ހޮރުމުޒް ކަނޑުއޮޅި ހުރަސްކުރާ އާގުބޯޓުފަހަރުން ފީ ނެގުމަށް ހުށަހަޅާފައިވާ ބިލެއްގެ މާއްދާއެއް އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، "ހޮރުމުޒް ކަނޑުއޮޅީގެ ސަލާމަތާއި ކުރިއެރުން ކަށަވަރުކުރުމުގެ ސްޓްރެޓީޖިކް ފިޔަވަޅު" ނަމުގައި އެކުލަވައިލައިފައިވާ މި ބިލުގެ 3 ވަނަ މާއްދާގެ ދަށުން ފީ ނަގާނީ އެ ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ އޮންނަ ގައުމުތަކުގެ ބޯޓުފަހަރުންނެވެ.
ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ތަރުޖަމާނު ހަސަން ގަޝްގަވީ ވިދާޅުވި ގޮތުގައި، މި ފީ ނަގާނީ ނެވިގޭޝަން، ތިމާވެށި ހިމާޔަތްކުރުން، ހާއްސަ ހާލަތްތަކުގައި ތެޔޯ ފޯރުކޮށްދިނުން، އިންޝުއަރެންސް އަދި ސަލާމަތީ ހިދުމަތްތަކަށެވެ. މި ފީ ދައްކަން ޖެހޭނީ އީރާނުގެ ރިޔާލުން ނުވަތަ އީރާނުން ކަނޑައަޅާ އެހެން ފައިސާއަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބިލުގެ ދަށުން އެމެރިކާއާއި އިސްރާއީލާ ގުޅުން ހުރި ބޯޓުފަހަރަށް، އަދި އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ގައުމުތަކުގެ ބޯޓުފަހަރަށް ހޮރުމުޒް ކަނޑުއޮޅި ހުރަސްކުރުން މަނާކުރާނެއެވެ.
މި ހިދުމަތްތަކަށް ނަގާނެ ރަސްމީ އަގެއް އަދި އިއުލާންކޮށްފައި ނުވި ނަމަވެސް، ބައެއް ތެޔޮ ޓޭންކަރުތަކުން ނުރަސްމީކޮށް 2 މިލިއަން ޑޮލަރާ ހަމައަށް ފީ ނަގަމުންދާ ކަމަށް ބައިނަލްއަގުވާމީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މި ބިލަށް އަމަލުކުރަން ފެށޭނީ ގާނޫނުހަދާ މަޖިލީހުގެ ތަޅުމުން ފާސްކޮށް، އީރާނުގެ ގާޑިއަން ކައުންސިލުން އެއަށް ރުހުން ދިނުމުންނެވެ.
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ކޮމެންޓް