ލިބިފައިވި ހާސްކަމާ ހުރެ ޝަބާނާއަށް ހަމަނޭވާލެވޭ ވަރެއް ނޫނެވެ. އޭނަ އުޅޭ ކޮޓަރިއަށް ވަންނަމުން ދޮރުލައްޕާ ތަޅުލިއެވެ. ރައްކާތެރި މާހައުލަކަށް އާދެވުމާއެކު ފޯނު ނަގައި މަސްރޫރަށް ގުޅިއެވެ. އޭރު ވެސް ހިތް ބާރުބާރަށް ތެޅެމުން ދިޔަ އެވެ. އިވުނު ވާހަކަތައް މަސްރޫރާއި ހިއްސާކުރެވުމުން ނޫނީ ދެން ހަމަޖެހުމެއް ނުލިބޭނެއެވެ. ޒަރާރްއަށް އޮތް ނުރައްކަލާއި، އެހާލަތު މެދުވެރިވާން ޖެހުނު ސަބަބު ހާމަކުރަން އެބަޖެހެއެވެ. އެންމެ މިނެޓަކަށް ވެސް މަޑުކޮށްފިނަމަ އެހުރިހާ ކަމެއް ފޮރުވަން އަޒީލާއަށް ފުރުސަތު ލިބިދާނެއެވެ. ދޮގުހަދަން އަޒީލާއަކީ ހުޝިޔާރު މީހެކެވެ. އަޒީލާ ދަންނަ މީހުން ނުފޫޒު ގަދަ މަޤާމުތަކުގައި އެބަ ތިއްބެވެ. އެއިން މީހެއްގެ ބާރާއެކު ތަހުގީގަށް ނުފޫޒު ފޯރުވަފާނެއެވެ. އެހެންވާން ޝަބާނާގެ ހިތެއް ނޭދުނެވެ. ހަމްދަރުދީގެ ޒައްރެއްގެ މިންވަރު ވެސް ޝަބާނާގެ ހިތުގައި ނުވެއެވެ. އޭނަ ބޭނުންވީ ދައްޔާނަށް ހައްޤު އަދަބު ލިބޭށެވެ. ހަޤީޤަތް ފޮރުވަން މަސައްކަތްކުރަމުންދާ އަޒީލާގެ ފަތިފުށް ހާމަކުރާށެވެ. އަމިއްލަ ބޭބެއަށް އެފަދަ އަނިޔާއެއް ދޭން ދައްޔާނަށް ހިތްވަރު ލިބުނީ އަޒީލާގެ ސަބަބުންނެވެ. ދައްޔާނަށް އަޒީލާ ދަސްކޮށްދީފައި އޮތީ ޒަރާރްއަކީ ދުޝްމަނެއްކަމުގައި ދެކުމަށެވެ. ޒަރާރްއަށް ކުރާ ނަފުރަތު މުޅިން އެހެން މަގެއް އިހްތިޔާރުކުރީ އަޒީލާގެ ނުބައިކަމުންނެވެ. ކުރެވުނު ކުށުގެ އިހުސާސް ނުވާހާ ހިނދަކު ދައްޔާން އިސްލާހެއް ނުވާނެއެވެ. ހަމައެއާއެކު ކަޅުވެފައިވި އަޒީލާގެ ހިތުގައި ރަހުމުގެ ކަންފުޅެއް ދުވަހަކު ނުވާނެކަން ސާބިތުވެގެން ހިނގައްޖެއެވެ.
*****
ނޯކަރުން ތިބުމަށް ހަމަޖެހިފާ ބައި ހުންނަނީ މައިގެއާ ވަކިންނެވެ. ގޭގެ ބަގީޗާގެ ފަހަތަށް ވާހެން ހުންނަ ކުޑަ އިމާރާތެކެވެ. ބޮޑާކަމާއި ކިބުރުވެރިކަމުގެ ސަބަބުން ދުވަހަކު އަޒީލާ އެތަނަށް ގޮސްފައި ނުވެއެވެ. ގޭގެ ސާހިބުމީހާ ނޯކަރުން އުޅޭ ބަޔަށް އަންނާކަށް ވެސް ނުޖެހޭނެއެވެ. މިއަދު އޭނަގެ ހާލަތު އެކަމަށް މަޖުބޫރުކޮށްފިއެވެ. އެއީ އޭނަގެ ޝަހުސިއްޔަތަށް ލިބުނު އުނިކަމެއްކަމުގައި ދެކެވުނެވެ. ގަތް ފަކުރާއެކު އަނގަޔަށް ގޮތެއް ހަދާލެވުނެވެ. އެކަމުގެ ބަދަލު ޝަބާނާގެ ފަރާތުން ހިފަން އަޒުމުކަނޑައެޅިއެވެ.
ޝަބާނާ އުޅޭ ކޮޓަރިއެއް އަޒީލާއަކަށް ނޭނގުނެވެ. އޭނަގެ ނަސީބު ރަނގަޅުކަމުން އިމާރާތުގެ ބޭރުގައި ހުރި ޖޯލީގައި ގޭގެ ބަގީޗާ ބަލަހައްޓާމީހާ އިނެވެ. އެއީ ނޭޕާލް ހިސާބު އަންހެނެކެވެ. މެދުއުމުރުގެ އެމީހާ އިނީ ފޯނުން ޢާއިލާ މީހުނަށް ގުޅައިގެންނެވެ. މީހެއްގެ ހިލަންވެގެން އޭނަ އިސްއުފުލައިލިއެވެ. އަޒީލާ ފެންނައިރަށް ފޯނު ކަނޑާލަމުން ކޮޅަށް ތެދުވެ އިހުތިރާމްއަދާކުރިއެވެ. އެމަންޒަރު ފެނި އަޒީލާގެ ބޮޑާ ނަފުސު ފަހުރުވެރިވިއެވެ. ތިމާގެ ބާރު ދައްކާލަން އުޅުނެވެ.
''ކޮބާ ޝަބާނާ؟...'' އަޒީލާ ސުވާލުކުރީ އިނގިރޭސިންނެވެ. އޭނަ ހުއްޓި ހުރީ ތަންކޮޅެއް ދުރުގައެވެ.
އަދަބުވެރިކަމާއެކު ޝަބާނާ އުޅޭ ކޮޓަރި އެމީހާ އޮޅުންފިލުވައިދިނެވެ. ޝުކުރުއަދާކުރުމެއް ނެތި އަޒީލާ ހިނގައިގަތެވެ. އިމާރާތަށް ވަންނަން ހުރި ދޮރު ހުޅުވާލާފައި ވަނެވެ. ނޭފަތުގައި އަތްއަޅާލީ އެތަނުން ދުވިވަސް ކަމުނުގޮސްގެންނެވެ. ސަރައްކާލިން ހިނގައިގަންނަމުން ޝަބާނާގެ ކޮޓަރި ކުރިމައްޗަށް ހުއްޓުނެވެ. ޓަކި ދިނުމެއް ނެތި އުޅުނީ ދޮރު ހުޅުވާށެވެ. ތަޅުލާފައި ހުރުމާއެކު ބުމަގޮށްޖެހުނެވެ. އަތުގައި ހުރި ބާރަކާއެކު ދޮތުގައި ތަޅަން ފެށި އަޑު ހަމަހިމޭން މާހައުލުގައި ގުގުމާލި އެވެ.
''ޝަބާނާ!...'' ބާރުބާރަށް އަޒީލާ ގޮވިއެވެ. ދޮރުހުޅުވުން ލަސްވެގެން ރުޅި އައެވެ. ސާހިބު މީހާއަށް ކުރަން ޖެހޭ ޤަދަރާއި އިއްޒަތަށް ކުޑަމީސްކުރުންކަމުގައި ދެކެވުނެވެ.
''މި ދޮރުހުޅުވާ!...'' އަޒީލާ އަމުރުކުރިއެވެ. އަޑުގަދަވެގެން ކައިރި ކޮޓަރިތަކުގައި އުޅޭ މީހުން ޚަބަރު ބަލަން ނިކުތެވެ. އަޒީލާ ފެނުމުން ކޮންމެ މީހަކު ހައިރާން ވިއެވެ. ދުވަހަކު ނޯކަރުންގެ ބަޔަށް އަޒީލާ އައިސްފައި ނުވާތީއެވެ. އެމީހުންގެ ހާލު މިއިން ޒަމާނަކު ބަލާފައި ނުވާތީއެވެ. އަޒީލާގެ ފޮނިކަމަކީ އެންމެނަށް އެނގޭ ކަމެކެވެ. އެހެންކަމުން އަޒީލާ އައި ސަބަބު ހޯދަން ޝައުޤުވެރި ލޯތައް ގިނަވާން ފެށިއެވެ.
''ކޯޗެއް ބަލަން ކަލޭމެން ތި ތިބެނީ!، ކަލޭމެނަށް ހުސް ވަގުތު ދިނީ ކާކު؟...'' އަޑުގެ ކޮޅަށް އަޒީލާ ހަޅޭއްލަވައިގަތެވެ. ''ވަޒީފާއިން ކަނޑާ ނުލަނީސް މަގޭ ކުރިމަތިން ދުރަށް ދޭ!...''
''ޝަބާނާ!...'' އަޒީލާ ހީވަނީ ދޮރުވައްޓާލަން އުޅުނުހެންނެވެ. ބާރަށް ދޮރުގައި ތަޅަމުންދަނިކޮށް ޝަބާނާ ދޮރުހުޅުވައިފިއެވެ. އެއާއެކު ދޮރުކޮއްޕާލާފައި އަޒީލާ އެތެރެއަށް ވަނެވެ.
''ކަލޭ ބީރުވީތަ؟، އޭނ!،... ފުރަތަމަ ފަހަރަށް ގޮވުމުން ކަލެއަށް ދޮރުހުޅުވެން ޖެހޭނެ!...'' މޭގައި ދެއަތް ހުރަސްކުރަމުން އަޒީލާ ބުންޏެވެ.
''މުހިންމުކަމަކަށް ނުވީމަ ނުހުޅުވީ...'' ޝަބާނާ ރައްދުދިނެވެ. އޭނަ ހުރީ އަޒީލާ ދެކެ ހިތްހަމަނުޖެހިފައެވެ. ހަޤީޤަތް އެނގުމުން ދައްޔާނަށް ވާގިވެރުވުމުގެ ބަދަލުގައި ހަޤީޤަތާ ކުރިމަތިލާން އުޅުނުނަމަ އަޒީލާއަށް މަޢާފްކުރެވުނީހެވެ. އަޒީލާގެ އަމަލުތަކުން އެއްކަމެއް ސާބިތުކޮށްދީފިއެވެ. ދުވަހަކު ޒަރާރްގެ މައްޗަށް އަޒީލާގެ ހިތެއް ސާފެއް ނުވާނެއެވެ. ހަސަދަވެރިކަމާއި ނަފުރަތުން ޒަރާރްއަށް ދެރައާއި ހިތާމަ ދޭން މަސަކަތްކުރާނެއެވެ. ޒާރާގެ ދިރިއުޅުން ބަރުބާދުކުރި ފަދައިން ޒަރާރްގެ އުފަލާއި ހަމަޖެހުމަށް ހުރަސް އަޅާނެއެވެ. ހެޔޮމީހެއްގެ ނިވަލުގައި ހުރި އަދާވާތްތެރިއެކެވެ.
''ވަޓް!...'' އަޒީލާއަށް ހީވީ އޭނަގެ ކޯތާފަތުގައި ޝަބާނާ ޖެހިހެންނެވެ. އެހެން ކަންތައްވިނަމަ ފަހަރެއްގައި ލިބުނު ޝޮކު ކުޑަވީހެވެ.
''ގޮތްކުޑަ އަންހެނާ، ކަލޭގެ މަޤާމު ހަނދާން އެބަހުރިތަ!...'' އަތްވިހެލައި ޝަބާނާގެ މޫނުގައި އަޒީލާ ޖެހިއެވެ. ޝަބާނާގެ ހައިސިއްޔަތު ބުނެދޭން މަސައްކަތްކުރިއެވެ. އޭނަ އެތަނަށް އައި ސަބަބު އިރުކޮޅަކަށް ވިޔަސް ހަނދާން ނެތުނެވެ.
''މަޤާމު ހަނދާން އެބަހުރި، އެކަމަކު ތީ އަހަރެންގެ އިހުތިރާމް ލިބެންޖެހޭ މީހެއް ކަމަށް ނުދެކެން... ތިކަހަލަ މީހަކާ ވާހަކަދެއްކުމަކީ އަހަރެންގެ ވަގުތު ބޭކާރުވުން ކަހަލަ ކަމެއް...'' މޫނުގައި ފިރުމަމުން ޝަބާނާ ބުންޏެވެ.
''އޭތް!...'' ދެވަނަ ފަހަރަށް ޝަބާނާގެ ގަޔަށް އަތްއިސްކުރަން އަޒީލާ އުޅުމާއެކު އަޒީލާގެ އަތުގައި ޝަބާނާ ހިފިއެވެ. ހުޝިޔާރުކަމާއެކު އަޒީލާގެ އަތުގައި ބާރަށް ހިފަމުން ފަހަތަށް ކޮއްޕާލިއެވެ. އެއާއެކު އަޒީލާއަށް ލިބުނީ ސިހުމެވެ. އޭނަގެ ހަމަލާ ނާކާމިޔާބުވުމުން ހަޅޭއްލަވައިގަތެވެ.
''ކޮންކަމަކާ ބިރުން ތިއުޅެނީ، އަހަރެން ހަޤީޤަތް ހާމަކޮށްފާނެތީތަ؟...'' ޝަބާނާގެ ސުވާލާއެކު އަޒީލާއަށް ދެލޯބޮޑުކޮށްލެވުނެވެ. އޭނައަށް ހީވީ ރަނގަޅަށެވެ. ދައްޔާނާ ދެއްކި ވާހަކަތައް ޝަބާނާއަށް އަޑުއިވިއްޖެއެވެ.
''ޚަބަރުދާރު...'' ޝަހާދަތް އިނގިލިދިއްކޮށްލަމުން އަޒީލާ އިންޒާރެއް ދިނެވެ.
''އަހަންނަކީ އާދައިގެ ނޯކަރަކަށް ވިޔަސް ބޭއިންސާފުން ކަންތައް ވާއިރު ބަލަހައްޓައިގެން ހުންނާނެ ކަމަށް ހީނުކުރައްޗޭ، އެއްފަހަރު އަޒީލާގެ ނުބައި ރޭވުންތައް ކާމިޔާބުވެއްޖެ، ދެވަނަ ފަހަރަށް އެހެން ވާނެކަމަށް ހީކުރަންޏާ އެއީ ކުށްހީއެއް، އަހަންނަށް މިއަދު އެތަނަށް ދެވުނީ ހަޤީޤަތް ހާމަވާން އޮތުމުން...... ތީ ހާދަ ނުބައި މީހެކޭ، އަމިއްލަ ދަރިފުޅު މީހެއްގެ ފުރާނައަށް އަރައިގަންނަން މަސައްކަތްކުރުމުން ތިއުޅެނީ އެކަން ފޮރުވަން، ކުށްވެރިޔާއަށް ވާގިދީ ކުރީ ރަނގަޅުކަމެއްކަން ބުނެދޭން، ލަދުހަޔާތުގެ ކަންފުޅެއް ވެސް ނެތީތަ!...... ބަލަ ދައްޔާން އެހެން ހެދީ އޭނަގެ އަމިއްލަ ބޭބަ އަށޭ، ނަފުރަތުކުރަން ދަސްކޮށްދިނުމުގެ ނަތީޖާ އަޒީލާއަށް ނުފެންނަނީތަ!...'' ތެދަށް ބުނާނަމަ އަޒީލާގެ ދެކެ ޝަބާނާ ހަމްދަރުދީވިއެވެ. މުދަލާއި ފައިސާއަށް ބޫތުކާފައި ހުރުމުގެ ސަބަބުން ދިރިއުޅުމުގެ ފުރިހަމަކަން މަތިން އަޒީލާ ވަނީ ހަނދާން ނެތިއެވެ. ޢާއިލީ ގުޅުމުގެ މުހިންކަމެއް ރޭކާ ނުލައެވެ.
''ދޮގު އިލްޒާމުއަޅުވަން ނޫޅެތި!...'' އަޒީލާ ހާސްވިއެވެ.
''ވަރަށް އަވަހަށް ތިކަން އެނގޭނެ...'' ޝަބާނާ އިއްވާލިއެވެ. ''އޭރުން ދޮގު ހަދާ މީހަކު އެނގޭނެ...''
އަޒީލާގެ މޭގަނޑުއަނގަޔަށް އަންނަވަރު ވިއެވެ. ހިތް އަވަސްވީނުން ބޮލަށް އެނބުރުން އަރައިނުގަތީ ކިރިޔާއެވެ. ޝަބާނާގެ މޫނަށް އަޒީލާ ބަލައިލިއެވެ. ނުގުޑާނެ ފަދަ އަޒުމެއް އޭނައަށް ފެނުނެވެ. އެއާއެކު އޭނަ ގަތީ ބިރެވެ. އޭނަ ހީކުރި ވަރަށް ވުރެން ޝަބާނާ ހުޝިޔާރެވެ. ޝަބާނާ ހަޤީޤަތް ހާމަކުރީ ކާކަށް ހެއްޔެވެ؟ ފުލުހަށް ހެއްޔެވެ؟ ނޫނީ މަސްރޫރަށް ހެއްޔެވެ؟
''ކަލޭ... ކީއްކޮށްގެން ތިއުޅެނީ!...'' އަޒީލާގެ އަޑުގައި ތުރުތުރުލުމެއް އުފެދުނެވެ. ނަފުސަށް ލިބިފައިވި ސިހުން އޭނައަށް ސިއްރެއްނުކުރެވުނެވެ. އެކަން ރޭކާލުމާއެކު ރުޅިވެރިކަމާއެކު ޝަބާނާގެ ގަޔަށްފަޔަށް ބޮލަށް އަރައިގަތެވެ. އެމަންޒަރު ފެނި އެއްވެފައި ތިބި ހާދިމުންތައް ޝަބާނާގެ ހިމާޔަތަށް އައެވެ.
''ދޫކުރޭ، އަހަރެން ހިފަހައްޓަން ކަލޭމެނަށް ހުއްދަދިނީ ކާކުތަ!...'' އަޒީލާ ހަޅޭއްލަވަމުން ދިޔަ އެވެ. ''މި ބުނީނު ދޫކުރާށޭ!...''
ބޮޑު ހައިޖާންގަނޑެއް އުފެދުނެވެ. ނޯކަރުންތައް އޭނަ ހިފަހައްޓަން އުޅުމުން އަޒީލާ ގަދަހެދިއެވެ. ހާސްކަމުގެ ތެރޭގައި ހަފުސްވަމުން ދަނިކޮށް މަސްރޫރުގެ އަޑު އަޒީލާއަށް އިވުނެވެ. އަޒީލާ ސިހުނެވެ. އަވަސްއަވަހަށް ފަހަތް ބަލައިލެވުނެވެ. އޭރު މަސްރޫރު ހުރީ ޝަބާނާގެ ކޮޓަރި ދޮރުކުރިމަތީގައެވެ. މަސްރޫރަށް ބަލަން ހުރި އަޒީލާގެ ދެލޯ ހީވަނީ ފުންމާލަފާނެހެންނެވެ. ޝަބާނާއަށް ވެސް އަޒީލާ ބަލައިލިއެވެ. ދަތްކުނޑިވިކައިގަންނަމުން ޝަބާނާގެ ބުރުގާގައި ހިފައިގަތެވެ. ދެން އެދެމެދަށް ވަނީ މަސްރޫރެވެ. އަޒީލާގެ އަތް ނައްޓުވާލަމުން އަޒީލާ ގޮވައިގެން ނިކުންނަން ހިނގައިގަތެވެ.
ރުޅި ކޮންޓްރޯލްކޮށް، ހާދިމުންގެ ކުރިމަތީ އަޒީލާއާ ދިމާއަށް އެއްޗެއް ނުބުނެވޭތޯ މަސްރޫރު ވަރަށް މައްސައްކަތްކުރިއެވެ. ނަމަވެސް ގަދަ ހަދަމުން ދިޔަ އަޒީލާގެ ސަބަބުން ކާމިޔާބެއް ނުވިއެވެ. ބަގީޗާއަށް ނިކުމެވުމާއެކު ހަރުކަށި ރާގަކަށް މަސްރޫރު ވާހަކަދެއްކިއެވެ. ޝަބާނާ ގުޅާފައި ދިން ޚަބަރަކުން މަސްރޫރު ހުރީ ސިހުމެއްގެ ތެރޭގައެވެ. ދައްޔާންގެ އަމަލުތައް އެފަދަ ދަރަޖައަކަށް ގޮސްފާނެކަން ޤަބޫލުކުރަން އުނދަގޫވިއެވެ. ފާއިތުވި ދުވަސްތަކުގައި ދައްޔާނާއި ޒަރާރްގެ ގުޅުން ދިޔައީ ރަނގަޅުވަމުންނެވެ. އޮފީހުގައި އުޅުނީ އެކުއެކީގައެވެ. އެއީ ހިތަށް ފިނިކަން ގެނެސްދިން މަންޒަރަކެވެ. ނަމަވެސް ކުއްލިޔަކަށް ލިބުނު ޚަބަރަކުން މަސްރޫރުގެ މުޅި ވުޖޫދަށް ލޮޅުން އަރައިފިއެވެ. ޒަރާރްގެ ނާޒުކު ހާލަތުގެ ސަބަބުން ލިބިފައިވި ދެރައާއި ހިތާމަ ދެގުނަ ވިއެވެ. އޭނަގެ ތަރުބިއްޔަތުގައި އުނިކަމެއް ވާކަމަށް ބެލެވުނެވެ. އެހެންނޫންނަމަ އަމިއްލަ ބޭބައަށް އެފަދަ އަނިޔާއެއް ދޭން ދައްޔާން ފަސްޖެހުނީހެވެ. ބިރުގަތީހެވެ. ރުޅި އިސްކުރުމުގެ ބަދަލުގައި އޭނަ ބޭނުންވީ ދައްޔާނާއި ވާހަކަ ދައްކާށެވެ. ދައްޔާންގެ އަމަލުތައް އެދަރަޖައަށް ދާން ޖެހުނު ސަބަބު އޮޅުން ފިލުވާށެވެ.
''ކޮބާ ދައްޔާން؟...'' މަސްރޫރު އެހިއެވެ. އޭނަ ހުރީ ވަރުބަލިވެފައެވެ. ޒަރާރް ދަނީ މަރާ ހަނގުރާމަކުރަމުންނެވެ. އޮޕަރޭޝަނަށް ފަހުގައި ނޫނީ އެއްޗެއް ބުނަން ނޭނގޭނެ ކަމަށް ޑޮކްޓަރުން އޮތީ ބުނެފައެވެ. އެހަނަސް އުއްމީދު ލިބޭނެ ފަދަ މަޢުލޫމާތުތައް ޑޮކްޓަރުން ހިއްސާކުރިއެވެ. ލިބުނު ހަމައެކަނި ތަސައްލީއަކީ އެއެވެ. އެއުއްމީދުގެ މަތީގައި ހުއްޓާ އިވުނު ވާހަކައަކުން އޭނަގެ މުޅި ދުނިޔެ އަނދިރިކޮށްލައިފިއެވެ.
''ދާން؟... ކީއްކުރަން ދާން ހޯދަނީ؟...'' އަޒީލާ ސުވާލުކޮށްލިއެވެ. މަސްރޫރަށް އޭނަ ބަލަމުން ދިޔައީ ބޮޑު ބިރެއް ފެނިގެން އުޅޭ ހެންނެވެ. ޝަބާނާ ކިޔާދިން މިންވަރު ލަފާކޮށްލަން އުނދަގޫވިއެވެ. ހަމައެއާއެކު މަސްރޫރުގެ މޫނުން ފެންނަ ކުލަވަރުތައް ދިރާސާކުރުމުގައި ކުރިއެރުމެއް ނުލިބުނެވެ.
''އަހަރެން ކުރި ސުވާލަށް ޖަވާބުދީބަލަ...'' ބޮޑުވާއިނގިލިން ނިތްކުރީގައި ފިރުމާލަމުން މަސްރޫރު ބުންޏެވެ.
''ކީކޭތަ ޝަބަނާ ބުނީ؟... ގޭގެ ނޯކަރުން ދައްކާ ވާހަކަތައް ޤަބޫލުކުރަން ފެށީތަ!...'' އަޒީލާ އުޅުނީ މައުޟޫޢު ބަދަލުކުރާށެވެ. މަސްރޫރުގެ ހިތުގައި ވަހުމު އުފައްދާ މަސްރޫރުގެ ވިސްނުމާ ކުޅެލާށެވެ.
''ޝަބާނާއަކީ މިޢާއިލާގެ މެންބަރެއް، މިހުރިހާ އަހަރު ވީއިރު އަޒީލާއަށް އެކަމެއް ނޭނގޭތަ!...'' މަސްރޫރަށް ދެލޯ ހަނިކޮށްލެވުނެވެ. އޭނަ ރުޅި އައީ އަޒީލާ ދެކެއެވެ. އަޒީލާގެ ނުބައި ރޭވުންތައް ނުފެންނާނެކަމަށް ހީކުރަނީ ހެއްޔެވެ؟ ކުރިން ނުފެންނަ ކަމަށް ހެދިޔަސް މިހާރު ހުރިހާ ކަމެއް ވަރަށް ސާފެވެ.
''ކިތަންމެ އަހަރެއް ވިޔަސް ނޯކަރަކު ޢާއިލާ މީހަކަށް ނުވާނެ...'' އަޒީލާ ބުނެލިއެވެ.
''އެހެންވިއްޔާމު އަޒީލާ އަހަންނަށް ކިޔާ ދޭންވީއެއްނު!، ކޮންކަމަކާތަ ތިހާ ބިރުން ތި ހުންނަނީ!...'' މަސްރޫރުގެ ޖުމްލައާއެކު އަޒީލާއަށް ތެޅިގަނެވުނެވެ. ތައްޔާރު ނުވެވި ހުރުމުން ހަދާނެ ދޮގެއް ސިކުނޑިއަކަށް ނައެވެ. ހިމޭންވެފައި ހުއްޓާ މަސްރޫރު ހިނގައިގަތެވެ. އަވަސްއަވަހަށް މަސްރޫރުގެ ފަހަތުން އަޒީލާ ދުއްވައިގަތެވެ. މަސްރޫރުގެ އަތުގައި ހިފަމުން ހުއްޓުވަން އުޅުނެވެ.
''އަހަރެން ބޭނުމެއް ނޫން އަޒީލާ ބުނާ އެއްޗެއް އަޑުއަހާކަށް...'' އަތް ފޮޅުވާލާފައި މަސްރޫރު އިއްވާލިއެވެ. ފިޔަވަޅުތައް ބާރުކޮށްލަމުން މަސްރޫރު މިސްރާބުޖެހީ ދައްޔާންގެ ކޮޓަރި އަށެވެ. އޭރު ދުވަމުން އަޒީލާ އާދެއެވެ. އަޒީލާއަށް މަސްރޫރު ސަމާލުކަމެއް ނުދިނެވެ.
ދައްޔާންގެ ކޮޓަރި ހުރީ ތަޅުލާފައެވެ. ދިގު ނޭވާއެއް ދޫކޮށްލަމުން މަސްރޫރު ޓަކި ޖެހިއެވެ. ޖަވާބެއް ނުލިބުމުން ދެވަނަ ފަހަރަށް ޓަކި ޖަހަމުން ގޮވާލިއެވެ.
''ދައްޔާން...'' މަސްރޫރު ތިންވަނަ ފަހަރަށް ގޮވިއެވެ. ދެން ވެސް ދޮރެއް ނުހުޅުވިއެވެ. އެހިމޭންކަމުން މަސްރޫރަށް އެތައް ވާހަކައެއް ބުނެދިނެވެ. މަސްރޫރު އުޅުނީ ކޮޓަރީގެ ޑަބަލް ތަޅުދަނޑި ހޯދާށެވެ. އޭނަގެ ސުވާލުތަކަށް ދައްޔާން ޖެހޭނީ ޖަވާބުދޭށެވެ.
''މަސްރޫރު، އަހަރެން...'' އަޒީލާ ހުރީ މަސްރޫރުގެ ފަހަތުގައި ވިއްދާލާފައެވެ. އެންމެފަހުން މަސްރޫރުގެ ބޮލަށް އުނދަގޫވާން ފެށިއެވެ.
ރުޅީގެ ހޫނުން ރަތްވެފައިވި މަސްރޫރުގެ ދެލޯ އަމާޒުވުމާއެކު އަޒީލާ ހުއްޓުން އެރިއެވެ. ގޮތްހުސްވެފައިވާ ހާލުގައި ޑަބަލް ތަޅުދަނޑި ހޯދަން ދިޔަ މަސްރޫރަށް ބަލައިލިއެވެ. އެއަށްފަހު ދައްޔާންގެ ކޮޓަރީގެ ދޮލަށް ވެސް އަވަސް ނަޒަރެއް ދިނެވެ.
ޑަބަލް ތަޅުދަނޑި ހިފައިގެން މަސްރޫރު އައެވެ. ފަހުގެ އިންޒާރަށްފަހު ތަޅުދަނޑިން ދޮރުހުޅުވިއެވެ. އެވަގުތު މަސްރޫރުގެ އަތުގައި އަޒީލާ ހިފިއެވެ. ކަރުނުން ފުރިފައިވި ދެލޮލުގެ ބާރުގައި އޭނަގެ ބަހަށް މަސްރޫރު ކިޔަމަން ކުރަން މަސައްކަތްކުރިއެވެ. އެހެނަސް އަޒީލާގެ ކެހިވެރި ދަންތުރައިގައި މަސްރޫރު ހައްޔަރެއް ނުކުރެވުނެވެ. ރުޅިވެރިކަމާއެކު އަޒީލާއަށް ބަލަމުން އަޒީލާގެ އަތް ފޮޅުވާލިއެވެ.
ކޮޓަރިއަށް ވަނުމާއެކު ފެނުނީ ފަޅުކަމެވެ. ވަށައިގެން ނަޒަރު ހިންގަމުން މަސްރޫރު ހިނގައިގަތީ ފާޚާނާ ބެލުމަށެވެ. ފާޚާނާގައި ވެސް ދައްޔާނެއް ނެތެވެ. ހުޅުވާފައި ހުރި ބެލްކަނީގެ ދޮރު ފާހަގަ ކުރެވުނީ ޖެހިލި ރޯޅިއާއެކު ހަރަކާތްކޮށްލި ފަރުދާތަކުންނެވެ. ދޮރު ކުރިމަތީ ހުއްޓުން އަރާފައި ހުރި އަޒީލާއަށް ބަލަމުން މަސްރޫރު ނިކުތީ ބެލްކަންޏަށެވެ. ރެއިލިން ކައިރިއަށް ހުއްޓި ތިރި ބަލައިލިއެވެ.
ބެލްކަނިން ފުންމާލާފައި ގަރާޖާ ދިމާއަށް ދުވަމުން ދިޔަ ދައްޔާން މަސްރޫރަށް ފެނުނެވެ. ދައްޔާންގެ އަމަލުތަކުން މަސްރޫރަށް މަޖުބޫރުވީ ހަޤީޤަތާ ކުރިމަތިލާށެވެ. އޭނައަށް މުށްބާރުކޮށްލެވުނެވެ. ކަތުރުކަށިގަނޑަށް ވާންކަމެއް އަރައިފިއެވެ. ފޯނުނަގައި އޭނަ ގުޅީ ގޭގެ ދޮރުފާރަވެރިންނަށެވެ. ގޭޓު ހުޅުވުން މަނާކުރަމުން ދެން އުޅުނީ ފުލުހަށް ގުޅާށެވެ.
''ތިހެން ނުހަދާ...'' އަޒީލާއަށް ތެޅިގަނެވުނެވެ. މަސްރޫރުގެ އަތުން ފޯނު ޖަހައިގަންނަމުން ބެލްކަނިން ބޭރަށް ފޯނު ހޫރާލިއެވެ.
''އަޒީލާ!!!...'' މަސްރޫރު ހަޅޭއްލަވައިގަތެވެ. ދުވަމުން ދިޔަ ދައްޔާނުގެ ކަންފަތާ ހަމައަށް ވެސް ހަޅޭކުގެ އަޑު ފޯރައިފިއެވެ.
''ތިހެން ނުހަދާ، އެއީ މަސްރޫރުގެ ދަރިފުޅޭ...'' ރޮމުން އަޒީލާ އާދޭސްކުރިއެވެ.
''ހޮސްޕިޓަލުގަ ވެސް އޮތީ އަހަރެންގެ ދަރިއެކޭ، އެދަރިފުޅަށް އެހާލު ޖެއްސީމާ ވެސް ބަލަން ހުންނާށޭތަ ތިބުނަނީ!...'' ރުޅިވެރިކަމާއެކު އަޒީލާއާއި މަސްރޫރު ކުރިމަތިލިއެވެ.
''އިޓް ވޯޒް އެ މިސްޓޭކް، އެކަމަކު މަސްރޫރު ތިކުރާ ކަމަކުން ދާން ޖެހޭނީ ޖަލަށް ދާށޭ، ހީ އިޒް ޓޫ ޔަންގް ޓު ގޯ ޓު ޖެއިލް........'' އަޒީލާ އުޅުނީ ދައްޔާންގެ ކުށެއްނެތްކަން ބުނެދޭށެވެ.
''ޒަރާރްއަށް ލިބިފައި ހުރި އަނިޔާތަކުގެ ތަފްސީލުތައް ޑޮކްޓަރު ކިޔާދިން އިރުގަ އަޒީލާ ހުރީމެއްނު... ގަސްދުގަ ޒަރާރްއަށް ހަމަލާދީ އެވަރު ކުރީ، އުސް އިމާރާތަކުން ވައްޓާލުން މިސްޓޭކަކަށް ވޭތަ؟....... ހީ ޓްރައިޓް ޓު ކިލް ހިޒް އޯން ބްރަދާރ... ދައްޔާން ކޮށްގެން އުޅޭ ކަންތައް އަޒީލާއަށް ވިސްނޭހެނެއް އަހަންނަށް ހިޔެއް ނުވޭ، އެހްނޫންނަމަ ދައްޔާން ދިފާއުކުރަން ނޫޅޭނެ...'' މަސްރޫރު ބުންޏެވެ.
''ހަމައެކަނި އޭނަތަ މަސްރޫރުގެ ދަރިއަކަށް ވަނީ؟... ދައްޔާނަކީ މަސްރޫރު ލެޔޭ...'' އަޒީލާ ބުންޏެވެ.
''ލޭގެ ގުޅުމުގެ ހުރުމަތްކަނޑާލި ހިސާބުން ދައްޔާނަކީ އަހަރެންގެ ދަރިއެއް ނޫން!...'' ދަތްޕިލަޖައްސާބާރުކޮށްލަމުން މަސްރޫރު އިއްވާލިއެވެ.
އަޒީލާ ހިމޭން ވިއެވެ. ދެލޯ ބޮޑުކޮށް މަސްރޫރުގެ ދެލޮލަށް ބަލަން ފެށި އެވެ. ނާކާމިޔާބީގެ ހިތިރަހަ އަރުބުޑަށް ފޭދުމާއެކު ކަރުނަ ފޮހެލިއެވެ. ކޮންމެހެން މަސްރޫރުގެ ކުރިމަތީ ރުއިމުގެ ބޭނުމެއް ނެތެވެ.
''ތީ ހާދަ ރަހުމްކުޑަ މީހެކޭ، ހަމައެކަނި އެސުންޕާގަނޑުތަ ފެންނަނީ، އެއީ ބޮޑު މުސީބާތެކޭ، އޭނަގެ މަންމަ ދެކެ އެއް އިރެއްގައި ވި ލޯބީގައި ހިފަހައްޓައިގެން ހުރުމުގެ ބެނުމެއް ނެތޭ، އޭނަ މަރުވުމުން އެޗެޕްޓާއަށް ނިމުން އަންނާނެޔޭ، ޔޫ ޑޯންޓް ހޭވް ޓު ކެރީ އޮން ވިތް ދިސް ގިލްޓް...'' ނަފުރަތުގެ ހޫނު އަޒީލާއަށް ސިއްރެއްނުކުރެވުނެވެ. އިންސާނަކަށް ކެތްކުރެވޭނީ ވަކި ވަރަކަށް ނޫން ހެއްޔެވެ؟ އޭނަގެ ހަމަޖެހުން ޒަރާރް ނަގާލައިފިއެވެ. އޭނަގެ އުފާވެރިކަމަށް ބޮޑު ބިރަކަށްވެ، ޢާއިލާގެ ތެރެއަށް ފާވެގަތުމަށްފަހު ދިރިއުޅުން ހަލާކޮށްފިއެވެ. އެކަހަލަ ސުންޕާގަނޑަކު މެރިޔަސް ފާފައަކަށް ނުވާނެއެވެ. ޒަރާރް މަރުވުން އެއީ ލިބޭނެ ކާމިޔަބެއްކަމުގައި އަޒީލާ ދެކުނެވެ. އެލަނޑުނަދި ހާސިލްވުމާ ދާދި ގާތަށް އާދެވިއްޖެއެވެ.
''ހުއްޓާލާ، ތި މުޑުދާރު ދުލުން ޒަރާރްގެ ނަން ކިޔައިގެން ނުވާނެ، ކުރިން ވެސް ބުނެފަ އޮންނާނީ ޒަރާރް ނޫނީ ޒާރާއާ ދިމާއަށް އެއްޗިސް ކިޔައިގެން ނުވަނެޔޭ، އަޒީލާ ދެކެ ލޯބިވުން އެއީ އަހަންނަށް ހެދުނު އެންމެ ބޮޑު ގޯސް، އަހަރެން ދެކެ ލޯބިވާ ތެދުވެރި އަންބަކު ހުރިކަން ހަނދަން ނައްތާލެވުނީތީ އަހަރެން ހިތާމަކުރަން... އެހިތާމަ ދުނިއުމުރު ދުވަހު އަހަންނާއެކުގަ ވާނެ...'' މަސްރޫރު ހިނގައިގަތީ އެތަނުން ދާށެވެ. އަޒީލާއާއި ވާހަކަދެއްކުމަކީ ބޭކާރު ކަމެކެވެ. އޭނަ އަވަސްވެގަތީ ދައްޔާނަށް ލިބެން ޖެހޭ ހައްޤު އަދަބު ހޯދާށެވެ. ޒަރާރްއަށް އިންސާފުލިބޭށެވެ.
''އަދި ބުނަން، މިއަދުން ފެށިގެން އަޒީލާ ތީ އަހަރެންގެ އަންބެއް ނޫން!...'' އަސަރެއް ނެތް ރާގަކަށް މަސްރޫރު ބުންޏެވެ. އެޖުމްލަ އަޑު އިވި އަޒީލާ ސިހުނެވެ. އޭނަގެ މުޅި ވުޖޫދު ހިމޭންވި ކަހަލައެވެ.
*****
ދައްޔާން ހައްރަކުރެވުނެވެ. ހަޤީޤަތް އައިސް އޭނައާއި އަރާހަމަކުރުމުން ދައްޔާން ހުރީ ހިމޭންވެފައެވެ. މަންމައަށް ވެސް އޭނަ ސަލާމަތް ނުކުރެވޭނެކަން ރޭކާލުމާއެކު ކުށްވެރިކަމުގެ ކަސްތަޅުތަކުގައި ހައްޔަރުވެ އިސްޖަހާލެވުނެވެ. އޭނަގެ ދިފާއުގައި ބުނާނެ އެއްޗެއް ދުލަކަށް ނައެވެ. ރުޅިން ރަތްވެފައި ހުރި ބައްޕަގެ މޫނު ފެނުމުން ވަކިން ބޮޑަށް ބިރުގަތެވެ.
ފުލުހުން ދައްޔާން ހައްޔަރުކުރަން އުޅުމުން އެތަނުގެ ތެރެއަށް އަޒީލާ ވަނެވެ. އެންމެފަހުން ފުލުހުންގެ މަސައްކަތަށް ހުރަސް އަޅަން އުޅުމުން، ފުލުހުންގެ ބެލުމުގެ ދަށަށް އަޒީލާ ގެންދެވުނެވެ. ގަދަހަދައި އަޒީލާ ހަޅޭއްލެވިއެވެ. ފުލުހުންނާ ހަޑިހުތުރުބަހުން މުޢާލާތްކުރިއެވެ. އޭނަގެ މުއްސަނދި ދިރިއުޅުމަށް އަންނަން އުޅޭ ހިތި ނިމުން އަޒީލާއަށް ފެންނަން ފެށިއެވެ. ފައިސާއާއި، މުދާލާއ ނުފޫޒު ގެއްލި ނިކަމެތިވެދާނެކަމުގެ ބިރަށްޓަކައި ބުއްދިގޯސްނުވީ ކިރިޔާއެވެ. ދައްޔާނަށް ވުރެން އަޒީލާ ވިސްނީ އޭނަގެ ޤަދަރާއި އިއްޒަތާ މެދުގައެވެ. ވާނެ ބަދަނާމު ހިތަށް ގެނެވުމުން ބާރުބާރާށް ރޮއިގަނެވުނެވެ.
ދައްޔާންގެ ކާރު ބަލާ ފާސްކުރުމުގެ ތެރެއިން ދައްޔާނާ ދެކޮޅަށް ހެކިތައް ފެނުނެވެ. އެރޭ އޭނަ ލައިގެން ހުރި ހެދުންތައް ހުރީ ޖިމް ބޭގް ތެރޭގައެވެ. އެއެއްޗިސް ނައްތާލުމުގެ ވިސްނުމެއް ދައްޔާންގެ ނެތެވެ. ދައްޔާން ހުރީ ކަރުއެލުވާލައިގެންނެވެ. ސަލާމަތްވެވޭނެ ހުރިހާ ދޮރެއް ބަންދުވީއެވެ. ބަދަލު ހިފަން އުޅުމުން އާހިރުގައި ދެރަ ލިބުނީ އޭނަ އަށެވެ.
*****
ދިގު އޮޕަރޭޝަނަކަށް ފަހު ޑޮކްޓަރުންގެ ފަރާތުން ލިބުނީ އުއްމީދީ ޖަވާބެކެވެ. އޮޕަރޭޝަން ކާމިޔާބުވެ ޒަރާރްގެ ފުރާނަ ސަލާމަތްކުރެވުނު ކަމުގެ އުފާވެރި ޚަބަރު ލިބުނެވެ. ހޭއަރަންދެން އައި.ސީ.ޔޫ.ގައި ބޭއްވުމަށްފަހު އިތުރު ޓެސްޓްތަކެއް ހެދުމަށްފަހު ވޯޑަށް ބަދަލުކުރެވޭނެ ވާހަކަ ވެސް ބުންޏެވެ. އުސްތަނަކުން ވެއްޓި ލިބުނު އަނިޔާގެ ސަބަބުން ދެ ތަނަކުން ފައި ބިނދި، އުނަގަނޑަށް ވެސް އަނިޔާވެފައިވުމުން ރަނގަޅުވާން ގިނަ ދުވަސް ނަގާނެ ކަމަށް ބުންޏެވެ. ޒަރާރްގެ ނަސީބު ރަނގަޅުވުމުން ސިކުނޑިއަށް އަދި މައިބަދައަށް ގެއްލުމެއް ނުލިބި ސަލާމަތް ވިއެވެ.
ތަނާލްގެ ދެލޮލުން ފޭބީ އުފާވެރިކަމުގެ ކަރުނައެވެ. މިހުރިހާ އިރުވަންދެން ހިފަހައްޓައިގެން ހުރި ނޭވޭ ދޫކޮށްލެވުނީ ދެނެވެ. ވަގުތުން މާތްﷲއަށް ހަމްދުކުރެވުނެވެ. މަންމަގެ ގައިގައި ބައްދާލަމުން ތަނާލްއަށް ރޮވުނެވެ. ބިރުވެރިކަމަށް ނިމުމެއް އަތުވެއްޖެއެވެ. ސިކުނޑީއަށް ހަމަޖެހުން ލިބުނެވެ.
*****
މަސްރޫރަށް އަނބުރާ ހޮސްޕިޓަލަށް ދެވުނީ ޒަރާރް އައި.ސީ.ޔޫއަށް ބަދަލުކުރި ފަހުންނެވެ. އޭރު މަސްރޫރު ދިޔަ ތަނެއް ނޭނގިގެން ދެ ފަހަރަކު ސަރުވާ ގުޅައިފިއެވެ. ޖާބިރު ހުރީ ހިތްހަމަނުޖެހިފައެވެ. އެފަދަ ނާޒުކު ވަގުތެއްގައި އަންގާލުމެއް ނެތި މަސްރޫރު ދިއުމުންނެވެ. ދިޔަ ތަނެއް ވެސް ނުބުންޏެވެ. އެއީ ޒިންމާދާރު ކުޑަކަމެއްކަމުގައި ޖާބިރު ދެކުނެވެ. އެތަނުގައި ތިބީ ހަމައެކަނި ޢާއިލާ މީހުނެއް ނޫނެވެ. ހަރޫނާއި ސުމައްޔާ ވެސް ތިއްބެވެ. އެމީހުން ހީކޮށްފާނެ އެއްޗެއް ނޭނގޭތީ ޖާބިރު ރުޅިއައެވެ.
ދައްޔާންގެ ޚަބަރު ޢާއިލާއަށް ދޭނެ ގޮތެއް މަސްރޫރަކަށް ނޭނގުނެވެ. ސިއްރުނުކުރެވޭނެތީ ފުންނޭވާއެއް ދޫކޮށްލެވުނެވެ. މަންމައާއި ބައްޕައަށް ބަލަމުން ކިޔައިދޭންފެށިއެވެ.
ސަރުވާއަށް ލިބުނު ޝޮކުގައި މީހާ ގަބު އަރައިފިއެވެ. ޖާބިރު ވެސް ހުރީ ޤަބޫލުކުރަން އުނދަގޫވެފައެވެ. ރަހުމާގެ މޫނުން ފެނުނީ މުޅިން އެހެން ކުލަވަރެކެވެ. އެޝުއޫރުތައް މަސްރޫރަށް ފާހަގަކުރެވުނެވެ.
''ދައްޔާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި... ކުށަށް އިއުތިރާފުގެ ހުރިހާ ކަމަކަށް އެއްބަސްވެއްޖެ...'' މަސްރޫރު ބުނެލިއެވެ. ހޮސްޕިޓަލުން ދާން ޖެހުނު ސަބަބުތައް އޮޅުންފިލުވައިދިނެވެ.
''ދައްޔާން؟...'' ސަރުވާގެ ދެލޯ ކަރުނުން ފުރުނެވެ. މާމަދަރިފުޅާ މެދު ސަރުވާގެ ހިތް ޝަކުވާތަކުން ފުރުނު ހިނދުގައި ޖާބިރުގެ ފަރާތުން ފެނުނީ ރުޅިވެރިކަމެވެ. ދައްޔާނަށް ހައްޤު އަދަބުލިބެން ޖެހޭނެކަމަށް ބުންޏެވެ. އެކަމާ މަސްރޫރު އެއްބަސް ވިއެވެ.
ޒަރާރްއަށް އިންސާފު ހޯދައިދޭން މަސްރޫރު ދެއްކި ހިތްވަރާ މެދު ރަހުމާ ހިތްހަމަޖެހުނެވެ. ދައްޔާނަށް އަދަބުލިބޭ މަންޒަރު ބަލަން މަސްރޫރަށް ފަސޭހަނުވާނެކަން އޭނައަށް އެނގެއެވެ. އެވެސް މަސްރޫރުގެ ލޭ ވިއްޔާ އެވެ. އެތައް އަހަރެއް ވަންދެން އިހުމާލުވުމަށްފަހު މަސްރޫރު ވަނީ ޒަރާރް ދެކެ ވާ ލޯބި ސާބިތުކޮށްދީފައެވެ.
ތަނާލް ވެސް ހުރީ ސިހުމެއްގެ ތެރޭގައެވެ. ގާތްކަމަށް ހެދިގެން އުޅޭ މީހުންގެ ހިތުގެ ކިލަނބުކަމަށް ސަމާލުވާން ޖެހޭނެ މިންވަރު ދައްޔާންގެ އަމަލުތަކުން ހާމަކޮށްދީފިއެވެ. ނިޔަތް ގޯސް މީހުންގެ ނުބައިކަމުން ޒަރާރަށް ލިބުނު ނަސްރަށްޓަކައި ހަމްދުކުރެވުނެވެ.
(ނުނިމޭ)
ފުރުސަތު މި އެދޭ
ކޮމެންޓް