ވައްކަކޮށްފައި ނޯންނާނެ ކަމަށާއި ލާރި ހޯދަނީ މަސައްކަތް ކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެއްކި ވާހަކައިގައި، އިދިކޮޅު އެމްޑީޕީ މެންބަރުންނަށް ރައްދުދެއްވަމުން ފަލާހު ވިދާޅުވީ، އޭނައާ ގުޅުވައިގެން ދެކެވޭ ކޮރަޕްޝަން މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލައިދިނުމަށް އެދޭ ކަމަށެވެ.

"އަޅުގަނޑާ ބެހޭގޮތުން ސޯޝަލް މީޑިއާއިން ފެނުނު ކޮޅުވެއްޓިއެއް ވިއްކާލި ވާހަކަ އެމްޑަބްލިއުއެސްސީއަށް، އަޅުގަނޑެއް އެކަމާބެހޭގޮތުން އެއްވެސް ވާހަކައެއް ނުދައްކަން އަޅުގަނޑު ބޭނުން މާލއިްޔަތު ކޮމިޓީން އެކަންތައް ބަލައިދޭން، ލައިވްކޮށް، މުޅި ރާއްޖެއަށް ފެންނަގޮތަށް އެކަންތައް ބަލަން ޖެހޭނީ ވެސް. ނުވަލައްކަ ރުފިޔާއަށް ލިބޭ ކޮޅުވެއްޓިއެއް 17 މިލިޔަނަށް ވިއްކައިލި ވާހަކަ އޮތީ،"

ފަލާހު ވިދާޅުވީ އޭނާގެ ވައްކަމުގެ މައްސަލައެއް ނުފެންނާނެ ކަަމަށެވެ. އެއީ ވައްކަން ނުކުރާތީ ކަމަށްވެސް ވިދާޅުވިއެެވެ.

މީގެ ކުރިން އޮތް އެމްޑީޕީ ސަރުކާރުން ވެސް އޭނާއާ ގުޅޭ ގޮތުން ފެރީތަކެއްގެ ވައްކަމާ ބެހޭ މައްސަލައެއް ބަލަން އުޅުނު ކަމަށެވެ. ނަމަވެސް ވެރިކަން ނިމިދިޔައިރުވެސް އެކަން ނުބެލުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފައިސާ ހަދަނީ ހަލާލު މަސައްކަތުން ކަމަށެވެ.

"އަޅުގަނޑުމެން މީ ވައްކަންކޮށްގެން އުޅޭ ބައެއްނޫން ރައީސް، އަޅުގަނޑުމެން ހަލާލު މަސައްކަތްކޮށްގެން ލާރި ހޯދަނީ، ކޮންމެ ދުވަހަކު ފަތިސް ނަމާދަށް ތެދުވެ ޖަމާއަދުގަ ނަމާދުކޮށްގެން ހެންދުނުން ފެށިގެން ގޮސް ރޭނގަނޑު ބާރަ ޖަހަންދެން މަސައްކަތުގަ އުޅެނީ، ހަލާލު މަސައްކަތް ކޮށްގެން ލާރި ހޯދަނީ،"