ބަދަލު ދިނުމަށްފަހު، ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމާއި ތަންތަން ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނެގުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދޭން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
ރައްޔިތުންގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހައްނާނު މިމަހުގެ 10 ވަނަ ދުވަހު މި ބިލު މަޖިލީހަށް ހުށަހެޅިއިރު އޮތީ، އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އަދި ކައުންސިލްތަކުގެ ބަހެއް ހޯދުމަކާ ނުލައި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމާއި ތަންތަން އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނެގުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދޭންގޮތަށެވެ.
އެކަމާ ގުޅިގެން ބިލް އަނބުރާ ގެންދަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅިއެވެ. އަދި ބިލް އޮތްގޮތަށް ފާސްކުރަން ގަވާލާ ވެސް ޕެޓިޝަނެއް ހުށަހެޅިއެވެ.
އެ ދެ ޕެޓިޝަނަށްް މަޖިލިސް ތަޅުމުގައި ބަހުސް ކުރިއެވެ.
އެއަށްފަހު މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ބިލް ދިރާސާކޮށް ނިންމި އިރު އެ ބިލަށް ވަނީ އިސްލާހުތަކެއް ނެގެސްފައެެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ބިލް ފާސްކުރީ، ކައުންސިލްގެ އިހުތިސޯސުން ވަކިކުރެވޭ ބިމުގައި ނުވަތަ ތަނުގައި ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ކައުންސިލުން ނުވަތަ ތިންވަނަ ފަރާތަކުން އިންވެސްޓްމަންޓެއް ކޮށްފައިވާނަމަ، އެފަދަ އިންވެސްޓްމަންޓްތަކަށް މާލީ ކަންކަން ހިންގުމާ ބެހޭ ވުޒާރާއިން ކަނޑައަޅާ އެކަށީގެންވާ ބަދަލެއް ދޭންޖެހޭ ގޮތަށެވެ.
ބިލުގައި ބުނެފައި ވަނީ، ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި، ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް، އެ ތަންތަން ކައުންސިލްގެ އިހުތިސާސުން ވަކި ކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށާއި، އެގޮތަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށްފަހު، އެކަން ކަމާބެހޭ ގައުމީ އިދާރާއިން ކައުންސިލަށް އެންގުމުން، އެ ބިމެއް ނުވަތަ ތަނެއް ކައުންސިލްގެ މިލްކިއްޔާތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރުހިނގާ ބިމާއި ތަންތަން ކަމުގައި ވެގެންދާނެ ކަމަށެވެ.
ނަމަވެސް ކައުންސިލްގެ އިހްތިސާސްގެ ތެރެއިން ބިމެއް ނުވަތަ ތަނެއް ވަކިކުރުމުގެ ކުރިން ގައުމީ އިދާރާއިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތަކެއްވެސް ބިލުގައި ވަނީ ހިމަނައިފައެވެ.
އެ އިޖުރާއަތްތައް:
- ކައުންސިލްގެ އިހްތިސާސްގެ ތެރެއިން ވަކިކުރަން ބޭނުންވާ ބިން ނުވަަތަ ތަނުގެ މައުލޫމާތާއި އެ ބިމެއް ނުވަތަ ތަނެއްގައި ސަރުކާރުން ހިންގުމަށް ކަނޑަޅާ ތަރައްގީގެ މަޝްރޫއާ ގުޅޭ މައުލޫމާތު އާއްމުކުރުން
- އެ ތަރައްގީގެ މަޝްރޫއާ ގުޅޭ މައުލޫމާތު އެ މަޝްރޫއެއް ހިންގަން ނިންމާފައިވާ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލާ ހިއްސާކޮށް، ކައުންސިލްގެ ހިޔާލާއި މަޝްވަރާ ހޯދުން. އެގޮތުން ކައުންސިލުން ހުށަހަޅަން ބޭނުންވާ ހިޔާލެއް ނުވަތަ ޝަކުވާއެއް ހުށަހެޅުމަށް މަދުވެގެން 14 ދުވަހުގެ މުއްދަތެއް ދިނުން.
- އެ ތަރައްގީގެ މަޝްރޫއެއް ހިންގަން ނިންމާފައިވާ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލްގެ އިތުރުން، އެ މަޝްރޫއާ ގުޅޭ ގޮތުން އެއްވެސް ހިޔާލެއް ނުވަތަ ޝަކުވާއެއް ހުށަހަޅަން އެއްވެސް ފަރާތަކުން ބޭނުންވާނަމަ އެ ހިޔާލެއް ނުވަތަ ޝަކުވާއެއް ހުށަހެޅުމަށް މަދުވެގެން 14 ދުވަހުގެ މުއްދަތެއް ދިނުން.
- މި މާއްދާގެ މި އަކުރުގެ 2 ވަނަ ނަމްބަރާއި 3 ވަނަ ނަމްބަރުގެ ދަށުން ލިބޭ ހިޔާލުތަކާއި ޝަކުވާތަކަށް ރިއާޔަތްކޮށް، އެ ބިމެއްގައި ނުވަތަ ތަނެއްގައި ކުރުމަށް ނިންމާފައިވާ ތަރައްގީގެ މަޝްރޫއައް އެއްވެސް ބަދަލެއް ގެންނަންޖެހޭނަމަ އެ ބަދަލެއް ގެނައުން.
- ކައުންސިލްގެ އިހްތިސާސުން ވަކި ކުރެވޭ ބިމުގައި ނުވަތަ ތަނުގައި ގާނޫނު ހުދަކުރާ ގޮތުގެމަތިން ކައުންސިލުން ނުވަތަ ތިންވަނަ ފަރާތަކުން އިންވެސްތްމަންޓެއް ކޮށްފައިވާނަމަ، އެފަދަ އިންވެސްޓްކަންޓަކށް މާލީ ކަންކަން އިނގުމާބެހޭ ވުޒާރާއިން ކަނޑައަޅާ އެކަށީގެންވާ ބަދަލެއް ދިނުން
ތަފްސީލް އަންނަނީ
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް