޖޫރިމަނާ ކުރުން ކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.
މި ބިލުގައި ވާގިތުން ހާމަކުރާ ސިއްރު މައުލޫމާތުގެ ތެރެއިން އާންމުކުރެވޭ ނުވަތަ އެ މައުލޫމާތު އާންމުކުރުން ގާނޫނު ހުއްދަކުރާ މައުލޫމާތު ފިޔަވައި އެނޫން ކޮންމެ މައުލޫމާތެއްގެ ސިއްރުކަން އެ މައުލޫމާތު ލިބޭ ފަރާތުން ދަމަހައްޓަންވާނެއެވެ.
ނަމަވެސް، ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި ހިނގަމުންދާ ޝަރީއަތެއްގެ ބޭނުމަށް މައުލޫމާތު ހާމަކުރުމަކަށް ހުރަސް ނާޅާކަމަށްވެސް ބުނެފައިވެއެވެ.
ޓެކްސް ގާނޫނެއްގެ ދަށުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާނެއް ހުށަނާޅާ ފަރާތެއްގެ މައުލޫމާތު ނުވަތަ ޓެކްސް ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކުހެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ގާނޫނެއްގެ ދަށުން މީރާއަށް ބަލައިގަންނަ ޓެކްސް ފިޔަވައި އެނޫން ފައިސާ އާއި ޖޫރިމަނާ ނުދައްކާ ފަރާތެއްގެ މައުލޫމާތު ހާމަކުރުމަކީ ސިއްރު ހިފެހެއްޓުމާ ހިލާފު ކަމެއް ނޫން ކަމަށްވެސް ބިލުގައިވެއެވެ.
އިބްރާހިމް ޒަކީ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
ކޮމެންޓް