އިރުއަރައިގެން އަންނަ ވަގުތު ރާއްޖޭގެ ބައެއް ރަށްރަށުގެ ބަނދަރުތަކާއި ފަޅުތަކުން ފެންނަ އެންމެ އާދަޔާ ހިލާފު އެއް މަންޒަރަކީ ބޮޑެތި އައިންތަކުގައި މުށިމަސް ވަންނަ މަންޒަރެވެ. މިއީ ރަށުގެ ކުދިބޮޑު އެންމެންނަށް އުފާވެރިކަން ގެނެސްދޭ ކަމެކެވެ. ފަތިހުގެ ފިނިކަމުގެ ތެރޭގައި، ކުދި ނަނުތައް ނުވަތަ ދޮށި ހިފައިގެން ބަނދަރުމައްޗަށް މީހުން ޖަމާވެ، މުށިމަސް ބޭނުމުގެ ފޯރިގަނޑު ފަށައެވެ.

މެރިން ރިސާޗް އިންސްޓިޓިއުޓްގެ ދިރާސާތަކުން ދައްކާ ގޮތުގައި، މުށިމަސް ނުވަތަ (ބިގްއައި ސްކޭޑް) އަކީ ރާއްޖޭގެ އެތެރެވަރީގެ ކަނޑުތަކާއި ފަޅުތަކުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ. މުށިމަސް ބަނދަރަށް ވަނުމަކީ ހަމައެކަނި ކެއުމަށް މަސް ހޯދުމުގެ އިތުރުން، ރަށުގެ މީހުން އެއްތަންވެ، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ވެސް ލިބޭ ރަނުގެ އަގުހުރި ފުރުސަތެކެވެ.

މި މަސް ބާނަން އާންމުކޮށް ބޭނުންކުރަނީ 10 ނަންބަރާއި 15 ނަންބަރާ ދެމެދުގެ ކަންވާރެވެ. ފަތްލީ ވަދާއި ކުދި ސައިޒުގެ ތިމަރަ ލީ ބުޅިއެވެ. ކަނި ބުޅީގައި އެން އަޅައިގެންނާއި ބުޑަށް ތިމަރަ ލައިފައި ހުންނަ ހަލުވާ ބުޅިންވެސް ބާނައެވެ. މިގޮތަށް ބާނާ މުށިމަސް، ތާޒާކަންމަތީ ގެއަށް ގެންގޮސް ހެނދުނުގެ ނާސްތާއަށް ތައްޔާރުކުރުމަކީ ރަށްފުށުގެ އާންމު ދިރިއުޅުމުގެ ހިތްގައިމު ބައެކެވެ.

ރޭގަނޑު މޫދަށް ގަދަ އަލި އެޅުވުމުން އެ އަލީގެ ކައިރިޔަށް މުށިމަސް ދަތުރުކުރެއެވެ. މިގޮތަށް އެސޮރުމެން ދަތުރުކުރަނީ، އަލީވާ ސަރަހައްދަށް ޖަމާވާ ކުދިމަހާއި ފަނިފަކުސާ ޝިކާރަކުރުމަށެވެ. ރާއްޖޭގެ ރަށްރަށުގައި ވަރަށް ފަހަކާ ޖެހެންދެން އެތެރެވަރީން މުށިމަސް ބޭނުމަށް ބިގަރު ދިއްލައިގެން އަލި ކުރެއެވެ. މިގޮތަށް ކުރާ މަސްވެރިކަމުގައި ބިގަރު ދިއްލައި، އޭގެ އަލި މޫދަށް އަޅުވަައިގެން މަޑު ދުވެލީގައި ދޯނި ދުއްވައެވެ. ދޯނި ކައިރިޔަށް ފުރަތަމަ ޖަމާވާނީ އެކި ޒާތުގެ ކުދި މަހެވެ. ފަނި ފަކުސާއެވެ. އެޔަށްފަހު މުށިމަސް އަންނާން ފަށައެވެ. ގިނަ އަދަދަކަށް ދޯނި ކައިރިޔަށް މުށިމަސް ޖަމާވުމުން އަލި ފަނޑުކޮށްގެން މަސް ބާނަން ފަށައެވެ. ވަރަށް ދަހިކޮށް، އެންމެ ކުރު ދޮށީން ބާނައެވެ. ދަހިކަމުން، ވަށި ޖަހާފައި ނެގޭހާ ގިނައިންވެސް ބައެއް ރޭރޭ މުށިމަސް އާދެއެވެ. މިގޮތަށް މުށިމަސް ބާނަނީ ކަޅުފޮއި މޫސުމުގައެވެ.

މާލޭ ފަޅުތެރެއިން ބޭނި ކުދި މުށިމަސްތަކެއް ކައިރީގައި މީހަކު ހުއްޓިލައިގެން، މި ސައިޒުގެ މަސް ތެލުލައިގެން ކެއުމަކީ ދިވެހީންގެ އާދައެއް --- ވަން ފޮޓޯ

މީގެ އަހަރުތަކެއް ކުރީން، މާލޭ ފަޅުންވެސް ގިނަ އަދަދަކަށް މުށިމަސް ބާނައި އުޅުނެވެ. ދުވާލު ބޮއްކުރާ ފަހަރާއި ފަޅުގައި ހުންނަ ދޯނިފަހަރުގައި ތިބެގެން ކުދި ސައިޒުގެ ދޮށީގައެވެ. މިހާރުވެސް ހުޅުމާލޭ ފަޅުތެރެއިން މުށިމަސް ބާނައެވެ. އެކި ދުވަސްވަރު އެކި ސައިޒުގެ މަހެވެ.

މުށިމަސް ރަށްރަށުގެ ފަޅުތަކަށާއި ބަނދަރުތަކަށް ވަންނަނީ ކީއްވެގެންތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ކަނޑުގެ ދިރުންތަކާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި، މުށިމަހަކީ ދުވާލުގެ ވަގުތުތަކުގައި ބޮޑެތި މަސްމަހާމެހީގެ ކިބައިން ރައްކާތެރިކަން ހޯދަން ފަޅުތަކަށް ވަންނަ މަހެކެވެ. މިޔަރާއި، ކަނޑުމަހާއި އެނޫންވެސް ބޮޑެތި މަސްތަކުގެ ޝިކާރައަކަށް ނުވެ ސަލާމަތްވުމަށްޓަކައި، ދުވާލުގެ އަލިކަމުގައި މުށިމަސް އިހުތިޔާރުކުރަނީ ތިލަ ފަޅުތަކާއި ބަނދަރުތަކުގެ ރައްކާތެރިކަމެވެ. މިއީ މުށިމަހުގެ ތޮބީއީ އާދައެކެވެ. ދުވާލުގެ ވަގުތުގައި ބޮޑެތި އައިންތައް ހަދައިގެން ތިލަ ހިސާބުތަކުގައި އުޅުމަކީ އެ މަސްތަކަށް ލިބޭ ވަރަށް ބޮޑު ހިމާޔަތެކެވެ. ފަޅުތެރޭގައި އުޅޭއިރު، އައިން ހަދައިގެން އެއްކޮށް، ގުޅިގެން، ބޮޑު ބޯޅައެއްގެ ސިފައިގައި އެނބުރެމުންދާ މުށިމަހުގެ މަންޒަރަކީ ގިނައިން ފެންނަ އެހާމެ ރީތި މަންޒަރެކެވެ.

ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގެ ތެރޭގައި ތިބެގެން މާމުށިމަސް ބާނައިގެން މަސް ކަރުއަޅަނީ --- ވަން ފޮޓޯ

ނަމަވެސް، އިރުއޮއްސޭ ވަގުތު ކައިރިވުމާއެކު، ބަނދަރުގައި އޮންނަ މުށިމަސް އައިންތައް ކުއްލިއަކަށް ބޭރަށް ނުކުމެގެން ދެއެވެ. މިގޮތަށް ނިކުންނައިރުވެސް ނިކުންނަނީ އެއްކޮށެވެ. ވަކިވަކީންނެއް ނުނިކުމެއެވެ. ދިރާސާތަކުން ކަށަވަރުވާ ގޮތުގައި، މުށިމަސް ކާނާ ހޯދުމުގެ މައިގަނޑު މަސައްކަތް ކުރަނީ ރޭގަނޑުއެވެ. އިރުއޮއްސުމާއެކު، ކަނޑުގެ އަޑީގައި އުޅޭ އެކި ކަހަލަ ސޫފިތައް މައްޗަށް އަރައެވެ. މުށިމަސް ބަނދަރުން ނުކުމެގެން ގޮސް، ކަނޑުގެ ފުން ހިސާބުތަކަށް ފީނައި، މި ކުދި ސޫފިތައް ކައި އުޅެއެވެ. އަދި އަނެއްކާވެސް ރޭގަނޑުގެ އަނދިރިކަން ފިލައި، ފަތިސްވުމާއެކު، ބަނދަރުގެ ރައްކާތެރިކަމަށް އެނބުރި އާދެއެވެ. މިއީ ކޮންމެ ދުވަހަކު މުށިމަސް ތަކުރާރުކުރާ ދަތުރެކެވެ.

ރޭގަނޑުގެ ވަގުތުގައި ކަނޑުގެ އޮއިވަރާއެކު ދަތުރުކުރާ ކުދި ސޫފިތައް ކެއުމަށް މުށިމަހުގެ ލޯ އުފެދިފައިވަނީ ވަރަށް ފުރިހަމައަށެވެ. މުށިމަހުގެ ލޯ ބޮޑުވުމަކީ އަނދިރީގައި ކާނާ ހޯދުމަށް ލިބޭ ވަރަށް ބޮޑު ފަސޭހައެކެވެ.

މިގޮތަށް އެތައް ދުވަހެއް ވާންދެން އެއް ރަށެއްގެ ފަޅަށް ވަނުމަށްފަހު، ކުއްލިއަކަށް މުށިމަސް އައިން ގެއްލިގެން ދިއުމަކީވެސް އާންމު ކަމެކެވެ. މަސްވެރިން ބުނާ ގޮތުގައި، މިއީ މޫސުމަށް އަންނަ ބަދަލުތަކާއި، ހަނދުގެ މަރުހަލާތަކާ ގުޅިފައިވާ ކަމެކެވެ. މީގެ އިތުރުން، ފެނުގެ ފިނިހޫނުމިނަށް އަންނަ ބަދަލުތަކާއި، ވިހާ އުމުރަށް އެޅުމުން ބިސްދޫކުރުމަށްޓަކައި އެހެން ސަރަހައްދުތަކަށް ހިޖުރަކުރުމަކީވެސް މުށިމަސް ފަޅުތަކުން ގެއްލޭ މައިގަނޑު ސަބަބުތަކެވެ. ބިސްދޫކުރުމުގެ މަރުހަލާގައި މުށިމަސް އާންމުކޮށް އުޅެނީ ކަނޑުގެ މަތީ ފަށަލައިގައެވެ. ހާއްސަކޮށް ހަނދުވަރުދޭ ރޭރޭ މުށިމަހުގެ ހަރަކާތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނަކަން ފާހަގަކުރެވެއެވެ. ބައެއް ފަހަރު ކަނޑުގެ އޮއިވަރު ބަދަލުވުމުންވެސް، ކާނާ ހޯދުމަށްޓަކައި މުށިމަސް އެހެން އަތޮޅުތަކަށް ދަތުރުކުރެއެވެ.

ދ. މާއެނބޫދޫ ބަނދަރު ތެރޭގައި ޑިންގީއެއްގައި ތިބެގެން ބަޔަކު މުށިމަސް ބާނަނީ --- ވަން ފޮޓޯ

މުށިމަހުގެ ލައިފްސްޓައިލް ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލާއިރު، މިއީ ވަރަށް ހަރަކާތްތެރި މަހެކެވެ. މުށިމަހުގެ މައިގަނޑު ކާނާއަކީ ކަކުނި ފަދަ ކުދި ސޫފިތަކާއި، ކުދި މަސްމަހާމެއްސެވެ. މުށިމަސް ވިހަނީ ކަނޑުގެ ތެރެއަށް ބިސް ދޫކޮށްގެންނެވެ.

ރާއްޖޭގައި ކުރެވިފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި މުށިމަސް އެންމެ ގިނައިން ބިސްދޫކުރަނީ ޖެނުއަރީ މަހުގެ ތެރޭގައެވެ. މި ބިސްތައް ކަނޑުގެ އޮއިވަރާއެކު ދަތުރުކޮށް، ފީވެ، ކުދި މަހަށް ބަދަލުވެއެވެ. މުށިމަސް ބޮޑުވަމުން އަންނައިރު އެކި ސައިޒުތަކަށް ދިވެހިން އެކި ނަންތައް ކިޔައި އުޅެއެވެ. އާންމު ގޮތެއްގައި އެންމެ ބޮޑުވާ މުށިމަހެއްގައި ގާތްގަނޑަކަށް 30 ސެންޓިމީޓަރު ހުރެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އަންހެން މުށިމަސް ބިސްދޫކުރާ އުމުރަށް ފޯރަނީ އޭގެ ދިގުމިން ގާތްގަނޑަކަށް 19.39 ސެންޓިމީޓަރަށް އެރުމުންނެވެ. ފިރިހެން މަސް ފުރާފުރިހަމަވަނީ ގާތްގަނޑަކަށް 21.76 ސެންޓިމީޓަރަށް ބޮޑުވުމުންނެވެ. މުށިމަހުގެ ބަރުދަން އާންމުކޮށް ހުންނަނީ 8 ގްރާމާއި 255 ގްރާމާ ދެމެދުގައެވެ. މުށިމަހަށް އާންމުކޮށް ކިޔަނީ މުށިމަހެވެ. އެންމެ ބޮޑެތި ސައިޒުގެ މަހަށް "މާ މުށިމަސް" ވެސް ކިޔައެވެ. މިހެން ކިޔަނީ މަހުގެ ސައިޒަށް ނިސްބަތްކޮށެވެ.

މުށިމަހަކީ ރާއްޖޭގައި މަސްވެރިކަމަށް ބޭނުންކުރާ އެންމެ މުހިއްމު އަދި އެންމެ މޮޅު އެއް އެމެވެ. ހާއްސަކޮށް ކުރުމަހާއި ރީނދޫ އުރަހަ ކަންނެލި ބޭނުމަށް މުށިމަސް ދިރިހުއްޓާ އެމުގެ ގޮތުގައި ބޭނުންކުރެއެވެ. އަދި ފަރުމަހުގެ މަސްވެރިކަމަށް ވެސް މިއީ މޮޅު އެމެކެވެ. މިއީ ރަހަ ގަދަ މަހެކެވެ. މުށި މަހަކީ ވިދުން ގަދަ މަހަކަށް ވާތީ، އެންގަނޑު މާ ދުރުން ފެނުމުގެ ފުރުސަތު ބޮޑުވެއެވެ.

އެހާރާއި މިހާރުގެ ދިވެހިންގެ އާންމު ކެއިންބުއިމުގައި މުށިމަހަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ މަހެކެވެ. މުށިމަހަކީ މީރު ރަހައެއް ހުންނަ، އަދި ފަސޭހައިން ލިބެން ހުންނަ މަހަކަށް ވުމުން، ދިވެހި ސުފުރާތަކުން މުށިމަސް ނުފެންނަ ދުވަހެއް މަދުވާނެއެވެ. އެންމެ އާންމުކޮށް މުށިމަސް ކައި އުޅެނީ ތެލުލައިގެންނެވެ. ކުޑަ ހަވާދުކޮޅެއް ލައިގެން ހިކިކޮށް ތެލުލާފައި ހުންނަ މުށިމަހަކީ ކަށިތަކާއެކު ކާން މީރު އެއްޗެކެވެ. މީގެ އިތުރުން، މުށިމަސް ގަރުދިޔައަކީވެސް ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު އެއްޗެކެވެ. ހުނިލީ ރޮއްޓާއި ގަރުދިޔައާއެކު ތެލުލި މުށިމަސް ކެއުމަކީ ވެސް ދިވެހިންގެ އާދައެކެވެ. ބައެއް ރަށްރަށުގައި މުށިމަސް ހިއްކައިގެންވެސް ބޭނުންކުރެއެވެ. މުށިމަހުން ތައްޔާރުކުރާ މަސްބަތަކީވެސް ގިނަ ބަޔަކަށް ކަމުދާ މީރު ކެއުމެކެވެ. މުށިމަހުގެ މަހަކީ މަޑު، އަދި ރަހަގަދަ މަހަކަށް ވުމުން، ތަފާތު ގޮތްގޮތަށް ކައްކައިގެން ކެއުމަށް މިއީ ވަރަށް ކަމުދާ ބާވަތެކެވެ. އިހުގެ މީހުން މުށިމަސް ހިއްކައިގެން ގިނަ ދުވަހު ހުންނާނޭހެން ރައްކާކޮށްގެންވެސް ބޭނުންކުރެއެވެ.

ކޮންމެވެސް ދުވަސްވަރެއްގައި، މާލޭ ފަޅު ތެރެއިން މީހުން މުށިމަސް ބާނަނީ ---

މުށިމަހުން ތައްޔާރުކުރާ އެންމެ ހާއްސަ އެއް ބާވަތަކީ މުށިމަސް ރިހާކުރެވެ. މިއީ އާންމުކޮށް ކަނޑުމަހުން ކައްކާ ރިހާކުރާ ތަފާތު، ވަރަށް މީރު ރަހައެއް ހުންނަ ރިހާކުރެކެވެ. މުށިމަސް ރިހާކުރު ކައްކަނީ، ގިނަ އަދަދެއްގެ މުށިމަސް ފެނުގައި އެތައް ގަޑިއިރެއް ވާންދެން ކައްކައި، އޭގެ އޮލަކަން ނެރެގެންނެވެ. މި ރިހާކުރަކީ ކަޅުކުލަ މަޑު، އަދި އާދަޔާހިލާފު މީރުވަހެއް ދުވާ އެއްޗެކެވެ. މިއީ ރާއްޖޭގެ ބައެއް އަތޮޅުތަކުގައި ވަރަށް މަޝްހޫރު، އަދި އަގުބޮޑުކޮށް ވިއްކާ ބާވަތެކެވެ. މުށިމަސް ރިހާކުރު އާންމުކޮށް ބޭނުންކުރަނީ ބަތާއެކު ނުވަތަ ރޮއްޓާއެކު ކެއުމަށެވެ.

މުށިމަހަކީ ސިއްހީ ގޮތުން ނުހަނު ފައިދާހުރި މާއްދާތަކެއް އެކުލެވޭ ނިއުޓްރިޝަންގެ ގޮތުން މުއްސަނދި މަހެކެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ (ޔޫއެސްޑީއޭ) ގެ ފުޑްޑޭޓާ ސެންޓްރަލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 100 ގްރާމްގެ މުށިމަހުގައި ގާތްގަނޑަކަށް 24.4 ގްރާމްގެ ޕްރޮޓީން އެކުލެވެއެވެ. މިއީ މަސްތައް ބޮޑުވުމަށާއި ހަށިގަނޑުގެ ސެލްތައް މަރާމާތުކުރުމަށް ވަރަށް މުހިންމު މާއްދާއެކެވެ. މީގެ އިތުރުން، މި މަހަކީ ކޮލެސްޓްރޯލް އަދި ކާބޯހައިޑްރޭޓްސް މަދު މަހަކަށް ވުމުން، ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތްކުރާ މީހުންނަށް މިއީ ރަނގަޅު ކާނާއެއް ކަމަށް ނިއުޓްރިޝަން ދާއިރާގެ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

މުށިމަހުގައި ހިމެނޭ އެންމެ ފައިދާހުރި އެއް މާއްދާއަކީ އޮމެގާ-3 ފެޓީ އެސިޑްސްއެވެ. ސީފުޑް އުފައްދާ ކުންފުންޏެއް ކަމަށްވާ ބޭސްފުޑްގެ މައުލޫމާތުތަކަށް ބަލާއިރު، 100 ގްރާމްގެ މުށިމަހުގައި 0.9 ގްރާމްގެ އޮމެގާ-3 އެކުލެވެއެވެ. މި މާއްދާއަކީ ހިތުގެ ބަލިތަކުން ދުރުކޮށްދީ، ހަށިގަނޑުގައި އުފެދޭ ދުޅަތައް ތިރިކުރުމަށް އެހީތެރިވެދޭ މާއްދާއެއް ކަމަށް ސިއްހީ ދިރާސާތަކުން ދައްކައެވެ.

މީގެ އިތުރުން، މުށިމަހަކީ ވިޓަމިން ބީ12، ވިޓަމިން ޑީ، އަދި ސެލެނިއަމް ފަދަ މުހިންމު މިނަރަލްތަކުން މުއްސަނދިވެފައިވާ މަހެކެވެ. މި މާއްދާތަކުގެ ސަބަބުން ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ސިކުނޑީގެ މަސައްކަތްތައް ފުރިހަމަކުރުމަށް މަގުފަހިކޮށްދޭ ކަމަށް ކަމާބެހޭ މާހިރުން ފާހަގަކުރެއެވެ.

މުށިމަހުގެ ސަބަބުން ރަށްރަށުގެ އިގުތިސާދަށާއި އިޖުތިމާއީ ގުޅުމަށް ބޮޑު ކުރިއެރުމެއް ލިބެއެވެ. މުށިމަސް ބަނދަރަށް ވަންނަ ދުވަސްވަރު، މުޅި ރަށުގެ މާހައުލު ބަދަލުވެ، އެންމެން އެކީގައި މަސްބޭނުމުގައާއި މަސް ކެނޑުމުގައި ހަރަކާތްތެރިވެއެވެ. މިއީ ދިވެހިންގެ ޒަމާންވީ އާދަކާދަތައް ދިރުވައި އާލާކުރުމަށް ލިބޭ ބޮޑު ބާރެކެވެ.

މުށިމަހަކީ ހަމައެކަނި ކެއުމަށް ބޭނުންކުރާ އެއްޗެއް ނޫނެވެ؛ އެއީ ދިވެހިންގެ ދިރިއުޅުމާއި، ކަނޑުފަޅާ އޮންނަ ގުޅުން ރަމްޒުކޮށްދޭ މުހިންމު ދިރުމެކެވެ. ކަމާބެހޭ ފަރާތްތަކުން ވިދާޅުވާ ގޮތުގައި، މިފަދަ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަކީ އަންނާން އޮތް ޖީލުތަކަށް މި އުފާވެރިކަން ފޯރުކޮށްދިނުމަށްޓަކައި ކޮންމެހެން ކުރާންޖެހޭ ކަމެކެވެ. މުށިމަސް އައިންތައް ރައްކާތެރިކަމާއެކު ދެމެހެއްޓުމަށްޓަކައި، އެ މަސްތައް ވިހާ ދުވަސްވަރު ހިމާޔަތްކުރުމަށް ކަމާބެހޭ ފަރާތްތަކުން މިހާރު އަންނަނީ މަޝްވަރާކުރަމުންނެވެ.