އަތުގައި ހުރި ބާރަކާއެކު ދޮރު ކޮއްޕާލަމަށްފަހު އަޒީލާ އެތެރެއަށް ވަދެގަތެވެ. އޭނަ ހުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ޝައްކުގެ ނަޒަރަކުން ދައްޔާނަށް ބަލަން އަޒީލާ ހުއްޓެވެ. އޭނަގެ ހިތް ބާރުބާރަށް ތަޅެމުން ދިޔަ އެވެ. ދައްޔާންގެ ހިމޭންކަމާއި އޭނައާއި ހަތަރުކަޅިހަމަކުރަން ފަސްޖެހެމުންދާ މަންޒަރު ފެނި އަޒީލާ ހާސްކޮށްލިއެވެ. ހިތުގައި އުފެދެމުން އައި ޝައްކާއި ވަހުމު ޔަޤީންކަމަށް ބަދަލުވާން ގިނަ އިރެއް ނުނެގިއެވެ. ދައްޔާން ބިރުން ހުރި ސަބަބު ހޯދަން އަޒީލާ އަވަސްވެގަތެވެ.

މަންމައަށް ފަސްދެމުން ދައްޔާން ހިނގައިގަތީ ދުރަށެވެ. މަންމަގެ ލޮލުގައިވި ސުވާލުތައް ދައްޔާނަށް ނުފެންނަނީއެއް ނޫނެވެ. ގަސްދުގައި އަޅާނުލީއެވެ. ބޮލަށް އަރާފައި ހުރި ބާރުގެ ސަބަބުން އެސުވާލުތަކަށް ޖަވާބު ދެވޭނެ ހެނެއް ހިޔެއް ނުވިއެވެ. ޒަރާރްއަށް އެހާލަތު މެދުވެރިކުރިވި މީހަކީ އޭނަކަން އެނގުމާއެކު ވާނެ ގޮތެއް ހަލާފޮށްލަން އުނދަގޫވިއެވެ. އެހެންކަމުން ދައްޔާން މަސައްކަތްކުރީ ފިލާށެވެ. ކޮޓަރީގެ ހަތަރުފާރުތެރޭގައި ހައްޔަރުވާން ބޭނުންނުވާތީ ކާރުގެ ތަޅުދަނޑި ހިފައިގެން ކޮޓަރިން ނިކުންނަން އުޅުނެވެ.

''ބަލަ މަންމަ މި ގޮވަނީ ދައްޔާނަށޭ...'' ކޮޓަރީގެ ދޮރު ލައްޕަމުން އަޒީލާ ބުންޏެވެ. މޭގައި ދެއަތް ހުރަސްކުރަމުން އޭނަ ހުރީ ދޮރުކުރިމަތީގައެވެ. ކުރިބައްދާލީ ދައްޔާން ދާން އުޅޭހެން ހީވެގެންނެވެ. މަސްރަހު ގޯސްވެފައި އޮތުމުން ހަޤީޤަތް އެނގެން އަޒީލާ ހުރީ ބޭނުން ވެފައެވެ. ދައްޔާނަށް އެހީވާން އޭނައަށް އެނގޭނީ އޭރުންނެވެ. ދައްޔާނަށް ދެރަގޮތެއް ވުމުގެ ފުރުސަތު ހަމަހިލާ އޭނަ ނުދޭނެއެވެ. ދައްޔާނަކީ އެދެލޮލުގެ ނޫރެވެ. ކޮންމެ ގޮތަކަށް ދައްޔާންގެ އުޅުން ހުއްޓަސް، އަދި އަދަބުއިހުތިރާމް ކުޑަކޮށް ވާހަކަދެއްކިޔަސް އެއީ އޭނަގެ ލޯބިވާ ދަރިފުޅެވެ. އެދަރިފުޅަށް ޓަކައި ދުނިޔެއާއި ކުރިމަތިލާން އޭނަ ހުރީ ތައްޔާރަށެވެ. އެކަން ދައްޔާނަށް ބުނެދޭން އަޒީލާ މަސައްކަތްކުރިއެވެ.

''ދާން ވެއްޖެ، ތަން ދައްކާ!...'' ދައްޔާނަށް ހީވީ ކޮއްޓެއްގެ ތެރޭގައި ބަންދުވިހެންނެވެ. ސަލާމަތެއް ނުލިބިދާނެތީ މީހާ ބިރުގަންނަން ފެށިއެވެ. އޭސީގެ ފިނީގެ ތެރެއިން އޮއްދާ ހިއްލައިގަތެވެ. އަތް ތުރުތުރުއަޅަން ފެށުމާއެކު މުށްބާރުކޮށްލެވުނެވެ. މީހާ ބަލިކަށިވަމުންދާތީ އަމިއްލަ ނަފުސު ދެކެ ރުޅި އާދެވުނެވެ. އޭނައަކީ ފިނޑިއެއްކަން ޤަބޫލުކުރަން ދައްޔާންގެ ނަފުސު ދެކޮޅުހެދި އެވެ. އޭނަގެ ފިރިހެންވަންތަކަމަށް ލިބުނު ހުތުރެއްކަމުގައި ދެކެވުނެވެ.

''ކޮންތާކަށް ނުދެވިގެން ތިއުޅެނީ؟، ޔަޤީނުން ވެސް ހޮސްޕިޓަލަށް ދާކަށެއް ނޫން ތިއުޅެނީ...'' އަޒީލާ ބުންޏެވެ.

''ޕްލީޒް، އައި ނީޑް ސަމް އެއާރ...'' ދައްޔާން އާދޭސްކުރިއެވެ. ކުރެވުނު ކުށް ސިކުންތަކަށް ވެސް ހަނދާނުން ފިލައިގެން ނުދެއެވެ. ލޯމަރާލިޔަސް ފެންނަނީ ރޭގެ ހާދިސާ އެވެ. ހިމޭންކަމުގެ ތެރެއިން އިވެނީ ޒަރާރްގެ އާދޭހެވެ. ލެއިން ތަތްތެޅިފައިވާ ޒަރާރްގެ ސޫރަ ގާތުން ފެންނަހެން ހީވެއެވެ. އެއީ ބިލާހަކަށް ވުރެން ވައްތަރީ އަސްލަކާއެވެ. ނަފުސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ގެނބެމުންދާކަމުގެ ހިލަން ވިޔަސް އެކަމުން ސަލާމަތްވާން ކުރާނެ ކަމެއް ދައްޔާނަކަށް ނޭނގުނެވެ. ހަމަ ނިދި ނުލިބި އުޅެން ވެއްޖެނަމަ އޭނަ ރަނގަޅަށް ވެސް މޮޔަ ވެދާނެއެވެ.

''ލެޓް މީ ހެލްޕް ޔޫ!...'' ކުރިއަށް ޖެހިލަމުން އަޒީލާ ބުންޏެވެ. ދައްޔާނަށް ވަމުންދާ ގޮތް ފެނި އަޒީލާގެ މައިލަގޮނޑީގައި ރިއްސާލައިފިއެވެ. އެފަދަ މަންޒަރެއް ދުށުން ފަސޭހަކަމަކަށް ނުވިއެވެ. ދައްޔާންގެ މުލައްދަނޑީގައި ފިރުމާލަމުން، ދައްޔާންގެ އަތުގައި ހިފަން އަޒީލާ އުޅުނެވެ. ލޯތްބާއި އޯގާތެރިކަމުން ދައްޔާން ހަމައަކަށްއަޅުވަން އުޅުނެވެ.

''ނޯ!...'' ދައްޔާން ހަޅޭއްލަވައިގަތެވެ. ދެން ކޮޓަރިއަށް ވެރިވީ ހިމޭންކަމެވެ.

''ޔޫ ކާންޓް ހެލްޕް މީ!...'' މޫނުގައި ފިރުމާލަމުން ދައްޔާން ތަކުރާރުކުރިއެވެ. މަންމަގެ އަތް ފޮލުވާލަމުން ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ.

''މަންމައަށް ކިޔާދީބަލަ، އޭރުން ދަރިފުޅަށް އެހީވާނަމޭ...'' އަޒީލާގެ ހިތުގައި ޖެހުނެވެ. ދައްޔާނަށް ވިސްނައިދޭން އަޒީލާ އުޅުނެވެ.

''ކިޔާދިނީމަ ވާނީ ކިހިނެއް؟، އެކަން ނުވާކަމަކަށް ހެދޭނެތަ!...'' ދައްޔާން އިށީނީ އެނދުގައެވެ.

''ނުވާކަމަކަށް ނުހެދޭނެ، އެކަމަކު ދަރިފުޅަށް އެހީވާން އެނގޭނޫ ވީ ގޮތް ބުނެދިނީމަ'' ދައްޔާނަށް ބަލަން ހުރެފައި އަޒީލާ ބުންޏެވެ. ފިޔަވަޅުތަކަށް ސަމާލުވަމުން އަޒީލާ ކުރިއަށް ހިނގައިގަތެވެ. އޭނައަށް ބުނެވޭ އެއްޗަކުން ނުވަތަ ކުރެވޭ ކަމަކުން ދައްޔާން ހިތްހަމަނުޖެހިދާނެތީ އެކަމަށް ސަމާލުވާން ޖެހުނެވެ. މާހައުލަށް ވެރިވެފައި އޮތް ނުތަނަވަސްކަން ކެނޑިގެން ނުދެއެވެ.

''މަންމައަށް އިތުބާރުކުރަންތަ؟...'' ދައްޔާންގެ މަގަތުން އަޒީލާ އިށީނެވެ. އެއަށްފަހު ދައްޔާންގެ ބުރަކަށީގައި ފިރުމާލިއެވެ.

''ޒަރާރް... އޭނަ ކިހިނެއްތަ؟...'' ދައްޔާން ސުވާލުކޮށްލިއެވެ. ޖަވާބު އައިސްދާނެ ގޮތެއް ނޭނގޭތީ ނޭވާ ހިފަހައްޓާލެވުނެވެ.

''އޮޕަރޭޝަން ތިއޭޓަރުގަ އޮތީ... ސަލާމަތްވެދާނެއޯ ޑޮކްޓަރުން ބުނީ...'' ދައްޔާނަށް ބަލަމުން އަޒީލާ އޮޅުންފިލުވައިދިނެވެ. އެއާއެކު ދައްޔާން ކޮޅަށް ތެދުވިއެވެ. ހީވީ ފުލުގައި ކައްޓެއް ހުރިހެންނެވެ.

''ސަލާމަތްވާނެތަ؟...'' ދައްޔާނަށް ހިންދުރުވާލަން އުނދަގޫވިއެވެ. ކޮޓަރީގެ ހަތަރުފާރު ކައިރިވަމުން ގޮސް އޭނަ ފިއްތާލަން އުޅުނެވެ.

''ހީވަނީ...'' އަޒީލާއަށް ބުނެވުނެވެ. ''އޮޕަރޭޝަން ނިމުނީމަ އެނގޭނީ، އޭނަ ބެލި ޑޮކްޓަރުން ބުނީ އޮޕަރޭޝަން ކާމިޔާބުވާނެއޯ، ސޭފްޓީ ނެޓަށް ވެއްޓުމުން ފޯލް ބްރޭކްވި ވާހަކަ ބުނި، ސީރިޔަސް އަނިޔާއެއް ނުލިބޭކަމަށް ވަނީ...''

ދައްޔާނަށް ދެލޯބޮޑުކޮށްލެވުނެވެ. މޭގައި ފިރުމާލެވުނީ ނޭވާލާން ދަތިވެގެންނެވެ. ސާފު ވައިފޮދަކަށް ބޭނުން ވިއެވެ. އެއާއެކު ބެލްކަންޏަށް ނިކުންނަން ހިނގައިގަތީ ބާރުބާރަށެވެ. އިނގިލިތައް ތުރުތުރުއަޅާވަރުން ބިއްލޫރި ދޮރުގެ މަކުޑި ނައްޓާލެވޭ ގޮތެއް ނުވިއެވެ. އެކަމާ ދައްޔާން ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ކޮޅުފައިން ދޮރުގައި ޖެހިއެވެ. ބިއްލޫރިގަނޑަށް އެރި ލޮޅުމުގެ އަޑު ތަނުގައި ގުގުމާލައިފިއެވެ. ދޮރު ތަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. ފައިން ޖެހި ހިސާބުގައި ހުރީ ރެނދުލާފައެވެ.

''ދާން...'' އަޒީލާ ބިރުގަތެވެ. އަތުންފައިން ގޯހެއް ހެދުމުގެ ކުރިން ދައްޔާންގެ ގާތަށް އަޒީލާ ހިނގައިގަތެވެ. ދައްޔާންގެ ބުރަކަށީގައި އޯގާތެރިކަމާއެކު ފިރުމާލިއެއްކަމަކު ވީ ފައިދާއެއް ނެތެވެ. ދައްޔާން ފަހަތް ބަލައިލީ ގޮތް ހުސްވެފައިވާ ހާލުގައެވެ. އެންމެފަހުން މަންމަގެ އެހީ ހޯދަން އޭނަ ނިންމިއެވެ. އެކަމުން ސަލާމަތްވާނެ މަގެއް ފެނޭތޯއެވެ.

''އައި... ޑިޑިންޓް މީން ފޯރ ދިސް ޓު ހެޕެން...'' ދައްޔާން ހެދީ ދޮގެވެ. ދުރާލާ ރާވައިގެން އެކަހެރި ފަޅު ހިސާބަކަށް ޒަރާރް ގެންދިޔައީ ބަދަލު ހިފާށެވެ. ރަހުމެއް ނެތި ޒަރާރްއަށް ހަމަލާދިނީ އަމިއްލަ މުހުތާދުތައް ހާސިލް ކުރާށެވެ. ނަމަވެސް މަންމައަށް އެހިރުހާކަމެއް އެނގޭކަށް ނުޖެހެއެވެ. އެހެންކަމުން ހަޤީޤަތް ސިއްރުކުރިއެވެ. މަންމަގެ ޖަޒުބާތުގެ ނާޖާއިޒް ފައިދާ ނަގައިގެން ސަލާމަތްވެދާނެކަމަކުގެ އުއްމީދުގައެވެ.

''އަހަރެންގެ ހުރިހާ އެއްޗެއްކަށް އޭނަ އަތްގަދަކުރާއިރު ބަލަން ހުރެވޭނީ ކިހިނެއްތަ؟...'' ދައްޔާން ދެއްކީ ޤަބޫލުކުރެވޭނެ ބަހަނާއެކެވެ.

''ދާން، މަންމައަށް ބަލާބަލަ...'' އަޒީލާ އެދުނެވެ.

''ފަހަރެއްގަ ކޮމްޕްލިކޭޝަން ހުރެދާނެޔޭ، އޭނަ ތިއޭޓަރުގަ އޮއްވަ މަރު ވެސް ވެދާނެޔޭ...'' އަޒީލާ ބުނެލިއެވެ. އޭނަގެ ވާހަކަތައް ބައްޓަން ކުރީ ދައްޔާންގެ ވިސްނުމަށް ބާރުފޯރުވޭނެ އުސޫލުންނެވެ. ދައްޔާންގެ އަމަލުތަތައް ހަމައިން ނެއްޓި ޒަރާރްގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުން އެކަން އެއްވެސް ކަމަކަށް ނުވިއެވެ. ވާންވީ ގޮތް ކަމުގައި ޤަބޫލުކުރިއެވެ. އަޒީލާއަށް މުހިންމުވީ އޭނަގެ ދަރިފުޅުވެ.

''އެކަމަކު ސަލާމަތްވުމުގެ ޗާންސް އެބައޮތެއްނު؟، އޭނަ ހޭއަރައިގެން ހުރިހާ އެއްޗެއް ކިޔަދީފިއްޔާ ވާނީ ކިހެއްތަ؟... ވަޓް އޭމް އައި ސަޕޯސް ޓު ޑޫ؟...'' މަންމަގެ ވާހަކަތަކުން ދައްޔާން އިތުރަށް ހާސްކުރުވިއެވެ. ހޭއަރައިފިނަމަ އޭނައާއި ދެކޮޅަށް ޒަރާރް ހެކިދޭނެއެވެ. ތަނާލްއާއި ގުޅުވައިގެން ދެއްކި ވާހަކަތަކުން އެދެމެދުގައި ހިނގި ޒުވާބު މަތިން އޭނަ ހނދާން ނުނެތެއެވެ. ޒަރާރްގެ މޫނުން ފެނުނު ރުޅިވެރިކަން ވެސް މެއެވެ. ޒަރާރްގެ ހެކިބަހާއެކު މީހަކު މަރަން އުޅުނުކަމުގެ ކުށް އޭނަގެ މައްޗަށް ސާބިތުނުވާނެ ގޮތެއް ނޯންނާނެއެވެ. ޒުވާން އުމުރު ޖަލުގައި ހޭދަކުރަން ހަމަހިލާ އެއްބަހެއް ނުވެވުނެވެ. ތަނާލް ހާސިލް ކުރުމުގެ ހުވަފެންތަކުގައި ހަޤީޤީ ކުލަ ނުޖެހެނީސް ބާޒީ އަތުން ދޫވާކަށް ބޭނުމެއް ނުވިއެވެ.

''މަންމަ މިބުނާ އެއްޗެއް އަޑުއަހާބަލަ... ޔޫ މޭޑް އޭން އޮނެސްޓް މިސްޓޭކް...'' ދައްޔާންގެ ކުށެއް އަޒީލާއަކަށް ނުފެނުނެވެ.

''އެކަމަކު...'' ދައްޔާން ބުނަން އުޅުނެވެ.

''ދަރިފުޅު ހަމަޖެހިބަލަ، މަންމަ މިހުރީއެއްނު، މަންމަ ހުރިހާ ކަމެއް ހަމައަކަށް އަޅުވާނަމޭ، މަންމައަށް އިތުބާރުކުރޭ، އޮޕަރޭޝަން ކާމިޔާބު ވިޔަސް އޭނައަށް ބަޔާން ދިނުމުގެ ފުރުސަތެއް ނުލިބޭނެ...'' އަޒީލާއަށް މޮޅު ޚިޔާލެއް ލިބުނެވެ. އެއާއެކު ތުންފަތުގައި ދުވެލީ މަކަރުވެރި ހިނިތުންވުމެކެވެ. ސާބިތުކަމާއެކު އޭނަ ބޯޖަހާލިއެވެ. ކާމިޔާބު ލިބޭނީ އޭނަ އަށެވެ. ޒަރާރްގެ އުނދަގުލުން ދާއިމީ ހައްލެއް އޭނަ ހޯދާނެއެވެ. ދަރިފުޅު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމުގެ އިތުރުން، މުދަލާއި ފައިސާ އޭނަގެ މިލްކިއްޔާތުގެ ދަށަށް ގެންނާނެއެވެ.

މަންމައަށް ދައްޔާން ބަލައިލިއެވެ. އެދެލޮލުން ފާޅުވި ޝިކާރަވެރިކަމުގެ ވިދުން އޭނައަށް ފާހަގަ ކުރެވުނެވެ.

''މަންމައަށް ހެވޭ ދަރިފުޅު ޒަރާރްއަށް ކޮންމެ ކަމެއް ކުރިޔަސް، ދެރައީ ނިކުމެދާނެ ނަތީޖާއަކަށް ދަރިފުޅު ސަމާލުނުވީމަ... އެފަދަ ކަމެއް ކުރާއިރު ރަނގަޅަށް ޕަލޭން ކުރަން ވާނެ...'' އަޒީލާ ދިނީ ނުބައި ނަސޭހަތެވެ.

''ޔޫ އާރ ނޮޓް އަޕްސެޓް؟...'' ޔަޤީންކުރަން ދައްޔާން އެހިއެވެ.

''ނޫން، ޒަރާރްގެ ކުށެއް އޮވެގެން ނޫނީ ދަރިފުޅު އެފަދަ ކަމެއް ނުކުރާނެ...'' ރުހުމުގެ ލޮލަށް އައިބެއް ނުފެންނާނެ ފަދައިން އަޒީލާގެ ނަޒަރުގައި ދައްޔާން ވީ ހުދު ކާފޫރަށެވެ.

''އޯލް ހީ ހެޑް ޓު ޑޫ ވޯޒް ސްޓޭއި އަވޭ ފްރޮމް ހާރ...'' ދައްޔާން އުޅުނީ އޭނަގެ ނަފުސަށް ވިސްނައިދޭށެވެ. މަންމަގެ ބަހަށް ހެއްލި، އޭނަގެ އަމަލުތައް އެދަރަޖަށް ދާން ޖެހުނީ ޒަރާރްގެ ސަބަބުންކަމަށް ނިންމިއެވެ. ހުރިހާކަމެއްގެ ނުބަޔަކީ ޒަރާރް އެވެ. އެހެންކަމުން ޒަރާރްއަށް އެވީ ހަމަ ރަނގަޅަށެވެ. ތަނާލްއާއި ރުޅިވުމުގެ ފުރުސަތު އޭނަ ޒަރާރްއަށް ދިނެވެ. އޭނައާއި ޒުވާބުކޮށް ކުރިމަތިލުމަކަށް ދިއުމުގެ ބަދަލުގައި އަމާން ދިންނަމަ މިހެން ނުވީހެވެ.

''ތިބުނީ؟...'' އަޒީލާ ހައިރާންވިއެވެ. ދެބައިންގެ ދެމެދުގައި އޮތް ވާދަވެރިކަމުގެ ތެރެއަށް އަންހެންކުއްޖަކު އައީ ކިހިނެއް ކޮން އިރަކު ހެއްޔެވެ؟ ދައްޔާނަށް ކަމުދާ އަންހެންކުއްޖަކު ހުރިކަމުގެ ޚަބަރު އޭނައަށް ނުލިބުނީ ކީއްވެގެން ހެއްޔެވެ؟

''އަހަރެން ބޭނުންވީ ތަނޫ، އޭނަ ތަނޫއާ ދުރުގަ ހުރިހަމަ އެހެން ނުވީސް...'' ދައްޔާން ބުނީ މަޑުންނެވެ. ބޮޑަށް އަމިއްލަ ޒަމީރާ ދެއްކި ވާހަކައެކެވެ. ގާތުގައި ހުރި އަޒީލާއަށް ހީވީ ކަންފަތް ބުޑުން ބޮމެއް ގޮވިހެންނެވެ.

''ވަޓް!...'' ސިހިފައި އަޒީލާ ބުންޏެވެ. އޭނައަށް ދެލޯ ބޮޑުކޮށްލެވުނެވެ. ވަގުތުން ދެފަރާތަށް ބޯހޫރާލެވުނެވެ.

''ތަނާލް؟...'' އަޒީލާ މޭނުބައިކުރަން ފެށިއެވެ. މޫނަށް ވެރިވި ކުލަވަރުން ފަކުރުގަނެފައިވާ މިންވަރު ހާމަކޮށްދިނެވެ. އެފަދަ ކަޓު އަންހެންކުއްޖަކު ދައްޔާނަށް ކަމުދިއުމުން ޤަބޫލެއް ނުކުރެވުނެވެ. ހަމުގެ ކުލަ އައްޔެއް ނޫނެވެ. ބަލައިލަން އެހާމެ ހުތުރެވެ. ރީތި އެއްވެސް ސިފައެއް ނެތް ބަބުރުގަނޑެއްގެ އަވާގައި ދައްޔާން ޖެހިގެން ނުވާނެއެވެ. އެކަހަލަ ނާތަހުޒީބު ކުއްޖަކާ ވައިއެޅޭ ހިސާބަކަށް ވެސް ދައްޔާން ގޮސްގެން ނުވާނެއެވެ.

ދައްޔާން ހުރީ ހިމޭނުންނެވެ. މަންމައަށް އަޑުއިވުނަސް އެމައުޟޫޢު ކުރިއަށް ގެންދަން އޭނަ ދެކޮޅު ހެދިއެވެ.

''ދައްޔާން!...'' އަޒީލާގެ އަޑު ބާރެވެ. ކެކިގަތް އަލިފާން ފަރުބަދަޔަކާ ތަފާތެއް ނެތެވެ.

''އެއަންހެންކުއްޖާ ގަނޑު ކަމުދާންވީ ކީއްވެގެންތަ!، އޭނ!، އެނޫން އަންހެނަކު ނުފެނުނީތަ؟...'' އަޒީލާ ހަޅޭއްލަވައިގަތެވެ. ދައްޔާނާއި ޒަރާރްއާ ދެމެދު އުފެދުނު ހަމަނުޖެހުމުގެ އަސްލާ ގުޅިފައި އޮތް ސަބަބު ހާމަވުމާއެކު އަޒީލާގެ ހޭބުއްދި ފިލާހިސާބަށް ހިނގައްޖެއެވެ. ދައްޔާނުގެ ޖަރީމާތަކަށް ފަސްއަޅައިފޮރުވަން އުޅުނު ރޭވުންތަކަށް ބުރޫއަރައިފިއެވެ.

''މިހާރު ކިހިނެއްވީ؟...'' ދައްޔާންގެ ބޮލަށް އުނދަގޫވިއެވެ.

''ނުވަނީ ކޮންކަމެއް!، އެރަންޑިގަނޑާ ހެދި މޮޔަވެގެންތަ ޒަރާރްއަށް އެހެން ހެދީ؟......'' އަޒީލާ ހުރީ ޝޮކެއްގެ ތެރޭގައެވެ.

''އާނ، އޭނައާ ހެދި... މޭއިބީ އައި ލައިކް ހާރ؟...'' ދައްޔާން ވިސްނާލިއެވެ. އޭނައަށް ތަނާލް ކަމުދެއެވެ. ތަނާލް ހާސިލް ކުރުމުގެ އެދުންވެރިކަން ހިތުގައި އިންތިހާއަށް އޮތެވެ. ވަގުތީ އުފާ ހޯދުމަށެވެ. ހަމައެއާއެކު ޒަރާރް އުފަލުގައި ހުންނަ މަންޒަރު ދެކެން ބޭނުން ނުވީއެވެ.

''މޮޔަވީތަ!...'' އަޒީލާ ހުރީ ދަތްކުނޑިވިކައިގެންނެވެ.

''ކޮބާތަ މައްސަލަކީ؟... މަންމަ އެކަހަލަ ކަމެއް ނުކުރަންތަ؟... ބައްޕައާއި ދިމާވިއިރު ބައްޕަ އުޅުނީ އިތުރު ކައިވެންޏެއްކޮށްގެނެއް ނޫންތަ، އެދެމެދަށް ވަނީ މަންމައެއް ނޫންތަ؟...'' ބުމަގޮށްޖަހާލަމުން ދައްޔާން ރައްދުދިނެވެ.

''ދިސް އިޒް އެންޓަޔާރލީ ޑިފަރެންޓް...'' ދައްޔާންގެ ކަންފަތްމަތީގައި ބާރަށް ޖަހަމުން އަޒީލާ ބުންޏެވެ. އޭނަ ބޮލުގައި ދައްޔާން އެޅުވި އިލްޒާމުތަކުން ރުޅިގަނޑު ފަޅައިގެން ދިޔަ އެވެ. ހަޤީޤަތަށް ވިޔަސް އެމޭރުމުން އޭނައާއި ވާހަކަދެއްކުމުގެ ހައިސިއްޔަތެއް ދައްޔާނަށް ލިބިގެނެއް ނުވެއެވެ.

''އިޒް އިޓް؟...'' ކަންކަށީގައި ފިރުމަމުން ދައްޔާން ބުނެލިއެވެ.

''ހުއްޓާލާ!... ދެން އެއްވެސް އެއްޗެއް ބުނެގެން ނުވާނެ، ކިހާ ދެރަކަމެއްތަ...'' އަޒީލާގެ މޫނު ވަނީ ރަތްވެފައެވެ. ކަންފަތުން ދުން ބޭރުނުވާކަމެވެ.

''ބުނާނަން، ކުރެވޭނެކަމެއް އެބައޮތް؟...'' ދައްޔާން ފެށީ ޒުވާބުކުރާށެވެ.

''އެ ގޮތެއްފޮތެއް ނެތް އަންހެންކުއްޖާގެ އަވާގައި ރަނގަޅަށް ހައްޔަރުވެފަ ތިހުރީ... އަހަންނަކަށް ނޭނގޭ ދައްޔާނަށް ވެފަ ތިހިރީ ކިހިނެއްކަމެއް.... ޒަރާރް މަރަން އެހެން ސަބަބެއް ނުފެނުނީތަ؟...'' އަޒީލާ ދުލެއް ނުކުރިއެވެ. އަޑުހަރުކޮށް ކުރަމުންދާ ޒުވާބުގެ އަޑު އެހެން މީހަކަށް އިވިދާނެކަމެއް ރޭކާނުލި އެވެ. އެވަގުތު އަޒީލާ ހުރީ އެހެންކަމަކާ ވިސްނާލެވޭނެ ހާލަތެއްގައެއް ނޫނެވެ. އެހެންނޫނަނަމަ ބޭޒާރުވެ ފަޟީހަތް ވެދާނެކަމަށް ސަމާލުވީހެވެ.

*****

ހެނދުނުގެ ނާސްތާ ތައްޔާރުކޮށް ނިމުމުން އަޒީލާއަށް ގޮވަން ޝަބާނާ މައްޗަށް އެރިއެވެ. އަޒީލާގެ ކޮޓަރީގައި ޓަކި ދިނުމުން ޚަބަރެއް ނުވުމުން ދޮރުހުޅުވަން އުޅުނެވެ. އެވަގުތު ދައްޔާންގެ ކޮޓަރިން އަޒީލާގެ ބާރު ހަޅޭކުގެ އަޑު ޝަބާނާއަށް އިވިއްޖެއެވެ. ވެގެން އުޅޭ ގޮތެއް ސާފުކޮށްލަން އެދިމާއަށް ހިނގައިގަތެވެ. ދޮރު ލައްޕާފައި ހުއްޓަސް ދެކެވެމުންދާ ވާހަކަތައް އިވެއެވެ. އެހާވެސް ބާރެވެ. އެވާހަކަތައް ފަހުމުވުމާއެކު ޝަބާނާއަށް އަނގަމަތީ އަތްއަޅާލެވުނެވެ. ބޭއިހްތިހާރުގައި ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ހަރަކާތެއްކޮށްލަން ނޭނގި މީހާ ހުރީ ގަބުއަރާފައެވެ. އިވުނު ވާހަކަތައް ސިކުނޑިއަށް ނަގައިގަންނަން އިރުކޮޅެއް ނެގިއެވެ. ދޮރާއި ކައިރިވާން ފެށި ފިޔަވަޅުތަކާއެކު ޝަބާނާއަށް ތެޅިގަނެވުނެވެ. އޭނަ ދުއްވައިގަތީ ސިޑިއާ ދިމާ އަށެވެ. މޫނު ވަނީ ހުދުވެފައެވެ. ދެފައި ހަރަކާތްކުރީ ހަމަ ކިރިޔާއެވެ.

ދައްޔާންގެ ކޮޓަރިން ނިކުތް އަޒީލާއަށް ޝަބާނާ ފެނިއްޖެއެވެ. ދުވެފައި ސިޑިން ފައިބަމުން ދިޔަ ޝަބާނާއަށް ބަލަން އަޒީލާއަށް ހުރެވުނެވެ. ޝަބާނާގެ ދުވުމާއި، އަވަސް ހަރަކާތްތައް އިންޒާރުގެ ރަނގަބީލަކަށް ފުދުނެވެ. ދަތްޕިލަޖައްސާ ބާރުކޮށްގެން ހުރެފައި ދެފަޔަށް ލެވުނުހާ ބާރެއް ލާފައި އަޒީލާ ހިނގައިގަތީ ޝަބާނާގެ ފަހަތުންނެވެ. އަނެއް ބޮލުގެ ރިހުމެވެ. ދައްޔާންގެ ރުޅިއާ ހުރެ ކުރިއެރުމެއް ނުލިބިގެން އުޅެނިކޮށް، ހަޤީޤަތް ބޭޒާރުވެދާނެ ކަމުގެ ބިރާއެކު އަޒީލާ އުޅުނީ ޝަބާނާއާއި ކުރިމަތިލާށެވެ. ބާރުގެ ބޭނުންކޮށްގެން ޝަބާނާގެ އަނގަބަންދުކާރާށެވެ.

''ކޮބާ ޝަބާނާ؟...'' ކާކޮޓަރިއަށް ވަންނަމުން އަޒީލާ ހަޅޭއްލަވައިގަތެވެ. ސުފުރާމަތި ތައްޔާރުކުރަން އުޅުނު ހާދިމްކުއްޖާއަށް އަޒީލާ ބަލައިލީ އަމުރުވެރިކަމާއެކުގައެވެ. ހާދިމްކުއްޖާ ހުރީ ބިރުން ރޫރޫއަޅާ ހިސާބުގައެވެ. އަތުގައި އޮތް ތަށި ނުވެއްޓުނީ ކިރިޔާއެވެ.

''މެޑަމް...'' ހާދިމްކުއްޖާ ބުނަން އުޅުނެވެ.

''ޔޫސްލެސް!...'' އަޒީލާ ވަނީ ބަދިގެއަށެވެ. އެތަނުގައި ތިބި އެންމެނަށް ހަޅޭއްލަވައިގެންފައި ދެން ނިކުތީ ބޭރަށެވެ. ޝަބާނާ ފެންނަން ނެތުމުން އަޒީލާ ހާސްވާން ފެށި އެވެ. ޝަބާނާއަށް އަޑު އިވުނު މިންވަރެއް ލަފާކޮށްލަން ވެސް ދައްޗެވެ. އެކަމާ ހުރެ އަޒީލާގެ ސިކުނޑި ސުމަކަށް ދިޔަ އެވެ. ގޭގެ ނޯކަރުން ތިބުމަށް ހަމަޖެހިފައިވާ ބަޔަށް ދާން ހިނގައިގަތެވެ.

ޝަބާނާގެ ދޫ ބަންދުކޮށްފައި ނޫނީ އޭނަ ހަމަ ނޭވާއެއް ނުލާނެ އެވެ. އޭނައާއި ދައްޔާނަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ޝަބާނާ އެވެ. ޝަބާނާ ހިމޭންކުރުވުމަށްފަހު ދައްޔާން އެމުސީބާތުން ސަލާމަތްކުރާނެ ގޮތެއް އޭނަ ހޯދާނެ އެވެ. އޮޕަރޭޝަނުން ކާމިޔާބުވިއެއްކަމަކު ޒަރާރްއަށް ލޯހުޅުވުމުގެ ފުރުސަތެއް ހަމަހިލާ އޭނަ ނުދޭނެއެވެ. ފުލުހުންގެ ތަހުޤީޤަތް ވެސް ނުފޫޒު ފޯރުވާނެ އެވެ.

(ނުނިމޭ)