މާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި ހަތަރު ޕޭ ޓޮއިލެޓްތައް ހުރި ބިންތައް، ސެލްފް ފައިނޭންސިން އުސޫލުން އަމިއްލަ ހަރަދުގައި ތަރައްގީކޮށް ދިގު މުއްދަތަކަށް ކުއްޔަށް ހިފުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފ އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އެ މަޝްރޫއުގެ ދަށުން ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ އަތޮޅު ފިހާރަ ކައިރީގައި ހުންނަ ޕޭ ޓޮއިލެޓް 6 ހުރި ބިމާއި ބޮޑުތަކުރުފާނު މަގުގައި މާލެ ސިޓީ ކައުންސިލްގެ އިދާރާއާ އިންވެގެން ހުންނަ ޕޭ ޓޮއިލެޓް 7 ހުރި ބިމުގެ އިތުރުން، ހެންވޭރުގައި ހުރި ޕޭ ޓޮއިލެޓް އަދި އެމްއެމްއޭ ކައިރީގައި ހުރި ޕޭ ޓޮއިލެޓް ހުރި ބިމެވެ.
އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމާއި އަގު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. އަދި އެކަމާ ގުޅޭ ތަފްސީލީ އިއުލާނު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވެއެވެ.
އެ މަޝްރޫއާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ޕަބްލިކް ފާހާނާތައް އަލުން ތަރައްގީ ކުރާ އިރު، ހާއްސަ އެހީއަށް ބޭނުންވާ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ފަސޭހައިން ބޭނުން ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަރަށް ބޮޑު އިސްކަމެއް ދޭނެއެވެ. އޭގެ އިތުރުން ފާހާނާތަކުގެ ސާފުތާހިރުކަން އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަކީ އެ މަޝްރޫއުގެ މައިގަނޑު އެއް މަގުސަދު ކަމުގައި މޭޔަރު ފާހަގަކުރެއްވިއެވެ.
މޭޔަރު އިތުރަށް ވިދާޅުވީ، އަލަށް ތަރައްގީ ކުރެވޭ އެ ފާހާނާ ބަރިތަކުގައި ޒަމާނީ ފެންވަރުގެ ޗޭންޖިން ރޫމްތަކާއި އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ ކުރެވިފައިވާ ވަކި ފާހާނާ ބަރިތައް ހިމެނޭނެ ކަމަށެވެ.
އެ ބަދަލުތަކާއެކު މާލޭގެ މަގުތަކާއި އާންމު ސަރަހައްދުތައް ބޭނުންކުރާ ރައްޔިތުންނަށް އިތުރު ލުއިފަސޭހަ ކަމެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް އެ މާލެ ސިޓީ ކައުންސިލުން ބުނެއެވެ.
ފާތިމަތު ލިއުޝާ
މާލެ
މާލެ
މާލެ
މާލެ
ކޮމެންޓް