ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކަނޑައަޅާ އިރު، އެ އަތޮޅެއް ނުވަތަ އެ ހިސާބުގައި ދިރިއުޅޭ ރައްޔިތުންގެ ބަހެއް އޮންނަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

މެންބަރު ޝަމްހީދު މިހެން ވިދާޅުވީ، ފަޅު ރަށާއި ފަޅު ކުއްޔަށްދިނުމާ ބެހޭ ގާނޫނުގެ ބިލުން ފާހަގަ ކުރެވޭ ކަންތައް ފާހަގަކުރައްވައި އެ ބިލުގެ ބަހުސްގައި މިއަދު ވާހަކަ ދައްކަަވުންނެވެ.

މި ބިލުގައި ބުނަނީ، ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށަ އަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

ޝަމްހީދު ވިދާޅުވީ، އެގޮތަށް ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށަ އެޅޭގޮތަށް މުތުލަގަށް ރައީސުލްޖުމްހޫރިއްޔާއަށް ބާރުދިނުމަކީ ރަނގަޅު ގޮތް ނޫން ކަމަށެވެ.

"މިސާލަކަށް ކެންދޫއާ ޖެހިގެން އޮވެދާނެ ވަރަށް ކައިރީގައި، ނުވަތަ އެހެން ރަށަކާވެސް ޖެހިގެން އޮވެދާނެ ވަރަށް ރީތި ފަޅުރަށެއްވެސް އެ ރަށުގައި ބޮޑު އިންޑަސްޓްރިއަލް ނޫނީ ވިހަ ގޭސް އުފެދޭ ކަހަލަ ކާރުހާނާއެއް ހަދަންވެސް އެރަށު މީހުނާ މަޝްވަރާ ނުކޮށް ރައީސުލްޖުމްހޫރިއްޔާއަަށް ކަނޑަައެޅޭ ގޮތަށް މިއޮތީ،"

ޝަމްހީދު ވިދާޅުވީ އެގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް މުތުލަގަށް އެ ބާރު ދިނުމަކީ، ގާނޫނުއަސާސީ އާއި ގާނޫނު ތަސައްވުރު ކޮށްދޭ ކަމެއް ނޫން ކަމަށެވެ.

ޝަމްހީދު ވިދާޅުވީ ފަޅު ރަށްރަށް ރަށާއި ފަޅުތައް އެކި ކަންކަމަށް ކަނޑައަޅާ އިރު، އެ އަތޮޅެއް ނުވަތަ އެ ސަރަހައްދުގެ ރައްޔިތުންގެ ބަހެއް އޮންނަންވާނެ ކަމަށެވެ.

ހުރިހާ ރަށެއް ނުވަތަ ހުރިހާ ފަޅެއް ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައެޅޭނެ ފަދަ ގޮތަކަށް އޮތުމުގެ ބަދަލުގައި އެ ސަރަހައްދެއްގެ 20 ޕަސެންޓް ނަމަވެސް ހިމާޔަތް ކުރެވޭ ގޮތަށް ގާނޫނުގައި އޮތުން މުހިއްމު ކަމަށްވެސް ޝަމްހީދު ވިދާޅުވިއެވެ.