ނެޓްފްލިކްސްއިން ނެރެން ހަމަޖެހިފައިވާ އެކްޝަން ތްރިލާ ފިލްމު "ގާންދާރީ"ގެ ޓްރެއިލާ އާންމުކޮށްފިއެވެ. މި ފިލްމުގައި ބޮލީވުޑްގެ ބަތަލާ ޓާޕްސީ ޕައްނޫ ފެނިގެންދަނީ ވަގަށް ނަގާފައިވާ އޭނާގެ ދަރިފުޅު ސަލާމަތްކުރަން ނުރައްކާތެރި މަސައްކަތްތަކެއް ކުރާ ލޯފަން މަންމައެއްގެ ރޯލުންނެވެ.
ޓްރެއިލާއިން ފެންނަ ގޮތުގައި، ޓާޕްސީ ކުޅޭ ކެރެކްޓަރު ކަމަށްވާ ބާނީގެ ކުރިމަތީގައި އޭނާގެ ދަރިފުޅު މިޝްޓީ ރޭލެއްގެ ތެރެއިން ވަގަށް ނަގައެވެ. ދަރިފުޅު ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ހިނގާ ހާދިސާއެއްގައި އޭނާގެ ލޮލުގެ ފެނުން ގެއްލެއެވެ. ނަމަވެސް، ކަމާބެހޭ ފަރާތްތަކަށް ބަރޯސާވުމުގެ ބަދަލުގައި، ދަރިފުޅު ހޯދުމަށް އޭނާ އަމިއްލައަށް ނުކުމެ "މަހާޔުދް" (ބޮޑު ހަނގުރާމައެއް) ފަށައެވެ. އަދި އޭނާގެ އެތެރެހަށީގައިވާ ބާރުތައް ބޭނުންކޮށްގެން ކުށްވެރިންނާ ކުރިމަތިލާ މަންޒަރު ޓްރެއިލާއިން ދައްކުވައިދެއެވެ.
މި ފިލްމުގެ ހާދިސާތައް ހިނގަނީ ޖޯއިޕޫރާ ކިޔާ ހިޔާލީ ރަށެއްގައެވެ. ޓްރެއިލާއިން ފެންނަ ގޮތުގައި، ދަރިފުޅު ގެއްލުމުގެ ފަހަތުގައި ވަނީ ކުޑަކުދިން ވަގަށް ނަގާ ނުރައްކާތެރި ނެޓްވޯކެކެވެ. ލޮލަށް ނުފެނުނު ނަމަވެސް، އޭނާގެ އެހެން ހިއްސުތަކުގެ ބޭނުންކޮށްގެން، މޫނުމަތި އަޅައިގެން އުޅޭ "ބެހްރޫޕިޔާ" އިންނާ އޭނާ ކުރިމަތިލައެވެ.
މި ފިލްމާ ގުޅޭގޮތުން ޓާޕްސީ ބުނީ، އޭނާއަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ ހުރިހާ ކަމެއް ގޯސްކޮށް ދިޔަ ނަމަވެސް ބާނީ ހިތްވަރު އެލުވައިނުލައި ކުރިއަށްދާ ދިއުން ކަމަށެވެ. މިއީ ޖިސްމާނީ ގޮތުން ވަރަށް ބޮޑު މަސައްކަތެއް ކުރަންޖެހުނު ރޯލެއް ކަމަށާއި، ނަމަވެސް އެ ކެރެކްޓަރުގެ ހިތްވަރުގަދަކަމަކީ އޭނާ އެ ރޯލު ކުޅެން ބޭނުންވި މައިގަނޑު ސަބަބު ކަމަށް ޓާޕްސީ ފާހަގަކުރިއެވެ.
ކަނިކާ ދިލަން ލިޔެ ޕްރޮޑިއުސްކޮށް، ދޭވާޝިޝް މަކީޖާ ޑައިރެކްޓުކޮށްފައިވާ މި ފިލްމުގައި ޓާޕްސީގެ އިތުރުން އިޝްވާކް ސިންގް، ޖަތިން ސަރްނާ އަދި ސްވަސްތިކާ މުކަރްޖީ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. "ގާންދާރީ" ނެޓްފްލިކްސްގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 3 ވަނަ ދުވަހުއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ކޮމެންޓް