އެހީތެރިޔާއަށް ހާއްސަކުރެވިފައިވާ ގޮނޑީގައި އިން ތަނާލްގެ މޫނުން ފެންނަނީ މޮޅިވެރިކަމެވެ. ބަލި އެނދުގައި އޮތް ޒަރާރް ފެނުމުން ތަނާލްގެ ހިތުގައި ތޫނު ރިހުމެއް އުފެދުނެވެ. ޒަރާރްގެ ބޮލުގައި ބެންޑޭޖް އަޅާފައިވާ އިރު މޫނު އޮތީ ފުފިފައެވެ. ލޯކައިރި ވެސް ދުޅަވެފައެވެ. ޒަރާރްގެ ހަށިގަނޑަށް ތަފާތު މެޝިންތައް ގުޅާފައިވާ މަންޒަރު ބަލަން ފަސޭހައެއް ނުވިއެވެ. ނަމަވެސް އެމެޝިންތަކުން ލައްވަމުން ދިޔަ އަޑުތަކުން ބުނެދެނީ ޒަރާރް ދުނިޔޭގައި ހުރި ކަމެވެ. އެހެންކަމުން ތަނާލް ކެތްތެރިވިއެވެ. އޭނަގެ ގާތަށް ޒަރާރް އެނބުރިއަންނާނެކަމުގެ އުއްމީދުގެ މަތީގައި ދެމި ހުއްޓެވެ.

ކުރިއަށް ޖެހިލަމުން ފަރުވާތެރިކަމާއެކުގައި ޒަރާރްގެ އަތުގައި ތަނާލް ހިފާލިއެވެ. އަތުގެ އިނގިލިތައް ގުޅުވާލަމުން އަތްތިލަ ގެންގޮސް ނިތުގައި ޖައްސާލިއެވެ. ޒަރާރްގެ އަތުގެ ހޫނުކަން ތަނާލްއަށް އިހުސާސްކުރެވުނެވެ. އެކަމުން ވެސް ހިތަށް ފިނިކަމެއް ގެނެސްދިނެވެ. ޒަރާރްގެ އަތްތިލަ ގެނެސް ތުންފަތުގައި ޖައްސާލަމުން އަތަށް ބޮސްދިނެވެ. އެވަގުތު ތަނާލްގެ ދެލޯ ފުރިގެން އައީ ތާޒާ ކަރުނުންނެވެ. އެތެރެއަށް ނޭފަތް ދަމާލަމުން ގިސްލުން އޮއްބާލަން މަސައްކަތްކުރިއެވެ.

''ޕްލީޒް ކަމްބެކް ޓު މީ...'' ތަނާލްގެ އަޑު މަޑެވެ. އެއަޑުގައި ވަނީ އާދާހެވެ.

މުޅި ދުވަސްހެން ތަނާލް ހުންނަން ބޭނުންވީ ޒަރާރްގެ ގާތުގައެވެ. ޒަރާރްގެ ހާލު އެނގޭނެހާ ގާތުގައެވެ. އެސޫރަ ލޮލަށް ފެންނާނެ ހިސާބުގައެވެ. ހިނދުކޮޅަކަށް ވިޔަސް ދުރަށް ގޮސްފިނަމަ ކަމެއް ގޯސްވެދާނެކަމުގެ ބިރާއެކު ގެއަށް ދާން ފަސްޖެހުނެވެ. އޮޕަރޭޝަން ކާމިޔާބަސް ނަފުސަށް އަތްގަދަކޮށްފައިވި ބިރުވެރިކަމާ ދުރުވެވޭ ގޮތެއް ނުވިއެވެ.

ތަނާލްއަށް ވިސްނައިދޭން ސުމައްޔާ މަސައްކަތްކުރިއެވެ. އެހެނަސް ތަނާލް އަޑެއް ނޭހިއެވެ. ޒަރާރް ހޭއެރުމުން ނޫނީ ހުރިތަނުން ގުޑާލަން ދެކޮޅު ހެދިއެވެ. އެހެންކަމުން ސުމައްޔާއަށް މަޖުބޫރުވީ އަމާންދޭށެވެ. ރަހުމާއާއި ސަރުވާގެ ކަމަކީ ތަނާލްއަށް ހިތްވަރު ދިނުމެވެ. އެމަންޒަރު ފެނި ސުމައްޔާ ޖަޒުބާތީ ވިއެވެ. ޒަރާރްގެ ޢާއިލާ ތަނާލް ދެކެ ވާ ލޯބި އަންދާޒާ ކުރެވުނެވެ. އެދަރިފުޅުގެ ނަސީބު ޒަރާރްއާއި ގުޅިލާމެހުނު ހިސާބުން ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ. އޭނަ ދުޢާ ކުރީ ޒަރާރްއަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށެވެ. ތަނާލްގެ އުދާސްތަކަށް ދާއިމީ ނިމުމެއް އަންނާނީ އޭރުންނެވެ.

ބަލިމީހާއަށް ޒިޔާރަތްކުރާ ގަޑި ނިމުމާ ގާތަށް އައުމާއެކު ނަރުސް ކުއްޖަކު އައެވެ. އޯގާތެރިކަމާއެކު ތަނާލްއާއި ވާހަކަ ދެއްކިއެވެ. ޒަރާރްގެ ހާލު ގާތުން ބަލާނެކަމުގެ ޔަޤީންކަމާއެކު ބަދަލެއް އައިސްފިނަމަ އަންގާނެ ވާހަކަ ބުނެދީ ތަނާލް ހަމައަކަށް އަޅުވަން މަސައްކަތްކުރިއެވެ. ގަޑި ހަމަވުމުން ތަނާލް ގޮނޑިން ތެދުވީ ހިތާ ދެކޮޅަށެވެ. ދޮރާ ހަމައަށް ގޮސްފައި އަނބުރާ ޒަރާރްގެ ގާތަށް ދިޔަ އެވެ. ތަނާލްއަށް އިރުކޮޅެއް ދެމުން ނަރުސްކުއްޖާ ބޭރަށް ނިކުތެވެ. ތަނާލްގެ ހާލަތު އެކުއްޖާއަށް ތަސައްވަރުކުރެވުނެވެ. އެހެންކަމުން އެކަނިވެލަން ވަގުތުކޮޅެއް ދިނެވެ.

*****

ފަތިހެވެ. ސުމައްޔާގެ އެތައް އާދޭހަކާއި ސަރުވާއާއި ރަހުމާގެ ނަސޭހަތަށްފަހު ތަނާލް ގެއަށް ދިޔައީ ފެންވަރާ ތާޒާވެލުމަށެވެ. ހަށިގަނޑު ވަރުބަލިވެފައި ހުއްޓަސް ނިދާކަށް އޭނަ ބޭނުމެއް ނުވިއެވެ. ސުމައްޔާ ހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ. ރާނިޔާ ޗުއްޓީގައި ހުއްޓަސް އެހެން ތެރަޕިސްޓަކާއި ވިޔަސް ތަނާލް ވާހަކަދައްކާލުމުގެ ޚިޔާލު ދޭން އޭނަ ނިންމިއެވެ. އޭރުން ތަނާލްގެ ސިކުނޑިއަށް ލުޔެއް ލިބިދާނެއެވެ. ޚިޔާލުތައް ގިނަވެ ހިމޭންވުމަކީ ގޯހެކެވެ. އުތުރިއަރަމުން އަންނަ އިހުސާސްތައް ހިއްސާކޮށްގެން މެނުވީ ސިކުނޑިއަށް ލުޔެއް ނުލިބޭނެއެވެ.

ފެންވަރާލައިގެން ނިކުތް ތަނާލް އަވަސްވެގަތީ ނަމާދު ކުރާށެވެ. ނަމާދަށް ފަހު އޭނަ ދުޢާ ކުރިއެވެ. ދުޢާ ކުރަމުން ދިޔަ އިރު ތަނާލްގެ އެސްފިޔަތައް ކަރުނުން ތެމުނެވެ. އެކަރުނަތަކުން ހާމަކޮށްދިނީ ޒަރާރް ދެކެ ވާ ލޯތްބެވެ. އޭނަ ދުޢާ ކުރީ ޒަރާރްއަށް ދުޅަހެޔޮ ސިއްހަތެއް މިންވަރުކޮށްދެއްވުމަށެވެ. އަނިޔާވެރިންނާއި ހަސަދެވެރިންގެ ނުބައިކަމުން ސަލާމަތްކޮށްދެއްވުމަށެވެ. ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެކެވެ. އެހެންކަމުން ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށް އެދި ދުޢާ ކުރިއެވެ.

ދުޢާ ކުރުމުން ފިނިކަމެއް ލިބުނެވެ. މާތްﷲގެ ރަހުމަތަށް އުއްމީދުކުރާ މީހަކުގެ ހިތުގައި ހާސްކަމާއި ބިރުވެރިކަމެއް ނުވާނެއެވެ. އެކަލާނގެއީ އެންމެ ފުރިހަމައަށް ހުރިހާ ކަމެއް ހިންމަވައިދެއްވާ ރަސްކަލާނގެއެވެ. ދަތިއުނދަގޫތައް ކުރިމަތިވަނީ އިމްތިހާނެއްގެ ގޮތުގައެވެ. އެއިމްތިހާނަށް ކެތްތެރިވެ އެކަލާނގެއަށް ދުޢާ ދެންނެވުމުން އީމާންތެރިކަމުގެ ނޫރުން ނަފުސަށް ދިރުން ގެނެސްދޭނެއެވެ. ހަމައެއާއެކު ކެތްތެރިކަމުގެ މޭވާއަކީ ފޮނި އެއްޗެކެވެ. އެކަލާނގެއަށް ފުރިހަމައަށް އިތުބާރުކުރާ އަޅަކަށް ދެރަގޮތެއް މެދުވެރިއެއް ނުވާނެއެވެ.

*****

ޒަރާރް ލޯހުޅުވާލީ ހެނދުނު ގަޑީގައެވެ. އެއީ ނަރުސް ކުއްޖަކު ޒަރާރްގެ ހާލަތު ބަލައިލަން އައި ވަގުތެވެ. އެސްފިޔަތައް ތަޅުވާލާފައި ލަސްލަހުން ޒަރާރް ލޯހުޅުވާލިއެވެ. އޭނައަށް މަންޒަރުތައް ފެނުނީ ފުސްކޮށެވެ. ބޮލަށް ބަރުވެފައިވުމުން ގިނައިރު ލޯހުޅުވައިގެން އޮވެވޭ ގޮތެއް ނުވިއެވެ. ބޮކީގެ އަލި ލޮލަށް އެޅުމުން އުނދަގޫ ވިއެވެ. މީހަކު އޭނަގެ ނަމުން ގޮވާލި އަޑު ޒަރާރްއަށް އިވުނެވެ. އެހެނަސް އެއަޑަށް ސަމާލުކަމެއް ނުދެވުނެވެ. ހީވީ ގަދައޮޔާ ބެހެމުންދާ ހެންނެވެ. އޮޔާ ދެކޮޅަށް ފަތަމުން ގޮސް ހަށިގަނޑު ވަނީ ލޮޑުވެފައެވެ. ވަރުބަލިކަމާއި ނިންޖާ ހަނގުރާމަކުރަން ޖެހުނެވެ. އެސްފިޔަ ތަޅުވާލާފައި އެނެއްކާ ވެސް ލޯ މަރާ ލެވުނެވެ. ދެން ލޯހުޅުވާލި ހިނދު ވަށައިގެން ކުރިއަށް ވުރެން ގިނަ މީހުން ތިބިހެން ހީވިއެވެ. އެއްވެސް މީހެއްގެ މޫނެއް ނާސެއް ނޫނެވެ. ދައްކާ ވާހަކަ ވެސް ނަގައެއް ނުގަނެވުނެވެ. އަނެއްކާ ލޯ މެރުނީއެވެ.

އެގޮތަށް އެތައް ފަހަރަކު ހޭލެވުނެވެ. ހީވަނީ ދެބަދޭތެރޭގައި އުޅެވޭހެންނެވެ. ރަނގަޅަށް ހޭވެރިކަމެއް ނުވެއެވެ. އެކަމަކު ލޯހުޅުވާ ކޮންމެ ފަހަރަކު ކުރިއަށް ވުރެން ރަނގަޅަށް މަންޒަރުތައް ސާފުވާން ފެށިއެވެ. ވަށައިގެންވާ ކަންތައް ފަހުމުކުރެވުނެވެ. އަޑުތަކަށް ސަމާލުވެވުނެވެ. ނަމަވެސް ނިންޖާއި ދެކޮޅު ހެދޭ ގޮތެއް ނުވިއެވެ. އަމިއްލަ ހަށިގަނޑު ކިޔަމަންކުރަން އުނދަގޫވެފައިވާ ކަހަލައެވެ. އެހެންކަމުން ޒަރާރް ބޭނުންވަނީ ނިދާލާށެވެ.

*****

ތިން ދުވަސް ފަސް...

ޒަރާރްގެ ގާތުގައި އިނީ ތަނާލް އެވެ. ތަނާލްގެ މޫނުން ވަރުބަލިކަން ފާޅުވެއެވެ. ނުނިދާ ހުރުން އާދައަކަށްވުމުން މޫނު މިލައިފިއެވެ. ކެއުން ބުއިމާއި ދުރުވާން ފެށުމުން މަންމަގެ ނަސޭހަތުގައި އޭނަ ހިފިއެވެ. ކުރީގެ ހާލަތަށް އެނބުރިދާން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ.

ރާނިޔާ ޗުއްޓީގައި ހުއްޓަސް ތަނާލްއަށް ދިމާވި ހާލަތު އެނގުމުން ވީޑިއޯކޯލްގެ ޒަރިއްޔާއިން ތަނާލްއާއި ވާހަކަދެއްކިއެވެ. ރާނިޔާއާއި ވާހަކަދައްކާލެވުމުން ތަނާލްއަށް ލުޔެއް ލިބުނެވެ. ފުރިބާރުވަމުން އައި ގޯސް ޚިޔާލުތަކާއި ދުރުވާނެ ގޮތްތައް އޮޅުން ފިލިއެވެ. މާބޮޑަށް އުނދަގޫވާނަމަ ބޭސް ނެގުމަށް ރާނިޔާ އިރުޝާދު ދިނެވެ. ތަނާލް އެއްބަސް ވިއެވެ.

ޒަރާރްގެ އަތުގައި ތަނާލް ހިފަހައްޓާލިއެވެ. ކުރިއަށް ވުރެން ޒަރާރްގެ މޫނުގެ ކުލަވަރު ރަނގަޅުވެއްޖެއެވެ. ފޮއްސިވުން ހަމައަކަށް އެޅި ލޮލުގެ ކައިރިން ދުޅަވެފައި ހުރި ތަންތަނުގެ ކުލަ ފަނޑުވާން ފަށައިފިއެވެ. އަމިއްލައަށް ނޭވާލާން ފެށުމުން ގުޅާފައި ހުރި މެޝިންތައް ވެސް މަދުވެއްޖެއެވެ. އައި.ސީ.ޔޫއިން ވޯޑަށް ބަދަލުކުރެވުނެވެ. ޑޮކްޓަރުން ތިބީ ޒަރާރްއަށް އަންނަ ބަދަލާ މެދު ހިތްހަމަޖެހިގެންނެވެ. ޒަރާރް ހޭއެރުމަށްފަހު ހެދި ޓެސްޓްތަކުގެ ނަތީޖާތައް ރަނގަޅެވެ.

ޒަރާރް ލަމުން ދިޔަ ނޭވާއާއެކު އުފުލިގެންދާ މޭމައްޗަށް ބަލަން ތަނާލް އިނެވެ. ކުރިން ބުރަހެލިކަމުގެ އަސަރު އެކުލެވިގެންވި ނޭވާތައް ވެސް ހަމައަކަށްއެޅިއްޖެއެވެ. ޒަރާރް ދޫކުރާ ކޮންމެ ނޭވާއަކުން ތަނާލްގެ ފުރާނައަށް ދިރުން ގެނެސްދެއެވެ.

ޒަރާރް ލޯހުޅުވާލީ، ޒަރާރްގެ އަތުގައި ތަނާލް ފިރުމަމުންދަނިކޮށެވެ. ޒަރާރް ލޯހުޅުވާލުމާއެކު އިށީނދެގެން އިން ގޮނޑިން ތަނާލް ތެދުވެއްޖެއެވެ. ޒަރާރްގެ އަތުން ދޫކޮށްލުމެއް ނެތި ގާތަށް ޖެހިލިއެވެ. އޭރު ތަނާލްގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. މޫނުން ފާޅުވަމުން ދިޔަ ވަރުބަލިކަން ފަނޑު އުފާވެރިކަމުގެ ނޫރު ވިދާލައިފިއެވެ.

''ތަ...ނޫ؟...'' އެސްފިޔަތައް ތަޅުވަމުން ވަރުދެރަވެފައިވާ އަޑަކުން ޒަރާރް ގޮވާލިއެވެ.

''ހޫމްމްމް...'' އެނދުގެ މަގަތުން ތަނާލް އިށީނެވެ. އޭނަގެ ދެލޯ ކަރުނުން ފުރުނެވެ.

''އަ...'' ޒަރާރް ބުނަން އުޅުނެވެ. އަރުތެރެ ހިކިފައިވުމުން ވާހަކަދެއްކުން ފަސޭހައެއް ނުވިއެވެ. ތަނާލްއަށް ނަގައިގަނެވުމާއެކު ވާހަކަނުދެއްކުމަށް އިޝާރާތްކޮށްލިއެވެ. އޭނަ އުޅުނީ ނަރުސްކުއްޖަކަށް ގޮވަން ދާށެވެ. އެހިނދު ތަނާލްގެ އަތުގައި އާދަޔާ ޚިލާފު ބާރަކާއެކު ޒަރާރް ހިފިއެވެ. ތަނާލް ސިހުނެވެ. އޭނައަށް ޒަރާރްގެ މޫނަށް ބަލައިލެވުނެވެ. އެދެލޮލުން ފާޅުވި ބިރުވެރިކަމުން ހިނދުކޮޅަކަށް ވެސް ތަނާލް ދުރަށް ދާން ބޭނުންނުވާކަން ހާމަކޮށްދިނެވެ. މޭގައި އުތުރިއަރަން ފެށި ޖަޒުބާތާއެކު ތަނާލްގެ ދެލޯ ފުރިގެން އައެވެ. އޭނަ އެނދުގައި އިށީނެވެ. ކަރުނަ ފޮހެލަމުން ޒަރާރްގެ މޭގައި ބޯއަޅާލިއެވެ. އެހިތުގެ ތެޅުން އިހުސާސްކުރެވުނެވެ.

ވަރުދެރަވެފައި ވިޔަސް ޒަރާރް ގަދަމަޖުބޫރުން އޭނަގެ އަތް ހަރަކާތްކުރިއެވެ. އަދި ތަނާލްގެ ހަށިގަނޑު ދެއަތުން ވަށާލިއެވެ. މޭގައި ދުނި އުމުރަށް ތަނާލް ފޮރުވާލަން ބޭނުންވިއެވެ. ފާއިތުވި ދުވަސްތަކުގައި އޭނަ އޮތް މާހައުލު ޒަރާރްއަށް ނަގައިގަނެވުނެވެ. ވަށައިގެންވި ހުރިހާ ކަމެއް ފަހުމުކުރެވުނެވެ. އޭނައަށް ދިމާވެފައިވި ހާލަތާއި އެހާލަތު މެދުވެރިވާން ޖެހުނު ސަބަބު ވެސް ނަގައިގަނެވުނެވެ. އޭނަގެ ގާތުގައި ތަނާލް ހުރުމުން ޒަރާރްގެ މެޔަށް ފިނިކަމެއް ގެނެސްދިނެވެ. ދައްޔާންގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް ތަނާލް ނުވީތީއެވެ. ދައްޔާނާ ދެމެދު ހިނގި ހަމަނުޖެހުމާއި، އިމާރާތުން ވެއްޓުނު ހިނދު އައިސް ވަށާލި ބިރުވެރިކަން ގުޅުނީ ތަނާލްއާ އެވެ. އަމިއްލަ ފުރާނަޔަށްވުރެން ތަނާލް ހާއްސަވެއްޖެއެވެ. އެއްވެސް މީހަކު ނުނިޔަތެއްގައި ތަނާލްއަށް ބަލައިލަން އޭނަގެ ހިތެއް ނޭދޭނެއެވެ. ތާއަބަދަށް ތަނާލްއަށް ހިމާޔަތާއި ރައްކާތެރިކަން އޭނަ ކަށަވަރުކޮށްދޭނެއެވެ. ލޯތްބާއި އޯގާތެރިކަމާއެކުގައެވެ. އޭނަ ބިރުގަތީ އެފުރުސަތު ނުލިބިދާނެތީއެވެ. ތަނާލް ފެނުމުގެ ނަސީބު ނުލިބިދާނެތީއެވެ. ވަކިވާން ޖެހިދާނެތީއެވެ. ތަނާލްއަށް ވި ވައުދާއި އަހުދުތައް ފުރިހަމަކޮށްނުވިދާނެކަމުގެ އުދާސްކަން އަދިވެސް ހިތުގައި ވިއެވެ. ލިބިފައިވި ދެވަނަ ފުރުސަތުގެ ބޭނުން ހިފަން ޒަރާރް އަޒުމުކަނޑައެޅިއެވެ. އޭނަގެ މިއަދާއި މުސްތަޤުބަލަކީ ތަނާލް އެވެ.

''ވަރަށް ލޯބިވޭ... ދެން އަހަރެން ދޫކޮށްފައި ނުދައްޗޭ...'' ރޮވިފައިވާ އަޑަކުން ތަނާލް ބުންޏެވެ.

ދައްކަން ކިތަންމެ ވާހަކައެއް ހުއްޓެވެ. އެހެނަސް ޒަރާރްގެ ހަށިގަނޑު އެކަމަށް ހުރަސް އެޅިއެވެ. އޭނަގެ ދުލުން ވާގި ދޫވެފައިވާ ކަހަލައެވެ. ހަށިގަނޑުގެ ވަރުބަލިކަމާ ޒަރާރްއަށް ގުޅުވާލަނީ އޭނަގެ ހަށިގަނޑުގައި ދައުރުވާ ބޭސްތަކާ އެވެ. އެހެންކަމުން ތަނާލްގެ ދެކެ ވާ ލޯބި ޒަރާރް އަންގައިދިނީ އަމަލުންނެވެ. އިހުނަށްވުރެން ބާރަށް ތަނާލްގެ ހަށިގަނޑުގައި ބައްދާލިއެވެ. އޭނަގެ ހިތް އެދުނީ ތަނާލްގެ ކަރުނަތަކަށް ނިމުމެއް ގެނެސްދޭށެވެ. ލޯބިވާވަރު ހާމަކޮށްދޭށެވެ.

އެގޮތުގެ މަތީން ވަގުތު ފާއިތުވިއެވެ. ޒަރާރްގެ އަތުގެ ތެރޭގައި އޮވެލުމުގެ ނަސީބު ލިބުމުން ތަނާލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ފާއިތުވި ދުވަސްތަކުގެ އަނދިރި ސަފުހާތަށް މާޒީއާ ހަވާލުކޮށްލިއެވެ. އެދުވަސްތަކަށް ފިކުރު ހިންގަން އޭނަ ބޭނުމެއް ނުވިއެވެ. ލިބޭނެ މަންފާއެއް ނެތެވެ.

*****

ޒަރާރްއަށް ވާހަކަދެކެވޭވަރުވުމުން ޕޮލިހުން ބަޔާން ނެގިއެވެ. ތެދުތެދަށް ޒަރާރް ކިޔާދިނެވެ. ދައްޔާން ކުރި އެއްވެސް ކަމެއް ސިއްރުކުރަން ޒަރާރް ބޭނުމެއް ނުވިއެވެ. އޭނައަށް ކޮންމެ ގޮތެއް ހެދިކަމުގައި ވިޔަސް އޭނަ ހިމޭންކަން ޚިޔާރުކުރީހެވެ. ނަމަވެސް ތަނާލްއާ ގުޅުވައިގެން ދެއްކި ވާހަކަތަކާއި، ދިން އިންޒާރުތަކަށްފަހު ދައްޔާނަށް މަޢާފްކުރަން ޒަރާރްގެ ޒަމީރު ދެކޮޅުހެދިއެވެ. ދައްޔާނަށް ހައްޤު އަދަބު ލިބިގެން ފަހަރެއްގައި އިސްލާހުވެދާނެއެވެ. މަސްތުވާތަކެއްޗަށް ހިފާފައި ހުރި ދެވިއާއި ނުބައި އުޅުން އިސްލާހުވެދާނެއެވެ.

*****

ދައްޔާންގެ މައްޗަށް ގަސްދުގައި މީހަކު މަރަން އުޅުމުގެ ކުށް ސާބިތުވިއެވެ. އެވާހަކަތައް ފަތު އަޑުކިޔާފައި ފެތުރުނެވެ. އޭރު ކަފާލާތުގެ ދަށުން އަޒީލާ ހުރީ މިނިވަންވެފައެވެ. ވި ބަދުނާމަށްފަހު މީހަކަށް މޫނު ދައްކާކަށް ނުކުރެނެވެ. ޒާރާގެ ދިރިއުޅުން ބަރުބާދުކޮށްލުމަށްފަހު ހޯދަން އުޅުނު މުއްދަނދިކަން ވެސް ގެއްލިއްޖެއެވެ. ބިކަވެހާލުގައި ޖެހުނު ދުވަހު މަދަދުވެރިވާނެ ރައްޓެއްސަކު ނުވިއެވެ. ލޮލުން ކަރުނައޮއްސީ އެއް އިރެއްގައި މަލާމާތްކުރި ފަޤީރުންގެ ތެރޭގައި ހިމެނުމުންނެވެ. ތިމާގެ ފެންވަރު އޮޅުމުގެ ނަތީޖާ ހިތިކަމާއެކު އަރުބުޑަށް ފޭދުނެވެ.

*****

އެއް އަހަރު ފަސް...

ތަނާލް ހުރީ ފާޚަނާގައެވެ. ބިލިނގާގެ އަރިމަތިން އިށީނދެގެން އިން އިރު އޭނަގެ ނަޒަރު ހުއްޓިފައި ވަނީ މޫނުދޮންނަތަށިގަނޑު މަތީ އޮތް ޓެސްޓް ކިޓަށެވެ. ވަގުތު ހަމަވާން މިނެޓެއްހާ އިރު އޮތެވެ. ތަނާލްއަށް ހީވީ ގަރުނެއް ފާއިތުވެގެން ދިޔަ ހެންނެވެ. ޝަހާދަތް އިނގީލީގައި ދަތް އަޅާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. ހިއްސުތައް ހަމައަކަށް އަޅުވަން އޭނަ ބޭނުން ވިއެވެ. ހާސްވާން ފެށުމުން ކޮޅަށް ތެދުވިއެވެ. އިތުރަށް ކެތްނުކުރެވޭހެން ހީވުމުން ކިޓް ނަގައި ބަލައިލިއެވެ. އެއަށް އަރާފައި ހުރި ފިޔާތޮށިކުލައިގެ ދެ ރޮނގު ފެނުމާއެކު ތަނާލްއަށް އަނގަމަތީ އަތްއަޅާލެވުނެވެ. ލޮލުން ނީރާލީ އުފާވެރިކަމުގެ ކަރުނަ އެވެ. ބޭއިހްތިޔާރުގައި ބަނޑުގައި އަތްތިލަ ޖައްސާލެވުނެވެ. މައިވަންތަކަމުގެ ކުލުނު އުތުރިއަރަން ފެށިއެވެ.

ކިޓު ހިފައިގެން ތަނާލް ފާޚާނާއިން ނިކުތެވެ. އެނދު މަތީ އޮތް ފޯނު ނަގަމުން ޒަރާރްއަށް ގުޅަން އުޅުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ޚިޔާލު ބަދަލުކޮށްލެވުނެވެ. އެއުފާވެރި ޚަބަރު ފޯނުގެ ޒަރިއްޔާއިން ދޭކަށް ތަނާލް ބޭނުމެއް ނުވިއެވެ. އެހެންކަމުން ޒަރާރް އޮފީސް ނިންމާލަފައި އަންނާނެ ވަގުތަށް އިންތިޒާރުކުރިއެވެ. އެއުފާވެރި ޚަބަރު ލިބުމުން ޒަރާރްގެ މޫނުން ފެންނާނެ އުފާވެރިކަން ތަނާލްއަށް އަންދާޒާކޮށްލެވުނެވެ. ކުއްޖަކު ހޯދަން ދެމަފިރިން އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެނަސީބު މާތްﷲ މިންވަރުކޮށްދެއްވީ އެންމެ ފުރިހަމަ ވަގުތުގައެވެ.

''ސަޕްރައިޒެއް ބޭނުންތަ؟...'' ތަނާލްއަށް މަޑުން ހުރެވޭ ގޮތެއް ނުވިއެވެ. ޖަޒުބާތުތައް އުތުރިއަރަން ފެށުމުން ފިރިމީހާއާއި ހިއްސާކޮށްލަން ބޭނުންވިއެވެ.

''އައި ލަވް ސަޕްރައިޒެން، އަނެއްކާ ކޮންކަހަލަ ސަޕްރައިޒެއްތަ؟...'' ލާނެއް ސަމާސާއަކާއެކު ޒަރާރް ރައްދު ފޮނުވިއެވެ.

''އޮފީހުން އައީމަ ބުނާނަން...'' ތަނާލް ލިޔުނެވެ.

''ޔޫ އާރ ކިލިންގް މީ ވިތް ދިސް ސަސްޕެންސް...'' ޒަރާރްގެ މެސެޖުން ތަނާލްގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. އެގޮތުގައި މެސެޖުތައް ބަދަލުކުރެވުނެވެ. އެކަމަށް ނިމުމެއް އައީ ޒަރާރް މީޓިންގްއަކަށް ދާން ޖެހުނު ހިސާބުންނެވެ.

އެނދުގައި ތަނާލް ހަމަޖެހިލިއެވެ. މަޑުމަޑުން ބަޑުގައި ފިރުމަމުން ފާއިތުވި އަހަރު ދުވަހުގެ އުފާވެރި ހަނދާންތައް އާލާކުރެވުނެވެ. އޭނައާއި ޒަރާރްގެ ކައިވެނި ކުރެވުނު ދުވަހުގެ ހަނދާންތަކެވެ. އެއީ ހަޔާތުގައި އައި އުފާވެރި ދުވަސްތަކުން ދުވެހެކެވެ. އެދުވަހު އޭނަ ހުރީ ހާސްވެފައެވެ. ހިދާން މަތިން ނިކަން ބޮޑަށް ހަނދާން ވިއެވެ. ދެރަ ވެސް ވިއެވެ. ނަމަވެސް ޒަރާރްގެ ފަރާތުން ފެނުނު އޯގާތެރިކަމުން ތަނާލްގެ ހިތަށް ފިނިކަމެއް ގެނެސްދިނެވެ. އެލޯބިން އޭނައަށް ސާބިތުކަން ގެނެސްދިނެވެ. ޒަރާރްގެ އަންބެއްގެ މަޤާމު ލިބުމުން އުފާވެރިކަމުގެ ގުލްޝަނުން ދިރިއުޅުމުގައި ހުވަނދުލެވިގެން ދިޔަ އެވެ. އެދުވަހަށް ފަހު ކޮންމެ ދުވަހަކު އޭނަ ދެކެ ވާ ލޯބި ޒަރާރް އެކި ގޮތްގޮތުން ބަޔާންކޮށްދިނެވެ. ލޯބީގެ ސަމާސާތަކުންނެވެ. ތައުރީފުތަކުންނެވެ. ހަދިޔާތަކުންނެވެ.

ދޭތެރެއަކުން ދެބަސްވުންތައް އުފެދި ތަނާލް ރުޅި އައިސްފިނަމަ ތަނާލް ރުއްސަން ޒަރާރް އަވަސްވެގަނެއެވެ. ސުލްހަ ޤާއިމުކުރެއެވެ. ލޯބީގެ ސަމާސާތަކުން ހިތް ރުއްސައެވެ.

*****

ހަވީރެވެ. ތަނާލް އިނީ ބެލްކަނީގައި ވާހަކަ ފޮތެއް ކިޔާށެވެ. ވާހަކައިގެ ތެރެއަށް ގެއްލިފައި ވަނިކޮށް ފިޔަވަޅުތަކެއްގެ އަޑު އިވުނެވެ. ތަނާލްގެ ނަޒަރު ބެލްކަނީގެ ދޮރަށް ލެނގިގެން ހުރި ޒަރާރްއަށް ހުއްޓުނެވެ. އަރިމަތިން ދޮރަށް ލެނިގެން ހުރި ޒަރާރްގެ ވާއަތްތިލަ އޮތީ ފަޓުލޫނުގެ ޖީބުގައެވެ. ކަނާއަތުން ކަރުގައި އޮތް ޓައިއަށް ދޫކޮށްލައި ކަރުގޮށް ނައްޓާލުމަށްފަހު، ތަނާލްއަށް ރީތި ހިނިތުންވުމެއް ވެދުންކޮށްލިއެވެ.

''ވެލް،ޑޯންޓް ޔޫ ލުކް ބިއުޓިފުލް...'' ތަނާލްއަށް ބަލަމުން ޒަރާރް ހިނިތުންވުންފުޅާކޮށްލިއެވެ. ޒަރާރް އެހާ ވަރަށް ބަލަން ފެށުމުން ތަނާލް ލަދުގަންނަ ގޮތް ވިއެވެ. އެތަން ފެނި ޒަރާރްއަށް ހެވިއްޖެއެވެ. ކުރިއަށް ފިޔަވަޅެއް އަޅާލަމުން ތަނާލްގެ ގާތަށް ހުއްޓުނެވެ. ކުރުފައިމައްޗަށް ތިރިވެލައި، ތަނާލްއާއި އިތުރަށް ގާތްވެލަމުން ތަނާލްގެ ކޯތާފަތުގައި ބޮސްދިނެވެ.

''ކޮބާތަ ސަޕްރައިޒް؟...'' ތަނާލް އިން ގޮނޑީގެ އަތްގަނޑުގައި އުޅަނބޮށި ވިއްދާލަމުން ޒަރާރް ސުވާލުކޮށްލިއެވެ.

''ސަޕްރައިޒް ދޯ...'' ފިރިމީހާއަށް ބަލަމުން ތަނާލް ބުންޏެވެ.

''ހޫމްމްމް، ސަޕްރައިޒް، ދެން ތިހާ މިސްޓީރިޔަސް ނުވެ ބުނެބަލަ، މިއަދު އެނޫން ކަމަކާ ނުވިސްނުނޭ...'' ޝަހާދަތް އިނގިލިން ތަނާލްގެ ކޯތާފަތުގައި ޒަރާރް ފިރުމާލިއެވެ. އެދެލޮލުން ރަމްޒުކޮށްދެނީ އިންތިހާ ދަރަޖައިގެ ލޯތްބެވެ.

''އޯކޭ، މިތާ މަޑުކުރޭ...'' ތަނާލް ތެދުވިއެވެ. އޭނަ ވަނީ ކޮޓަރިއަށެވެ. ތަނާލް ދިޔަ ދިމާއަށް ބަލަން ހުރެފައި އެއްމިޔަކަނިން ޒަރާރް ހިނިތުންވެލިއެވެ. ކަރުގައި އޮތް ޓައި ނައްޓާލަމުން ރެއިލިންގް ކައިރިއަށް ހުއްޓި ގަމީހުގެ އަތުކުރި އޮޅަން ފެށިއެވެ. އަތުކުރި އޮޅަމުން ދަނިކޮށް ތަނާލް އައިސްފިއެވެ. ދެއަތް ފަހަތަށް ލައިގެން ހުންނަން ފެށުމުން ޒަރާރް ބުމައަރުވާލިއެވެ.

ތަނާލް ދިއްކޮށްލީ ހިމަ ދިގު ފޮއްޓެކެވެ. ހައިރާންކަމާއެކު ޒަރާރް ބަލައިލިއެވެ. އެއީ ތަންކޮޅެއް ކުރިން އޭނަ ތަނާލްއަށް ހަދިޔާއަކަށް ދިން ކެވެލިކޮޅެއް އަޅާފައި އޮތް މަހުމާ ފޮއްޓެވެ. ތަނާލްއަށް ބަލަން ހުރެފައި ޒަރާރް އެފޮށީގައި ހިފިއެވެ. ފޮށީގައި ކުޑަ ރިބަންކޮޅެއް އައްސާފައި އޮތުމުން ހެވިއްޖެއެވެ. ތަނާލްއާއި ނަޒަރު ވަކިކުރުމެއް ނެތި ޒަރާރް ރިބަންކޮޅު މޮހެލިއެވެ. އެއަށްފަހު ފޮށި ހުޅުވާލިއެވެ.

ފޮށީގައި އޮތް ކިޓް ފެނުމާއެކު ޒަރާރްއަށް މަޑުޖެހިލެވުނެވެ. އެއަށް ބަލަން ހުރެފައި ދެން ބަލައިލީ ތަނާލް އަށެވެ. ދެން އަނެއްކާ ވެސް ކިޓަށެވެ. ކިޓް ނަގައި ބަލަމުން އަނެއްކާ ވެސް ތަނާލްއަށް ބަލައިލިއެވެ. ޒަރާރްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނަ ހުރީ ނޭވާލާން ހަނދާން ނެތިފައެވެ. ތަނާލް ބޯޖަހާލި މަންޒަރު ފެނުމާއެކު ދިގު ފިޔަވަޅެއް އަޅަމުން ދެމެދުގައި އޮތް ދާއިރާ ހަނިކޮށްލިއެވެ. ތަނާލްގެ އުނަގަނޑުގައި ހިފާ ގާތަށް ގެންނަމުން ބާރަށް ބައްދާލިއެވެ.

ތަނާލްގެ ކަނދުރާގައި މޫނު ފޮރުވާލަމުން ޒަރާރް ފުންނޭވާއެއް ދޫކޮށްލިއެވެ. ތަނާލްއާއި ދުރަށް ޖެހިލި ޒަރާރްގެ އެސްފިޔަތަކުގައި ތެތްކަމެއް ވިއެވެ. ވާހަކަދައްކަން އުޅުނަސް އުތުރިއަރަމުން ދިޔަ ޖަޒުބާތުގެ ސަބަބުނއ ކާމިޔާބެއް ނުވިއެވެ. ތަނާލްގެ ނިތުގައި ޒަރާރް ބޮސްދިނެވެ. ތަނާލްގެ ފަރާތުން ލިބުނު އުފާވެރިކަމާއި ނިއުމަތަށް އޭނަ ހަމްދުކުރިއެވެ.

''ތެންކިއު...'' ވައިއަޑަކުން ޒަރާރް ބުންޏެވެ. ތުންފަތުގައި ދުވެލީ މާނަފުން ހިނިތުންވުމެކެވެ. ދުނިޔެމަތީގައި ހުރި އެންމެ ނަސީބު ގަދަ އިންސާނާ ކަމުގައި ދެކެވުނެވެ. ތަނާލްއާއެކު ހާސިލް ކުރަން ބޭނުންވި ހުރިހާ އުފަލެއް މިލްކުކުރެވިއްޖެއެވެ. އެކުގައި ބިނާކުރަން ބޭނުންވި ޢާއިލާގެ ހުވަފެންތައް ވެސް ހަޤީޤަތަކަށް ވެއްޖެއެވެ.

''އަދި އެކެއް މި ހަމަކުރެވުނީ، ބާކީ އޮންނާނެ ދިހައެއް...'' ޒަރާރް ބުނެލިއެވެ. އެއާއެކު ތަނާލްގެ ހުނުމުގެ އަޑު އިވުނެވެ. އެއަޑުގެ ދަށުން ޒަރާރް ވެސް ހިނިތުންވެލިއެވެ.

*****

ނުވަ މަސް ފަސް...

ވިހާ ކޮޓަރީގައި އޮތް ތަނާލް ދިޔައީ ވޭނަށް ކެތްކުރަމުންނެވެ. ޑޮކްޓަރާއި ނަރުހުންގެ އިރުޝާދުތަކަށް ސަމާލުކަންދޭން އޭނަ މަސައްކަތްކުރިއެވެ. ނަމަވެސް ވިހެއުމުގެ ވޭނުގެ ސަބަބުން ތަނާލް ވަރުބަލިވާން ފެށިއެވެ. މީހާ އޮތީ ދާހިއްލާ ފޯވެފައެވެ. ކަނދުރާ ހިއްލާލެވޭ ވަރެއް ވެސް ނުވިއެވެ. އޭނަގެ އަތުގައި ހިފަހައްޓައިގެން ހުރި ޒަރާރްއަށް ތަނާލް ބަލައިލިއެވެ. އަތުގައި އޮތް ފޮތިކޮޅަކުން ތަނާލްގެ ނިތްކުރީގައި ހުރި ދާތިކިތައް ޒަރާރް ފޮހެލަދިނެވެ. ތަނާލް ވޭނުގައިވާ މަންޒަރު ދެކެން ޒަރާރްއަށް ފަސޭހައެއް ނުވިއެވެ. ދަރިފުޅު އުފަންކުރަން ތަނާލް އުފުލަމުން ދިޔަ ބުރަ ފެނި ޒަރާރްގެ ހިތުން ތަނާލްއަށް ދެވިފައިވި މަޤާމާއި ލޯބި އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ. އޭނައަށް ވާނެ ނަމަ ތަނާލްގެ ވޭން އުފުލީހެވެ. ނަމަވެސް އެއީ ވާނެކަމެއް ނޫންކަން ޒަރާރްއަށް އެނގެއެވެ. އޭނައަށް އޮތީ ތަނާލްއަށް ހިތްވަރުދިނުމާއެކު ވާ ލޯބި ހާމަކޮށްދިނުމެވެ. އެހެންކަމުން ތަނާލްގެ ގާތުގައި ޒަރާރް ހުއްޓެވެ.

ކުޑަދަރިފުޅުގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމާއެކު ތަނާލްއަށް ރޮވިއްޖެއެވެ. ޒަރާރްގެ އަތުގައި ބާރުބާރަށް ތަނާލް ހިފިއެވެ. ވަރުބަލިބަލިވެފައި ވިޔަސް ކަނދުރާ ހިއްލާލަމުން އޭނަ ބަލައިލިއެވެ. އޭރު ނަރުސްކުއްޖާ ތަނާލްގެ އަތަށް ދަރިފުޅު ލައިދެނީއެވެ. އެމަންޒަރު ބަލަން ހުރި ޒަރާރްގެ ދެލޯ ކަރުނުން ފުރުނެވެ. ތަނާލްގެ ގާތަށް ޖެހިލަމުން ތަނާލްގެ ބޮލަށް ބޮސްދިންވެ. އެއަށްފަހު ތަނާލްގެ އަތުގެ ތެރޭގައި އޮތް ކުޑަކުޑަ ފުރާނައަށް ބަލައިލިއެވެ. ލޯބިލޯބި އަންހެންކުއްޖެކެވެ. ޒަރާރްއަށް ކުރެވުނު އިހުސާސް ދުލަކުން ބަޔާނެއްނުކުރެވޭނެ އެވެ. މިއީ ހަޤީޤަތެއްކަން ޤަބޫލުކުރަން އަދިވެސް އުނދަގުލެވެ. ނުވަމަސް ދުވަސް ވަންދެން ކުރި ދިގު އިންތިޒާރަށް ނިމުން އަތުވެއްޖެއެވެ. ދަރިފުޅާއި ބައްދަލުކުރުމުގެ ނަސީބު ލިބުނީއެވެ. އެއީ އޭނައާއި ތަނާލްގެ ލޯބީގެ ފުރިހަމަކަމުގެ ނިޝާނެވެ.

ދަރިފުޅު ސާފުކުރުމަށްފަހު ޒަރާރްގެ އަތަށް ލައިދިނެވެ. ދަރިފުޅު ކުޑަކަމުން ޒަރާރް ހުރީ ބިރުންނެވެ. ހުސްގަޔާ ހުރި ޒަރާރްގެ އަތު ތެރެއަށް ދަރިފުޅު ލައިދިނުމާއެކު ނިކަން ފަރުވާތެރިކަމާއެކު ދަރިފުޅުގެ ގައިގައި ހިފަހައްޓާލިއެވެ. ނުފަރިތަކަމެއް ހުއްޓަސް އަތު ތެރޭ އޮތް ކުޑަކުޑަ ފުރާނައަށް ޒަރާރް ބަލައިލީ ލޯތްބާއެކުގައެވެ. ދަރިފުޅު ކުކުރާލުމާއެކު މޭގައި ބޮޑިކޮށްލަމުން ނާނާއެއް ކިޔަން ފެށިއެވެ. ދެފަހަރަކު ކުކުރާލާފައި ދަރިފުޅު ލޯމަރާލިއެވެ. ޒަރާރްއަށް ހެވުނެވެ. އޭނަ ދެން ބަލައިލީ ތަނާލް އަށެވެ.

''ތެންކިއު...'' ޒަރާރް ޝުކުރު އަދާކުރިއެވެ. ބައްޕައަށް ވުމުގެ ނަސީބު އޭނައަށް ލިބުނީ ތަނާލްގެ ސަބަބުންނެވެ. އެކަމަށް އޭނަ އަބަދުމެ ޝުކުރުވެރިވާނެއެވެ. އެއީ މިހާރު ހަމައެކަނި އޭނަގެ ލޯބިވާ އަނބިމީހާއެއް ނޫނެވެ. އޭނަގެ އަލަތު ދަރިފުޅުގެ މަންމަ ވެސް މެއެވެ. އޭނަގެ ދަރިންގެ މަންމައަކަށް ވާން އެންމެ ފުރިހަމައީ ވެސް ތަނާލް އެވެ.

*****

ތިން އަހަރު ފަސް...

ހަވީރެވެ. ޖެހެމުންދާ ފިނިފިނި ރޯޅިތަކުން ހަށިގަނޑަށް ރާހަތެއް ގެނެސްދެއެވެ. ރިސޯޓްގެ ތުނޑީގައި ހުރި ކަބާނާގައި ތަނާލް އިނެވެ. އޭނަގެ ނަޒަރު ހުއްޓިފައި ވަނީ ގޮނޑުދޮށް ކައިރީގައި އުޅުނު ޒަރާރް އަށެވެ. ޒަރާރް އިނީ ދޮންވެލިގަނޑު މަތީގައެވެ. ޒަރާރްގެ ގާތުގައި ތިން އަހަރުގެ އިނީ ޔޫލީ އެވެ. ޔޫލީގެ އިރުޝާދުގެ ދަށުން ޒަރާރް އުޅުނީ ސޭންޑް ކާސްލްއެއް ބިނާކޮށްދޭށެވެ. ޔޫލީގެ ކޮންމެ އިޝާރާތަކަށް ޒަރާރް ބޯލަނބައެވެ. އޭނަގެ ތުންފަތުން ހިނިތުންވުން ފިލައިގެން ނުދެއެވެ. އެމަންޒަރުން ތަނާލްގެ ހިތަށް ފިނިކަމެއް ގެނެސްދިނެވެ. ދަރިންދެކެ ޒަރާރް ވާ ލޯތްބަކީ ތަނާލްގެ ހަމަޖެހުމެވެ. އޯގާތެރި އަދި އިންތިހާއަށް ލޯބިވާ ބައިވެރިޔަކަށް ފުރުސަތުދެވުން އެއީ ދަރިންނަށް ދެވުނު އެންމެ ބޮޑު ނަސީބެވެ.

މޭގެއި ބޯއަޅައިގެން އޮތް ތިން މަހުގެ ނޫހު ކުކުރާލަމުން ދަރިފުޅުގެ ގައިގައި ތަނާލް މަޑުމަޑުން ފިރުމާލިއެވެ. އެއަށްފަހު ދަރިފުޅުގެ މޫނަށް ބަލައިލިއެވެ. ފިރިހެންދަރިފުޅު ވައްތަރީ ޒަރާރް އާއެވެ. ފުން ނިންޖެއްގައި އޮތް ނޫހުގެ ބޮނޑުވާއިނގިލި ވަނީ އަނގައިގެ ތެރޭގައެވެ. މައިތަންވަކަމުގެ ކުލުނުން މޭފުރިބަންޑުންވުމާއެކު ދަރިފުޅު މޭގައި ބޮނޑިކޮށްލަމުން ކޮލަށް ބޮސްދިނެވެ.

ވޭނާއި ހިތްދަތިކަމުގެ ދިގު ސިލްސިލާއަކަށްފަހު އުފާވެރިކަމުގެ ނޫރުން އޭނަގެ ހަޔާތް ޒަރާރް ރޯޝަންކޮށްދީފިއެވެ. ޒަރާރްގެ ލޯބި ޤަބޫލުކޮށް ދިން ފުރުސަތަކީ ހަޔާތުގައި ނިންމި އެންމެ ރަނގަޅު ނިންމުންވެސް މެއެވެ.

-ނިމުނީ-