ކުދި ޖަޒީރާ ގައުމުތަކަށް އަމާޒުކޮށްގެން ބޭއްވި "ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026" އަދި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" ގައި ކުރެވުނު މަޝްވަރާތައް އަމަލީ މަސައްކަތަށް ބަދަލުކުރަންޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވި މި ފޯރަމްގައި ރާއްޖެއިން ވަނީ މުހިންމު ކަންތައްތަކަކަށް އިސްކަންދޭކަން ފާހަގަކޮށްފައެވެ. އެގޮތުން، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް ކުރިއެރުވުމާއި، ވިލުންތެރިކަން އިތުރުކުރުމުގެ އިތުރުން ސިޑްސްގެ ގައުމުތަކުގައި އެންމެން ޝާމިލުވާ އިގުތިސާދީ ކުރިއެރުން ހޯދުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ވަނީ ތަކުރާރުކުރައްވައިފައެވެ.
މި ފޯރަމްގައި ރާއްޖޭގެ ޕެނަލިސްޓުން ގިނަ ދާއިރާތަކަކުން މުހިންމު މައުލޫމާތުތަކެއް ހިއްސާކޮށްފައިވާކަން ފާހަގަކުރައްވައި، އެކަމާ މެދު ފަހުރުވެވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ތެރޭގައި މާލީ ކަންކަން ފަހިކުރުމާއި، ވިލުންތެރި ފަތުރުވެރިކަމާއި، އަމިއްލަ ވިޔަފާރިތައް އިސްވެ އޮވެ އިގުތިސާދު ކުރިއެރުވުމާއި، ޑިޖިޓަލައިޒޭޝަން އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން، ދިވެހި އުފެއްދުންތަކާއި ވިޔަފާރިތައް ވެސް މި ފޯރަމްގައި ވަނީ ދައްކާލައިފައެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ފޯރަމްގައި ބިނާކުރަނިވި މަޝްވަރާތައް ކުރުމާއި، މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ގުޅުން ބަދަހިކުރުމަށް ލިބުނު ފުރުސަތު ފާހަގަކުރައްވައި، އދ. އަށާއި ސިޑްސްގެ ގައުމުތަކުގެ އިތުރުން ބައިވެރިވި އެހެނިހެން ފަރާތްތަކަށް ސައީދު ވަނީ ޝުކުރު އަދާކުރައްވައިފައެވެ. އަދި މިހާރު އޮތީ މި މަޝްވަރާތަކުގެ އަލީގައި އަމަލީ ގޮތުން މަސައްކަތް ފެށުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ އިގްތިސޯދީ ގޮންޖެހުންތަކުން އަރައިގަތުމަށް މަޝްވަރާކުރުމާއި، އިންވެސްޓްމަންޓްތައް ދެމެހެއްޓުމުގައި ވިޔަފާރިތަކާއި މަދަނީ ޖަމިއްޔާތަކުގެ ހިއްސާ އިތުރުކުރުމުގެ މަގުސަދުގައި ބޭއްވި މި ފޯރަމް ކުރިއަށްގެންގޮސްފައިވަނީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ބާސެލޯސް ނަސަންދުރާ ހޮޓެލްގައެވެ. ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މި ފޯރަމަށް މިއަހަރު ދިހަ އަހަރު ފުރޭނެއެވެ.
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
ކޮމެންޓް