އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް އަޅުއްވަން އިންޒާރުދެއްވި އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ބިރުދެއްކުމުގެ ބާވެފައިވާ އުކުޅެއް ކަމަށް ސިފަކުރައްވައި، އެ އިންޒާރުތަކަށް އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ އާދީއްތަ ދުވަހު ފާޑުވިދާޅުވެއްޖެއެވެ.

އީރާނުގެ ދައުލަތުގެ ބްރޯޑްކާސްޓަރު 'އައިއާރްއައިބީ' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަރަގްޗީ މިހެން ވިދާޅުވީ ތެހެރާނުގައި އޮތް ރަސްމިއްޔާތެއްގެ ހަވާސާގައި ވާހަކަދައްކަވަމުންނެވެ.

އަރަގްޗީ ވިދާޅުވި ގޮތުގައި، ޓްރަމްޕްގެ އިގުތިސާދީ އިންޒާރުތަކަކީ އެމެރިކާގެ ސިޔާސަތުގައި އަބަދުވެސް ތަކުރާރުކުރަމުން އަންނަ މަންޒަރެކެވެ. އެއީ އީރާނަށް އާ ކަމެއް ނޫން ކަމަށާއި، އެކަމާ ކުރިމަތިލާނެ ގޮތް އީރާނަށް އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

“އެއީ އަޅުގަނޑުމެން އެތައް ފަހަރަކު ބަލާފައިވާ ފިލްމެއް،” އައިއާރްއައިބީއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަރަގްޗީ ވިދާޅުވިއެވެ.

މީގެ އިތުރުން، އެމެރިކާއިން އަލުން އިގުތިސާދީ ފިޔަވަޅުތަކާ ދިމާއަށް މިސްރާބުޖެހުމަކީ އެ ގައުމު ގޮތްހުސްވެފައިވާ ކަމުގެ ހެއްކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ވޮޝިންޓަނަށް މިހާރު އޮތް ހަމައެކަނި ގޮތަކީ އީރާނުގެ ރައްޔިތުންނާ އިހުތިރާމާއެކު މުއާމަލާތްކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަރަގްޗީ މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ، އީރާނާ ދެކޮޅަށް ތާރީހުގައި ވެސް ނާޅާ ފަދަ ހަރުކަށި އިގުތިސާދީ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ޓްރަމްޕް އިއުލާންކުރައްވާފައި ވަނިކޮށެވެ. ޓްރަމްޕް ވަނީ މި ފިޔަވަޅުތަކަކީ އީރާނާ ދެކޮޅަށް ހިންގާނެ އެންމެ ބޮޑު އިގުތިސާދީ އޮޕަރޭޝަން ކަމަށް ސިފަކުރައްވައި، އެކަމަށް “އިކޮނޮމިކް ޑީ-ޑޭ” ގެ ނަން ދެއްވާފައެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް މިއަދު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އީރާނާ ދެކޮޅަށް އަޅާ އާ ފިޔަވަޅުތައް އިއުލާންކުރައްވާނެއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް އެހީތެރިވާ ކޮންމެ ގައުމަކަށް ވެސް އިގުތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައެވެ.

މީގެ އިތުރުން، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހްސިން ރިޒާއީ ވަނީ، އެމެރިކާގެ އިގުތިސާދީ ހަނގުރާމައިގައި ބައިވެރިނުވުމަށް އަވަށްޓެރި ގައުމުތަކަށް އިންޒާރުދެއްވައިފައެވެ. އީރާނުގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، އެމެރިކާއަށް އެހީތެރިވާ ކޮންމެ ގައުމަކީ ދުޝްމަނެއް ކަމުގައި އީރާނުން ބަލާނެ ކަމަށެވެ.