ގާނޫނު ވުޖޫދު ވުމުގެކުރިން ކުރި ކުށްތަކަށް ވެސް ފިޔަޅު އަޅަން ހިމަނައި، ކުށްކޮށްގެން ހޯދާ މުދާ، ދައުލަތަށް ނެގުމާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހަޅުއްވި މި ބިލުގެ ބޭނުމެއްގެ ގޮތުގައި ބިލުގައި ހިމަނާފައި ވަނީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މާލީ މަންފާގެ ބޭނުންކުރުން ހުއްޓުވައި، ނުހައްގުން ހޯދާ އެފަދަ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދު ކުރުމަށްޓަކައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ގާނޫނީ އޮނިގަނޑެއް ތައާރަފު ކުރުން ކަމަށެވެ.
އެގޮތުން މި ބިލުގެ ދަށުން ގާއިމްކުރާ ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ނިޒާމު ބައްޓަންކޮށްފައި ވަނީ އަންނަނިވި މައިގަނޑު ކަންކަން ހާސިލް ކުރުމަށެވެ.
ބިލުގައިވާގޮތުން ކުށް ކޮށްގެން ހޯދާ މުދަލާއި ކުށް ކުރަން ބޭނުންކުރާ މުދާވެސް ދައުލަތަށް ނެގޭނެއެވެ.
ދައުލަތަށް މުދާ ނެގޭނެ ކުށްތަކުގެ ތެރޭގައި މަނީ ލޯންޑަރިން އާއި ޓެރަރިޒަމާ ގުޅުން ހުރި ކުށްތަކާއި މީހަކު މެރުމާއި މަސްތުވާތަކެއްޗާއި މީހުންނާއި ހަތިޔާރު ޓްރެފިކް ކުރުމާއި އެކްސްޕްލޮއިޓޭޝަންގެ އަމަލު އެކުލެވޭ ޖިންސީ ކުށާއި ކައުންޓާފިޓް ކުރުމާއި ކޮރަޕްޝަނާއި އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތައް ހިމެނެއެވެ.
މީގެ އިތުރުން ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށުގެ ތެރެއިން 500،000 ރުފިޔާއިން މަތީ ފައިސާގެ އަދަދު ހިމެނޭ ކުށްތަކާއި ފޭރުމާއި ވައްކަމާއި ހިޔާނާތާއި މުދާ ސްމަގަލް ކުރުންފަދަ ކުށްތަކުގެ ތެރެއިން 100،000 ރުފިޔާއިން މަތީގެ ފައިސާގެ އަދަދު ހިމެނޭ ކުށްތަކާއި ޖިނާއީ ބޮޑު ކުށެއް ކަމުގައި ގާނޫނުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރެއިން ކުށް ކޮށްގެން މުދާ ހޯދޭނެ ކޮންމެ ކުށެއްގައި ވެސް ދައުލަތަށް މުދާ ނެގޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
މިފަދަ ކުށްތައް ރާއްޖޭން ބޭރުގައި އަދި ގާނޫނު ވުޖޫދަށް އައުމުގެ ކުރިން ކުރި ނަމަވެސް އާ ގާނޫނުގެ ތެރެއިން ފިޔަވަޅު އެޅޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ކުށުގެ ތުހުމަތުވާ ފަރާތުގެ މައްޗަށް ކުށް ސާބިތުވިޔަސް ނުވަތަ ނުވިޔަސް މުދާ ނެގޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ދައުލަތަށް މުދާ ނެގުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އިރުޝާދުތަކަށް ރިއާޔަތް ކުރަންވާނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
ބިލުގައިވާގޮތުން މި ގާނޫނަށް އަމަލުކުރާތާ 30 ދުވަހުގެ ތެރޭގައި "އެސެޓް މެނޭޖްމަންޓް އޮތޯރިޓީ" ގެނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. މިއީ މާލީ ވުޒާރާގެ ދަށުން މަޖިލީހަށް ޖަވާބުދާރީވާ ގޮތަށް އުފައްދާ މިނިވަން އިދާރާއެކެވެ.
މި އިދާރާއިން ދައުލަތަށް ނޭގޭ މުދާ ރައްކާތެރިކަމާއެކު ބަލަހައްޓައި، އަގުމަގުކުރުމާއި ދަފްތަރު ކުރުމުގެ ކަންކަން ކުރަން ޖެހެއެވެ. އަދި ކުށުގެ ޝިކާއަރައަށްވާ މީހަކަސް ބަދަލު ދިނުމަށް ހުށަހެޅުމުން އެ ބަދަލު ދިނުމުގެ ކަންކަން ކުރާނީ ވެސް އެ އިދާރާއިންނެވެ.
މި ގާނޫނަށް އަމަލުކުރާތާ 60 ދުވަހުގެ ތެރޭގައި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށްފަހު ކުށްކުރުން ހުއްޓުވުމަށާއި ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލު ދިނުމާ ގުޅޭ ހަރަދުތައް ބެލެހެއްޓުމަށް "ރިކަވާޑް އެސެޓް ފަންޑެއް" ގާއިމު ކުރާނެއެވެ. މީގެ އިތުރުން ބިލުގައި ބަޔާންކޮށްފައިވާ ކުށްތަކާ ގުޅުން ހުރި ކަންކަމުގައި އެހެން ގައުމުތަކުގެ އެހީތެރި ކަމަށް އެދުމުގެ ބާރުވެސް މި ބިލުން ޕްރޮސެކިއުޓާ ޖެނެރަލަށް ލިބިގެންވެއެވެ.
މި ބިލުގައި ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމުގެ އުސޫލުތަކާއި ބޭރު ގައުމުތައް މެދުވެރިކޮށް ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލުތައްވެސް ތަފްސީލުކޮށް ވަނީ ބަޔާންކޮށްފައެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް