''މަންމާ...'' ތަނާލް ގޮވާލިއެވެ. އޭނައާއި ހަތަރުކަޅިހަމަކުރަން މަންމަ ފަސްޖެހެމުން ދިޔަ މަންޒަރުން އިތުރު ހައިރާންކަމެއް ލިބުނެވެ. ކުރިއަށް ޖެހިލައި މަންމަގެ އަތުގައި ތަނާލް ހިފިއެވެ. އަދި މަންމަގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. މަންމަގެ އެސްފިޔަތަކުގައި ހުރި ކަރުނައިގެ އަސަރު ފާހަގަވުމާއެކު ތަނާލްގެ މެޔަށް ފިނިވެއްޖެއެވެ. އުފެދުނު ސުވާލުތަކާއެކު މީހާ ހާސްވާން ފެށިއެވެ.

މަންމަގެ ހިމޭންކަމުން ތަނާލްގެ ހާސްކަން ދެގުނަވިއެވެ. ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. މާހައުލަށް ވެރިވެފައި އޮތް އާދަޔާ ޚިލާފު ހިމޭންކަމުން އުނދަގޫވާން ފެށިއެވެ. ހަމައެއާއެކު ބޮޑުކޮޓަރީގެ ސޯފާގައި އިސްޖެހިފައި އިން ބައްޕަ ފެނުމުން ނުބައެއް އުޅޭކަމުގެ އިހުސާސްކުރެވުނެވެ.

''އާދެބަލަ...'' ސުމައްޔާ އެދުނެވެ. ތަނާލް ގޮވައިގެން ސުމައްޔާ ހިނގައިގަތީ ސޯފާއާއި ދިމާ އަށެވެ. ސޯފާގައި ތަނާލް ބައިންދަމުން ސުމައްޔާގެ ނަޒަރު ހުއްޓުނީ ހާރޫނަށެވެ. ވާހަކަ ފަށާނެ ގޮތެއް ދެމަފިރިންނަކަށް ނޭނގުނެވެ. ފަތިސް ނަމާދަށް ފަހު ލިބުނު ފޯންކޯލްގެ ސަބަބުން ދެމަފިރިން ވަނީ ސިހުމެއްގެ ތެރޭގައެވެ. އެބިރުވެރި ޚަބަރު ތަނާލްއާއި ހިއްސާކުރާނެ ގޮތެއް ނޭނގިފައެވެ. ތަނާލްއަށް ލިބޭނެ ޝޮކާ މެދު ވިސްނާލިޔަސް ފަސްޖެހޭ ގޮތް ވިއެވެ. ނަމަވެސް އެވާހަކަ ދައްކަން އެބަޖެހެއެވެ. ވަގުތުގެ ނާޒުކުކަމުންނެވެ.

ސުމައްޔާގެ އަތުގައި ހާރޫން ހިފިއެވެ. ގާތުގައި އިށީނުމަށް އިޝާރާތްކޮށްލަމުން އިސްނެގީ ހާރޫނެވެ. އެކަމަށް ސުމައްޔާ ޝުކުރެވިވިއެވެ. މޭގައި އުފެދިފައިވި ގިލަންވެރިކަމުން ވާހަކަދެއްކުން ފަސޭހަކަމަކަށް ނުވާނެތީއެވެ. ކަރުނަތައް ކޮންޓްރޯލް ކުރެވެނީ ހަމަ ކިރިޔާއެވެ. ޒަރާރްގެ ޚަބަރު ލިބުމުން ތަނާލްއަށް ވާނެ ގޮތެއް ލަފާކޮށްލަން ދަތިވުމާއެކު ސުމައްޔާ ހުރީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އޭރު ނަސުފުގެ ހަމަޖެހުން ގެއްލިއްޖެއެވެ. ތަޤުދީރާ މެދު ޝަކުވާކުރެވުނެވެ. ތަނާލްގެ ނަސީބުގައި އުފާވެރިކަން ލިޔެވިފައި ނުވަނީ ހެއްޔެވެ؟ ކޮންމެ ފަހަރަކު މިފަދަ ހިތްދަތި ހާދިސާއެއް ކުރިމަތިވަނީ ކީއްވެގެން ހެއްޔެވެ؟ ފުރަތަމަ ހިދާންގެ ކުއްލި ވަކިވުމެވެ. މިފަހަރު ޒަރާރްއަށް ދިމާވި ހިތާމަވެރި ހާދިސާއެވެ.

''ދަރިފުޅާ...'' ހާރޫން ގޮވާލީ ލޯތްބާއެކުގައެވެ.

''ބައްޕާ، ކަމެއްވީތަ؟...'' ތަނާލްއަށް އަހާލެވުނެވެ. މަންމައާއި ބައްޕަގެ މޫނަށް ވަކިވަކިން ތަނާލް ބަލައިލިއެވެ. އޭނައަށް ފެނުނީ ހިތާމަޔާއި މާޔޫސްކަމުގެ ލިސާނެވެ.

ތަނާލްއާއި ހަތަރުކަޅިހަމަކުރަން ހާރޫނަށް ފަސޭހައެއް ނުވިއެވެ. މަސްރޫރުގެ ފޯންކޯލާއެކު ލިބުނު ބިރުވެރި ޚަބަރުން ހާރޫނަށް ފުން އަސަރުތަކެއް ކޮށްފިއެވެ. މުސްތަޤުބަލަށްޓަކައި ތަނާލް ދެކެމުން އައި ފޮނި ހުވަފެންތައް ފާއިތުވި ދުވަސްތަކުގައި ހާރޫނަށް ވަނީ ފެނިފައެވެ. ޒަރާރްއާއި ބައްދަލުވި ދުވަހުން ފެށިގެން ތަނާލްގެ ދިރިއުޅުމަށް އިންޤިލާބުތަކެއް އަތުވެއްޖެއެވެ. ހިނިތުންވާން ދަސްވެއްޖެއެވެ. ތަނާލްގެ ހުރިހާ އުފަލެއް ޒަރާރްއާއި ގުޅިލާމެހިގެން ހިނގައްޖެއެވެ. މިއަދަކީ ކައިވެނީގެ ރަން ކިޔަން އޮތް ދުވަހެވެ.

ހާރޫންގެ ދެލޯ ފުރިގެން އައީ ކަރުނުންނެވެ. ހިތްވަރުކުރަން ބޭނުން ވިޔަސް ތަނާލްއަށް ލިބޭނެ ގިލަންވެރިކަން ތަސައްވަރުކޮށްލެވުމުން މީހާ ބަލިކަށިވާން ފެށިއެވެ.

''ބައްޕާ، އަޅުގަނޑު ވަރަށް ބިރުގަނޭ އެބަ ...'' ތަނާލްގެ ހިތުގެ ތެޅުން ހަމައަކަށް ނޭޅުނެވެ. ބައްޕަގެ ލޮލުން ފޭބި ކަރުނަތައް އިންޒާރުގެ ރަނގަބީލަކަށް ފުދުނެވެ.

''ދަރިފުޅާ... ޒަރާރް... ޒަރާރް އޮތީ ހޮސްޕިޓަލުގަ...'' ކަށިން ނެރުނު ހިތްވަރާއެކުގައި ހާރޫން ބުންޏެވެ. ޒަރާރް އޮތް ހާލަތު ތަނާލްއަށް އެނގެން ޖެހޭނެތީއެވެ. އެކަން ސިއްރުކުރެވޭކަށް ނެތެވެ.

''ވަޓް!...'' ބައްޕަގެ ޖުމްލައާއެކު ތަނާލްއަށް ލިބުނީ ސިހުމެވެ. އޭނައަށް ދެލޯ ބޮޑުކޮށްލެވުނެވެ. ބައްޕަގެ ހިމޭންކަމާއި މަންމަގެ މޫނުން ފެންނަމުންދާ މޮޅިވެރިކަމުން ތަނާލް ބިރުގަންނަވާލައިފިއެވެ. ސުވާލުތައް ގިނަވުން ނޫންކަމެއް ނުވިއެވެ.

''ހޮސްޕިޓަލުގަ؟... އެކީއްކުރަން؟... ބަލިވީތަ؟...'' ތަނާލްއަށް އަހާލެވުނެވެ. ހެނދުނުގެ ތަހުނިޔާއާއެކު ޒަރާރްގެ މެސެޖެއް ނުލިބުނީ އެހެންވެގެން ހެއްޔެވެ؟ ހޮސްޕިޓަލަށް ދާން ޖެހުނީތީ ހެއްޔެވެ؟ އެވަރުކަމެއް އޭނައަށް އަނގާނުލީ ކީއްވެގެން ހެއްޔެވެ؟ އޭނަ ކަންބޮޑުވެދާނެތީ ހެއްޔެވެ؟ އެހެން ވިޔަސް އޭނައަށް އަންގަން ވާނެ ނޫން ހެއްޔެވެ؟

ތަނާލްގެ ސިކުނޑިއަށް ބާރުބޮޑުވާން ފެށިއެވެ. އޭނައަށް އެއްވެސް އެއްޗެއް ފަހުމެއް ނުވިއެވެ. ކަންފަތުގެ ތޫރީގައި ގުގުމަމުން ދިޔައީ ހިތުގެ ތެޅުމުގެ އަޑެވެ. ނޭވާ ކުރުވާކަމުގެ އިހުސާސްކުރެވުނެވެ. ވަށައިގެންވި ހަތަރުފާރު ގާތްވަމުން ގޮސް އޭނަ ފިއްތާލަން އުޅުނުހެން ވެސް ހީވިއެވެ. ސޯފާގައި އިންނަން އުނދަގޫވުމާއެކު ކޮޅަށް ތެދުވިއެވެ.

''ހިނގާ ހޮސްޕިޓަލަށް ދާން...'' ތަނާލް ބޭނުންވީ ޒަރާރްގެ ގާތަށް ދާށެވެ. ޒަރާރްގެ ސޫރަ ފެނުމުން ނޫނީ ދެން އޭނައަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

''ތަނޫ...'' މަންމަގެ އަޑު އިވުނީ ދުރުދުރުންނެވެ. ނަމަވެސް މަންމަ ހުރީ އޭނަގެ ކުރިމަތީގައެވެ. އޭނަގެ ކޮނޑުގައި ހިފަހައްޓާލަމުން ސޯފާގައި ބައިންދަން އުޅުނެވެ. ތަނާލް ވަގުތުން ދެކޮޅުހެދިއެވެ.

''އަހަރެން ބެނުމީ ހޮސްޕިޓަލަށް ދާން، ބައްޕާ، އަހަރެން ޒަރާރްގެ ގާތަށް ގެންގޮސްދީ... ކީއްވެގެންތަ ހޮސްޕިޓަލަށް ދަމުން އަހަންނަށް ނޭންގީ؟، ބަލިވެ އުޅޭ ވާހަކަ ބުނަން ނުކެރުނީތަ؟...'' ތަނާލްއަށް ހީވަނީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި އުޅެވޭ ހެންނެވެ. ސިކުނޑިއަށް ބާރު ބޮޑުވެ ބޮލުގައި ގަދަޔަށް ރިއްސަން ފެށިއެވެ.

''ތަނޫ، ބައްޕަ މިބުނާ އެއްޗެއް ރަނގަޅަށް އަޑު އަހާބަލަ...'' އޯގާތެރިކަމާއެކު ހާރޫން ބުންޏެވެ. ތަނާލްގެ ހާސްކަމުން ހާރޫންގެ މޭގައި ލޭކޮށިގެން ދިޔަ އެވެ. ދަރިފުޅު އެހާލުގައިވާ މަންޒަރު ދެކެން ފަސޭހައެއް ނުވިއެވެ.

''ބައްޕާ، ޕްލީޒް...'' ތަނާލްއަށް ރޮވުނެވެ. ބައްޕަގެ ވާހަކަތައް އިތުރަށް އަޑުއަހަން އޭނަ ބޭނުމެއް ނުވިއެވެ. ބިރުވެރި ޚަބަރެއް ލިބެން އުޅޭކަމުގެ އިންޒާރު އޭނަގެ ހަވަނަ ހިއްސު ދިނެވެ. ތަނާލްގެ ނަފުސު ތެޅިފޮޅިގަތީ އެވާހަކަތައް ހުއްޓުވާށެވެ.

ބައްޕަ ތަކުރާރުކޮށް އެދުމުން ތަނާލް ސޯފާގައި އިށީނެވެ. ކުރުފައިމައްޗަށް ތިރިވެ އޭނަގެ އަތުގައި ހިފަހައްޓާލި ބައްޕަގެ މޫނަށް ތަނާލް ބަލައިލިއެވެ. އެދެލޮލުން ތަނާލްއަށް ފެނުނީ ހަމްދަރުދީއެވެ. ތަނާލްއަށް ބޯހޫރާލެވުނެވެ. އެދެލޮލުން ފާޅުވަނީ އާދޭހެވެ.

''ޒަރާރް ވަރަށް ބަލި... އޮފަރޭޝަނެއް ކުރަނީ...'' ތަނާލްއަށް އަޑު އިވުނީ އެ ހިސާބަށެވެ. ބައްޕަގެ ތުންފަތް ހަރަކާތްކުރާ މަންޒަރު ފެނުނަސް އިތުރު އަޑެއް ތަނާލްއަކަށް ނީވުނެވެ. ކަންފަތް ބައްވެ ހަމަ ނޭވާލާން އުނދަގޫވިއެވެ. މެޔަށް އެރި ބާރުގަނޑާއެކު ދެލޯބޮޑުކޮށްލެވުނެވެ. ނަފުސު ހަމަހިމޭން ވިޔަސް އޭނަގެ ސިކުނޑި ވަނީ ހަލަބޮލިކަމެއްގެ ތެރޭގައެވެ. މޫނުމައްޗަށް އަނދިރިވާހެން ވެސް ހީވިއެވެ.

މޭގައި އުފެދެން ފެށި ދިލަހޫނަށް ލުޔެއް ލިނިދާނެކަމުގެ އުއްމީދުގައި ތަނާލްއަށް މޭގައި ފިރުމާލެވުނެވެ. މަންމައާއި ބައްޕަ ކައިރީގައި ތިއްބަސް ކިޔާ އެއްޗެއް ސާފެއް ނުވެއެވެ. ވަށައިގެންވި މަންޒަރުތައް އެނބުރޭހެން ހީވުމާއެކު ލޯ މަރާލެވުނެވެ. އޭނައަށް ވަމުންދާ ގޮތް ތަނާލްއަށް އެނގުނެވެ. ބިރުގަތީ އެހެންވެގެންނެނެވެ. މަރާލެވުނު އެސްފިޔަތަކުގެ ތެރެއިން ކަރުނަތައް ފޭދިގަތެވެ. މިހުރިހާ އިރު ވަންދެން ހިފަހައްޓައިގެން ހުރި ގިސްލުމުގެ އަޑު ބޭރުވީ ދެނެވެ.

ތަނާލްއަށް ރޮވުނީއެވެ. ބާރުބާރަށެވެ. ޖަޒުބާތުތައް ކޮންޓްރޯލްކުރަން އެއްވެސް މަސައްކަތެއް ނުކުރެވުނެވެ.

''ތަނޫ...'' އޯގާތެރިކަމާއެކު މަންމަ ގޮވާލިއެވެ. ނަމަވެސް ލޯހުޅުވަން ތަނާލް ދެކޮޅުހެދިއެވެ. ހުޅުވައިފިއްޔާ އިވުނު ބިރުވެރި ޚަބަރު ހަޤީޤަތަކަށް ވެދާނެތީއެވެ. ތަނާލް ޤަބޫލުކުރަން ބޭނުންވީ ޒަރާރް ގަދަވެ ސަލާމަތުން ހުރިކަމަށެވެ. ޒަރާރްއަށް ކަމެއް ނުވާ ކަމަށެވެ. އޭނަގެ ގާތަށް އަންނާނެ ކަމަށެވެ. އޭނައަށް ވި ވަޢުދުތަކުގެ މަތީ ދެމިހުންނާނެކަމަށެވެ.

''ދަރިފުޅާ...'' ބައްޕަގެ އަޑެވެ. ތަނާލް އިނީ އެސްފިޔަތައް ތަގުޅިކޮށްގެންނެވެ. ދެފަރާތަށް އޭނަ ބޯހޫރާލިއެވެ.

''ދަރިފުޅަށް ވަގުތު ބޭނުންވާނެކަން އެނގޭ، އެކަމަކު ހޮސްޕިޓަލަށް ވެސް ދާން އެބަޖެހޭ، ޒަރާރް މިވަގުތު އޮތީ އޮޕަރޭޝަން ތިއޭޓަރުގަ، ޒަރާރް ނެރޭ އިރު ހުންނަން ދަރިފުޅު ބޭނުންތަ؟...'' ބައްޕަ ވިސްނައިދިނުމުން ތަނާލްއަށް އަނެއްކާ ވެސް ރޮވުނީއެވެ. ލޮލުން ފައިބަމުންދާ ކަރުނަތަކުން ކޯތާފަތުގައި ރޮނގުދަމާލައިފިއެވެ. ތުރުތުރުއަޅަމުން ދިޔަ ތުންފަތް ފޫއަޅުވާލަނީ ވޭނީ ގިސްލުންތަކުންނެވެ.

''ހިތްވަރުކުރަންވާނެ...'' ސުމައްޔާގެ ލޮލުން ކަރުނަ ފައިބާ ހާލުގައި ވެސް ދަރިފުޅަށް ނަސޭހަތްދިނެވެ. ''އޮޕަރޭޝަން ކާމިޔާބުވާނެކަމުގެ ޔަޤީންކަން ޑޮކްޓަރުން ދިނޭ...''

ތަނާލް ހަމައަކަށް އެޅެން އިރުގަނޑެއް ނެގިއެވެ. އޭރު ވެސް އޭނައަށް ގިސްލެވެއެވެ. ލޯހުޅުވާލަމުން ބާބުރާބަރަށް ބައްޕަގެ ގައިގައި ބައްދައިގަތެވެ.

''އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ރަނގަޅުވާނެ، ދަރިފުޅު ތީ ހިތްވަރުގަދަކުއްޖެއްނު، ޒަރާރްއަށް މިވަގުތު ދަރިފުޅުގެ ހެޔޮ ދުޢާތައް ވަރަށް މުހިންމު...'' ލޯތްބާއެކު ހާރޫން ބުންޏެވެ.

ބައްޕަގެ ކޮނޑުގައި ބޯއަޅާލަމުން ފުންނޭވާއެއްލާން ތަނާލް މަސައްކަތްކުރިއެވެ. އެހެނަސް ކާމިޔާބެއް ނުވިއެވެ. ވޭން އަޅާތީއެވެ. މޭގައި ތޫނު ރިހުމެއް އުފެދިއްޖެއެވެ. އެފަދަ ވޭނެއް ފުރަތަމަ ބަރުދާސްތުކުރަން ޖެހުނީ ހިދާންގެ މަރަށް ފަހުގައެވެ. ދެވަނަ ފަހަރަށް އެވޭން އުފުލުމުގެ ކުޅަދާނަކަމެއް އޭނައަށް ލިބިގެން ނުވެއެވެ.

ސުމައްޔާއަށް ބަލަމުން ތަނާލްއަށް ފެންތަށްޓެއް ގެނެސްދިނުމަށް ހާރޫން އެދުނެވެ. އެއާއެކު ސުމައްޔާ ހިނގައިގަތީ ބަދިގެއަށެވެ. ދަމުން ތަނާލްއަށް ބަލައިލިއެވެ. މައިލަގޮނޑީގައި އުފެދުނު ރިހުމާއެކު ސުމައްޔާއަށް އަނގަމަތީ އަތްއަޅާލެވުނެވެ.

މަންމަ ގެނެސްދިން ފެން ތަށީގައި ތަނާލްއަށް ހިފޭވަރެއް ނުވިއެވެ. ހަށިގަނޑު ތުރުތުރުއަޅާވަރުން ކޮޅަށް އިންނަން ވެސް ދަތިވިއެވެ.

ތަނާލްގެ އަތުން ތަށި އަތުލަމުން، ތަނާލްއަށް ފެން ދިނީ ހާރޫނެވެ. ސުމައްޔާ ދިޔައީ ތަނާލްގެ ބުރަކަށީގައި ފިރުމަމުންނެވެ. ދެމަފިރިންނަށް ވީވަރަކުން ދަރިފުޅަށް ހިތްވަރުދޭން މަސައްކަތްކުރިއެވެ. ދަރިފުޅުގެ ވޭނާއި ކެކުޅުން އުފުލޭނެނަމަ ދެމަފިރިން އެކަން ވެސް ކުރީހެވެ.

''އަޅުގަނޑު... އަޅުގަނޑު ހޮސްޕިޓަލަށް ގެންގޮސްދީފާނަންތަ؟...'' ބައްޕަގެ ކޮނޑުގައި ބޯއަޅައިގެން އޮވެފައި ތަނާލް އެދުނެވެ.

''އަވަހަށް ތައްޔާރުވެގެން އާދޭ...'' ތަނާލްގެ ބޮލުގައި ހާރޫން ފިރުމާލިއެވެ.

ވަގުތުގެ ނާޒުކުކަމުގެ ސަބަބުން ތަނާލް އެކަނިވުމުގެ ފުރުސަތު ދޭން ސުމައްޔާ ޖެހިލުންވިއެވެ. އެހެންކަމުން ތަނާލް ގޮވައިގެން ކޮޓަރިއަށް ދިޔައީ ސުމައްޔާ އެވެ. އެމަންޒަރު ބަލަން އިނދެފައި ހާރޫނަށް އޭނަގެ މޫނުގައި ދެއަތުން ފިރުމާލެވުނެވެ. ހާރޫންގެ ކޮންމެ ހަރަކާތަކުން ފާޅުވަނީ ވަރުބަލިކަމެވެ. ޒަރާރްއާ މެދު ކަންބޮޑުވެފައިވާ ތަނެވެ. އޭނަ ދެކެމުން ދިޔައީ ޒަރާރްއަކީ އަމިއްލަ ދަރިއެއްގެ ގޮތުގައެވެ. އެދަރިފުޅު އޮތް ނާޒުކު ހާލަތު ތަސައްވަރުކޮށްލެނަސް ހިތް ރޫރޫއަޅައިގެންދެއެވެ.

''ކިހިނެއްތަ މިވީ؟...'' ހާރޫނަށް ސުވާލުކޮށްލެވުނެވެ. މަސްރޫރާ ދެކެވުނު ވާހަކަތަކުން ވެގެން އުޅޭ ގޮތެއް ސާފެއް ނުވިއެވެ. ލިބުނު ޝޮކުގެ ސަބަބުން ސުވާލުކުރާނެ ފުރުސަތެއް ވެސް ނުލިބުނީއެވެ. މަސްރޫރާއި ބައްދަލުވުމުން ހުރިހާ ކަމެއް އޮޅުންފިލާނެކަމަށް ހާރޫން އުއްމީދުކުރިއެވެ.

*****

ހޮސްޕިޓަލަށް ދެވުމުން ކާރުން ފައިބަން ތަނާލް ފަސްޖެހުނެވެ. އެތެރެއަށް ގޮސްފިނަމަ ލިބިދާނެ ޚަބަރަކުން އޭނަ ބިރުގަތީއެވެ. އަނެއްކާ ވެސް ނޭވާކުރުވާން ފެށިއެވެ. މިފަހަރު ލޯމަރާލުމުން ޒަރާރްގެ އަޑު ދާދިގާތުން އިވުނުހެން ހީވިއެވެ. ޒަރާރްއާއި ބައްދަލުވި ފުރަތަމ ރޭގެ ހަނދާންތައް އާލާކޮށްދެމުންނެވެ.

''ކައުންޓް ވިތް މީ...'' ނާއުއްމީދުގެ ގަދަ އޮޔެވަރުގެ ތެރޭގައި ބެހެމުން ދަނިކޮށް ތަނާލް އިސްކަންދިނީ ޒަރާރްގެ އަޑަށެވެ. އެއާއެކު ނޭވާގެ ހިނގުން ހަމައަކަށް އެޅުނެވެ. ހިތުގެ ވިންދުތައް ވެސް މެއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ތަނާލް ކާރުން ފޭބިއެވެ. މަންމައާއި ބައްޕަގެ ނަޒަރު ތަނާލްއަށް އިހުސާސްކުރެވުނެވެ.

''އައިމް... ފައިން...'' ކަރުނަ ފޮހެލަމުން ތަނާލް ބޭނުންވީ ހިތްވަރުކުރާށެވެ. ހޮސްޕިޓަލަށް ދާން ތައްޔާރުވާން އުޅުނު ވަގުތު މަންމަ ދިން ނަސޭހަތުގެ އަޑު ކެނޑިގެން ނުދެއެވެ. އެހެންކަމުން ޒަރާރްގެ ހައްޤުގައި ކެތްތެރިވާން ތަނާލް ބޭނުން ވިއެވެ. ޑޮކްޓަރުންގެ ފަރާތުން ލިބިފައިވަނީ އުއްމީދީ ޖަވާބުތަކެވެ. އެހެންކަމުން އުއްމީދުގެ ފަހުގެ ވާފަށުފައި ބާރަށް ތަނާލް ހިފިއެވެ. އޭނަގެ ގާތަށް އަނބުރާ ޒަރާރް އަންނާނެކަމުގެ އުއްމީދުގެ ހުޅުކޮޅު ނިވުމުގެ ފުރުސަތެއް އޭނަ ނުދޭނެއެވެ. ކުރިއަށް ހިނގައިގަތީ ޒަރާރް ދެކެ ވާ ލޯބީގެ ހައްޤުޤައެވެ.

*****

ވެއިޓިންގްރޫމްގައި ޢާއިލާގެ ހުރިހާ މެންބަރުން ތިއްބެވެ. ސަރުވާގެ ގާތުގައި ޖާބިރު އިނެވެ. ސަރުވާގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ޖާބިރު ހާލަކީ ވެސް އެއެވެ. މަސްރޫރު ހުރީ ކޮޅަށެވެ. ދެކޮޅަށް ކުރިކާލިކަނޑަމުން ދިޔައީ އިށީނދެގެން އިންނަން އުނދަގޫވެގެންނެވެ. ރަހުމާ ހުރީ އޮޕަރޭޝަން ތިއޭޓަރު ދޮރު ކައިރީގައެވެ. އިރުއިރުކޮޅާ ކަރުނަ ފޮހެލައެވެ. އަލީ ހުރީ ރަހުމާގެ ގާތުގައެވެ. އަރިމަތިން ބައްދައިގެންނެވެ. ހުރިހާ އެންމެންގެ މޫނުން ފެންނަނީ ހިތާމައިގެ އަސަރެވެ. އޮޕަރޭޝަން ކާމިޔާބުވެ ޒަރާރްގެ ފުރާނަ ސަލާމަތްވާނެ ވަގުތަކަށް ކުރަމުންދާ ދިގު އިންތިޒާރު ފުރިގެންވަނީ ބިރުވެރިކަމުންނެވެ.

އަޒީލާ އިނީ ސޯފާގައެވެ. އަތުގައި އޮތް ޓޭކްއަވޭ ކަޕުން ކޮފީ ބޮމުން ދިޔަ އިރު އޭނަގެ ހިނިތުންވުން ސިއްރުވަނީ ކިރިޔާއެވެ. ޒަރާރްއަށް ދިވާމި ހާލަތުން އުފާވެފައި ހުރީ ހަމައެކަނި އަޒީލާ އެވެ. އޭނަގެ ހިތަށް ފިނިކަމެއް ލިބިއްޖެއެވެ. ޒަރާރް ވެއްޓެން ދިމާވި ހާލަތުގެ ފަހަތުގައި އެތައް ސުވާލެއް ވިޔަސް އޭނަ ހުރީ އުފަލުންނެވެ. ތަފާތު ވާހަކަތައް ވެސް ސިއްރިޔާތުގައި ފަތުރަން ފެށިއެވެ. ރައްޓެހިންގެ ގާތުގައި އޭނަ ބުނީ ޒަރާރް އަމިއްލައަށް މަރުވާން އުޅުނީ ކަމަށެވެ. މަސްތުވާތަކެތީގެ އައްޑާއަކުން ފެނުނުކަމުގެ އަޑުތައް ވެސް ފަތުރާލިއެވެ. ޒަރާރްގެ ޝަހުސިއްޔަތަށް އުނިކަން ލިބޭނެހެން ދޮގު އިލްޒާމުތައް އަޅުވާފައެވެ. ހަމައެއާއެކު އޮޕަރޭޝަން ކާމިޔާބު ނުވާނެހެން އޭނަ ބަދުދުޢާ ކުރިއެވެ.

އެއްފައިމައްޗަށް އަނެއްފައިލައިގެން އަޒީލާ އިނީ ހަމަޖެހިލައިގެންނެވެ. އެހެން އިންދާ އޭނައަށް ތަނާލް ފެނިއްޖެއެވެ. އަޒީލާގެ ތުންފަތުގައި މަކަރުވެރި ހިނިތުންވުމެއް ދުވެލިއެވެ. ތަނާލްގެ މޫނުން ރަމްޒުކޮށްދިން ހިތާމައިގެ އަސަރުން އަޒީލާގެ އުފާވެރިކަން ދެގުނަކޮށްދިނެވެ.

''ތާހިރުވެއްޖެއެއްނު... މިހާރު އޮންނާނީ ރަނގަޅަށް ރަންކީފަ...'' އަޒީލާ ކުރީ މަލާމާތެވެ.

''ތަނޫ...'' އެހެންމީހަކަށް ތަނާލް ފެނުމުގެ ކުރިން އަޒީލާ ގޮވާލިއެވެ. ''އޯހ، މައި ޕުއާރ ޗައިލްޑް...''

ތަނާލްގެ ގައިގައި އަޒީލާ ބައްދާލީ ކަންދެއްކުމަށެވެ. ހަމްދީރުގެ ޒައްރެއްގެ މިންވަރު ނުވާ ހާލުގައެވެ.

''ހާދަ ދެރަގޮތެކޭ މިވީ، ޒަރާރް ވެއްޓުނު ގޮތެއް ފުލުހުންނަކަށް ނޭނގޭ، ދެއި އާރ އިންވެސްޓިގޭޓިންގް... ތަނޫއަށް އެއްވެސް އެއްޗެއް އެނގޭތަ، ކީއްކުރަންތަ ޒަރާރް އެފަދަ ތަނަކަށް ދިޔައީ؟...'' ގަސްދުގައި ތަނާލް ތަޅުވާލަންވެގެން އަޒީލާ ސުވާލުކޮށްލިއެވެ. ތަނާލްގެ ޒަހަމްތަކުގައި ލޮނުމިރުސްލެވޭނެ ގޮތެއް ފެނޭތޯ އޭނަ ބެލިއެވެ.

''އޮޕަރޭޝަން ވަރަށް ކްރިޓިކަލް، ސިކުނޑިއަށް ލޭއެޅިފައި ކަމަށް ވަނީ...'' އަޒީލާ ދުލެއް ނުކުރިއެވެ. ''ދެން މިއަދު ކިހިނެއްތަ ރަންކިއުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދާނީ، ވީ ހޭވް ޓު ކެންސަލް އިޓް...''

''އަޒީލާ!!!...'' މަސްރޫރުގެ އަޑު ބާރެވެ. ސައްރަކާލިން ކުރިއަށް ދިޔަ ނަރުސްކުދިންތަކެއް ވެސް ސިހިފައި ފަހަތް ބަލައިލިއެވެ.

''ހަމަ މިހާރު މިތަނުން ދޭ...'' މަސްރޫރު ކުރީ އަމުރެވެ. އޭނަގެ ދެލޮލުން ފެންނަނީ ރުޅިވެރިކަމެވެ. ޒަރާރް އެފަދަ ނާޒުކު ހާލަތެއްގައި ވަނިކޮށް އަޒީލާ ދައްކަން ފެށި ވާހަކަތަކުން އޭނައަށް ކެތެއްނުކުރެވުނެވެ.

އަޒީލާ ލަދުގަތެވެ. ޢާއިލާ ކުރިމަތީގައި މަސްރޫރު ހަޅޭއްލަވައިގަތުމުން ބިންގަނޑު ފަޅާފައި އަޑިއަށް ދާނެ ނަމައޭ ހިތަށް އެރިއެވެ. ހާއްސަކޮށް ހާރޫނާއި ސުމައްޔާ ތިބުމުން ވަކިން ބޮޑަށް ލަދުގަތެވެ. ފުސްމޫނު ހަދާފައި އެތަނުން ދާން އަޒީލާ ހިނގައިގަތެވެ.

''މަރުވެއްޖެއްޔާ ރަނގަޅީ...'' ދުލަށް އައިހާ އެއްޗެއް ޒަރާރްއަށް އަމާޒުކޮށް ގޮވާލީ ހިމޭންކަމުގެ ދުލުންނެވެ.

ބުމަގޮށްޖަހައިގެން ހުރި އަޒީލާ ވެއިޓިންގްރޫމުން ނިކުތެވެ.

*****

''ތަނޫ...'' ހުއްޓުންއަރާފައި ހުރި ތަނާލްއަށް ރަހުމާ ގޮވާލި އެވެ. ތަނާލް ހުރި ނާޒުކު ހާލަތު ވިސްނައިގެނެވުމުން، އަމިއްލަ ޖަޒުބާތުތައް ކޮންޓްރޯލްކުރަން ރަހުމާ މަސައްކަތްކުރިއެވެ.

''އެވްރީތިންގް ވިލް ބީ ފައިން، ޑޮކްޓަރުން ބުނީ ޒަރާރް ރަނގަޅުވާނެޔޭ...'' ތަނާލްގެ ގައިގައި ބައްދާލަމުން ރަހުމާ ބުންޏެވެ. ''އެއްވެސްކަމަކަމާ ހާސްނުވައްޗޭ... ޒަރާރް ރަނގަޅުވުމުން ކައިވެނީގެ ކަންތައް ކުރިއަށް ގެންދާނީ، މިއަދު އޮތް ހަފްލާ ކެންސަލް ކުރުމުގެ ކަންތަކުގަ ދައްތަ އުޅޭނަން...''

ތަނާލް ހަމައެކަނި ބޯޖަހާލީއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ތަނާލް ގޮނޑީގައި އިށީނެވެ. ސަރުވާ ވެސް ތަނާލްގެ ގާތަށް އައެވެ. އެތައް ވާހަކައެއް ދެއްކިއެވެ. އުއްމީދު އާލާކޮށްދިނެވެ. ދެފަރާތުގެ ޢާއިލާގެ ސަބަބުން ނައްސި ޚިޔާލުތަކުން ތަނާލް ދުރުކޮށްދިނެވެ. ލޯތްބާއި އަޅާލުން އިހުސާސްކުރެވުނެވެ. އެކަނިވެރިކަމުގެ ކަނު އަނދިރިކަމުން ރައްކާތެރިކަން ލިބުނީ އެހެންވެގެންނެވެ.

އޮޕަރޭޝަން ނިމުމާ ގާތްވެފައި ވަނިކޮށް ފުލުހުން އައެވެ. ފުލުހުން ވާހަކަދެއްކީ މަސްރޫރާ އެވެ. އިމަޖެންސީއަށް ޒަރާރް ގެނެވުމަށްފަހު ޒަރާރް ބެލި ޑޮކްޓަރުންގެ ފަރާތުން ލިބުނު މަޢުލޫމާތަށްފަހު ތަހުގީގު ފުޅާކުރެވުނު ވާހަކަ ބުންޏެވެ. ދަންނަ މީހެއްގެ ނުފޫޒުން އެތަނަށް ގެންގޮސް، ހަމަލާދީ ވައްޓާލިކަމަށް ބެލެވޭކަމަށް ވެސް ބުންޏެވެ.

މަސްރޫރު ހުރީ ސިހުމެއްގެ ތެރޭގައެވެ. ސުވާލު ގިނަ ވިއެވެ. ޒަރާރްއަށް އެފަދަ އަނިޔާއެއް ދޭނީ ކާކު ހެއްޔެވެ؟ ޒަރާރްގެ ފުރާނައަށް ނުރައްކާވާނެ ހެން ކަންތައްކޮށްގެން ހާސިލް ވާން އޮތީ ކޮންކަމެއް ހެއްޔެވެ؟ އެއީ ވިޔަފާރީގެ ދެކޮޅިވެރިކަމެއް ހެއްޔެވެ؟ ނޫނީ މުޅިން އެހެންކަމެއް ހެއްޔެވެ؟

ސުވާލުތައް މަސްރޫރު ދޫކޮށްލީ ފުލުހުންގެ އަތްމައްޗަށެވެ. އޭނަ ބޭނުންވީ އޭނަގެ ވަގުތު ޒަރާރްއަށް ހުސްކުރާށެވެ. ދަރިފުޅު އެހާލުގައި ވަނިކޮށް އިތުރު ކަމަކާ ވިސްނާނެ ހަކަތައެއް އޭނަގެ ނެތެވެ.

*****

ގެއަށް އާދެވުމާއެކު އަޒީލާގެ ރުޅިގަނޑު ފަޅައިގެން ދިޔަ އެވެ. ނާސްތާ ގަޑިއަށް ތައްޔަރުނުވެ ހުރުމުން ޝަބާނާއާ ދިމާއަށް ހަޅޭއްލަވައިގަތެވެ. ބަދިގެއަށް ވަންނަން ޖެހުނީތީ ހައިޖާންގަނޑެއް ހިންގާލިއެވެ.

''އޭނަ ހޮސްޕިޓަލުގަ އޮތޭ ކިޔާފަ ކަލޭމެނަށް ޗުއްޓީލިބޭނެ ކަމަށްތަ ހީކުރީ، އޭނ!... ކިހާ ދެރަކަމެއްތަ!... ހަމަ މިހާރު ކާއެއްޗިސް ރެޑީ ކުރޭ...'' އަޒީލާ ހުރީ މޭގައި ދެއަތް ހުރަސްކޮށްގެންނެވެ. ''މި ހީވަނީ ހިތާމަފާޅުކުރާ ދުވަހެއްހެންނޭ...''

ޝަބާނާ ހުރީ ހިތްހަމަނުޖެހިއެވެ. ޒަރާރްއަށް އަޒީލާ ކުރާ ނަފުރަތު ފެނިފައިވާތީ އޭނަ ހައިރާނެއް ނުވެއެވެ. ނަމަވެސް ރަހުމުގެ ޒައްރެއްގެ މިންވަރު ވިޔަސް އަޒީލާގެ ހިތުގައި ވެދާނެކަމަށް އުއްމީދުކުރެވުނެވެ. އެއީ ކިހާ މޮޔަ ޚިޔާލެއްކަން އަޒީލާގެ އަމަލުތަކުން ރަނގަޅަށް ސާބިތުކޮށްދީފިއެވެ.

''ބްރެކްފަސްޓް ތައްޔާރުކޮށްފަ އަހަންނަށް ގޮވާ!...'' އަޒީލާ އަމުރުކޮށްލިއެވެ. ދެން އޭނަ މިސްރާބުޖެހީ ކޮޓަރިއަށެވެ. ސިޑިން މައްޗަށް އެރި ވަގުތު ފެނުނު މަންޒަރަކުން ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ. ކޮޓަރީގެ ދޮރު ހުޅުވައިގެން ބޭރަށް ބޯދިއްކޮށްގެން ހުރި ދައްޔާން ފެނުމުން އަޒީލާ ހައިރާންވިއެވެ.

''ދައްޔާން!...'' އަޒީލާ ގޮވާލީ ބާރަށެވެ. ހޮސްޕިޓަލަށް ދިޔަ އިރު ދައްޔާން ނުފެނިގެން މަސްރޫރު ހުރީ ރުޅިގަދަވެފައެވެ. މަސްރޫރު އަކަންޏެއް ނޫނެވެ. ޖާބިރާއި ސަރުވާ ވެސް މެއެވެ. ޢާއިލާއަށް ކުރިމަތިވި އެހިތާމައިގައި ނެތުމުންނެވެ. ގުޅުމުން ފޯނެއް ނެގީކީ ނޫނެވެ. ކޮޓަރި ހުރީ ތަޅުލާފައެވެ. ދޮރުގައި ޓަކިޖެހުމުން ބަޚަބަރެވެ.

ދައްޔާން އުޅުނީ ކޮޓަރިއަށް ދެމިގެންނާށެވެ. އަވަސްއަވަހަށް ދޮރުލައްޕަން އުޅުނު ވަގުތު މަންމަ އައިސް ދޮރުގައި ހިފަހައްޓެމުން ކާމިޔާބެއް ނުވިއެވެ.

''ކޮންއިރަކު ގެއަށް އައީ؟، ވަގެން އުޅެ ގޮތެއް އެނގޭތަ!...'' އަޒީލާއަށް އޭނަގެ ރުޅި މަތަނުކުރެވުނެވެ. މަސްރޫރު ދެކެ އައިސްފައި ހުރި ރޯޅި އަމާޒުކޮށްލީ ދައްޔާނަށެވެ.

''ކިހިނެއް...ވީ؟...'' ދައްޔާން ދެނެހުރިކަމަކަށް ނުހެދިއެވެ. މަންމަގެ ފުރަތަމަ ސުވާލަށް ޖަވާބު ނުދިނީ ގަސްދުގައެވެ. ރޭއްސުރެން އޭނަ އެއުޅެނީ ކޮޓަރި ތަޅުލައިގެންނެވެ. ފަތިހު ބައްޕަ ގުޅުމުން ޖަވާބު ނުދިނީ ބިރުންނެވެ. ދޮރުގައި ޓަކި ދިނުމުން ޖަވާބު ނުދިނީ ބައްޕައާއި ކުރިމަތިލާނެ ގޮތެއް ނޭނގިގެންނެވެ. ހަޤީޤަތް ފަޅާ އަރާފާނެތީ މީހާ ހުރީ ހާސްކަމެއްގެ ތެރޭގައެވެ.

ދައްޔާން އަޅައިގަންނަމުން ކުރި ސުވާލާއެކު އަޒީލާއަށް ބުމަ އަރުވާލެވުނެވެ. އެއީ ދައްޔާނާ ނުބައްދަލު ސިފައެކެވެ. އޭނަގެ ހަނދާނަށް އައީ މީގެ ދުވަސްތަކެއް ކުރިން އޭނައާއި ޖަދަލުކުރި ދައްޔާނެވެ. އެދުވަހު ދައްޔާންގެ ރުޅިވެރިކަން ފެނި އަޒީލާ ހުރީ ބިރުން ހަލާކުވާ ހިސާބުގައެވެ. އެހަނަސް މިއަދު އޭނައަށް ފެންނަނީ މުޅިން ތަފާތު ދައްޔާނެކެވެ. ނެގިމަޑުވެ ކަމަކާ ބިރުން ހުރި ކަހަލައެވެ. މޭފުއްޕާލާފައި އުޅުނު ދައްޔާން ވީ ހިސާބެއް ވެސް ނޭނގެއެވެ.

ޓާރޓްލްނެކް ސްވެޓާރއެއްގައި ހުރި ދައްޔާންގެ މޫނުން ފެންނަނީ ވަރުބަލިކަމެވެ. މުޅި ރޭ ހޭދަވީ ލޮލުފިޔަޖަހާނުލެވިއެވެ. އޭނައަށް ހީވަނީ ކޮންމެ ވަގުތަކު ވެސް ފުލުހުން އައިސްފާނެހެންނެވެ. ހަތަރުދަން ހޭދަވަނީ އެފަދަ ހާލެއްގައެވެ. އެހެން އޮއްވާ ފަތިހު ގޭތެރެ ހަލަބޮލިވުމާއެކު މީހާ ބިރުން ރޫރޫއަޅައިގަތެވެ. ބޮކިތައް ނިއްވާލަމުން ކޮޓަރީގެ ކަނަކަށްވަދެ ފިލާ އިނެވެ. ހެނދުނު އިރު އެރީ އެހެން އިންދައެވެ. މަންމަގެ ހަޅޭކުގެ އަޑާއެކު ދައްޔާން ދޮރުހުޅުވީ ވެގެން އުޅޭ ގޮތެއް ބަލައިލާށެވެ. މަންމަ ހޮސްޕިޓަލުން އައުމުން ޒަރާރްގެ ހާލަތު އެނދިގާނެތީއާއެކުވެސް މެއެވެ.

ދެލޯހަނިކޮށް ދައްޔާނަށް އަޒީލާ ބެލިއެވެ. އޭނަގެ ތޫނު ނަޒަރުން ދައްޔާނަށް އުނދަގޫވެއްޖެކަން އަޒީލާއަށް ފާހަގަކުރެވުނެވެ. ތަޅުގައި ހިފަހައްޓައިގެން ހުރި އަތުގެ ކުޑަހުޅުކައިރީގައި ބެންޑޭޖް އަޅާފައި ހުރިހެން އަޒީލާއަށް ހީވިއެވެ. އަޒީލާ ބަލަން ފެށުމުން އަވަސްއަވަހަށް ދައްޔާން ތަޅުން ދޫކޮށްލިއެވެ. ސްވެޓާރގެ އަތަށް ދަމާލައި ބެންޑޭޖްގަނޑު ނިވާކޮށްލިއެވެ. ދައްޔާންގެ އަމަލުތަކުން އަޒީލާގެ ހިތް ތެޅިގަތެވެ. ދެލޯ ބޮޑުކޮށްލަމުން ދައްޔާނަށް އަޒީލާ ބަލައިލިއެވެ.

(ނުނިމޭ)