ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ގދ. ގައްދޫ، ތިބުރޯޒުގެ އައިޝަތު އަރީފާ އާއި ށ. ކަނޑިތީމު، ރަތްވިލާގެ މުހައްމަދު އާރިފް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

އެލްޖީއޭގެ ބޯޑަށް މަޖިލީހުން އައްޔަންކުރާ މެންބަރުންގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، މަޖިލީހުން ކަނޑައަޅުއްވާ މެމްބަރުންގެ ގޮތުގައި އައްޔަންކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

އެމަނިކުފާނު ފޮނުއްވާފައި ވަނީ މިންތީގެ ހަމަހަމަކަމުގެ ދާއިރާއިން އަންހެން މެންބަރަކާއި ގަވާނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މެންބަރަކު އައްޔަން ކުރެއްވުމަށެވެ.

މިންތީގެ ހަމަހަމަކަން ނުވަތަ ޖެންޑާ އިކުއަލިޓިގެ ދާއިރާއިން އެލްޖީއޭގެ ބޯޑަށް އައްޔަން ކުރެއްވުމަށް ފޮނުއްވެވީ އައިޝަތު އަރީފާއެވެ. ގަވާނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އައްޔަން ކުރަން ފޮނުއްވާފައި ވަނީ މުހައްމަދު އާރިފްގެ ނަންފުޅެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާރިފްގެ ނަން ފާސްކުރީ ޖަލްސާގައި ތިއްބެވި 60 މެންބަރުންގެ ތެރެއިން 59 ވޯޓު ދެއްވައިގެންނެވެ. އަދި އަރީފާގެ ނަން ފާސްކުރީ ޖަލްސާގައި ތިއްބެވި 60 މެންބަރުންގެ ތެރެއިން ޕީއެންސީގެ 48 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެމްޑީޕީގެ ނުވަ މެންބަރުން ވޯޓު ދެއްވީ އަރީފާ އެ މަގާމަށް އައްޔަން ނުކުރުމަށެވެ