އަށް އަހަރު ވަންދެން ލޯބީގެ ގުޅުމެއް ބޭއްވުމަށް ފަހު، ބޮލީވުޑްގެ އެކްޓަރު އަރްޖުން ރާމްޕާލްއާއި ދެކުނު އެފްރިކާގެ މޮޑެލް ގެބްރިއެއްލާ ޑިމެޓްރިއާޑޭސް ގޯއާގައި ކައިވެނިކޮށްފިއެވެ.
މި ކައިވެނި ކޮށްފައިވަނީ އޮގަސްޓު 21 ވަނަ ދުވަހު ގޯއާގެ މާޕޫސާގައި ހުންނަ ސަބް-ރެޖިސްޓްރާ އޮފީހުގައެވެ. ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް މައުލޫމާތު ދެމުން ގޯއާގެ ސަބް-ރެޖިސްޓްރާ ސޫރަޖް ވެރްނޭކަރް ވަނީ މި ކައިވެނި ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ. އޭނާ ބުނި ގޮތުގައި މި ކައިވެނި ރަޖިސްޓަރީކޮށްފައިވަނީ ގޯއާގެ ޔުނިފޯމް ސިވިލް ކޯޑުގެ ދަށުންނެވެ.
ކައިވެނީގެ ރަސްމީ ފޮޓޯތަކެއް މިހާތަނަށް އަރްޖުން އަދި ގެބްރިއެއްލާ އާންމުކޮށްފައި ނުވި ނަމަވެސް، ކައިވެނިކުރިކަން މިވަނީ ރަސްމީ އިދާރާތަކުން ޔަގީންކޮށްދީފައެވެ. ސޯޝަލް މީޑިއާއާއި ނޫސްތަކުގައި މި ކައިވެންޏާ ގުޅޭގޮތުން އެކި ގޮތްގޮތަށް ވާހަކަ ދެކެވުނު ނަމަވެސް، މިއީ ހަމައެކަނި އެ ދެމީހުންގެ އާއިލާއާއި ގާތް ރައްޓެހިން ބައިވެރިވި އާދައިގެ ރަސްމިއްޔާތެއްކަމަށް ރިޕޯޓުތައް ބުނެއެވެ.
އަރްޖުންއާއި ގެބްރިއެއްލާގެ ގުޅުން ފެށުނީ 2018 ވަނަ އަހަރުގައެވެ. އޭގެ ފަހުން އެ ދެމީހުން އެކުގައި ދިރިއުޅެމުން އައިއިރު، ދެ ކުދިން ވަނީ ލިބިފައެވެ. އެއީ 2019 ވަނަ އަހަރު އުފަންވި އަރިކް އަދި 2023 ވަނަ އަހަރު އުފަންވި އަރިވްއެވެ. މި ދެމީހުން އެންގޭޖްވިކަން އިއުލާންކުރީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހު ރިއާ ޗަކްރަބަތީގެ ޕޮޑްކާސްޓެއްގައެވެ.
މިއީ އަރްޖުންގެ ދެވަނަ ކައިވެންޏެވެ. މީގެ ކުރިން އޭނާ ކައިވެނިކޮށްގެން އުޅުނީ މެހެރް ޖެސިއާއާއެވެ. 1998 ވަނަ އަހަރު ކުރި އެ ކައިވެނި ރަސްމީކޮށް ރޫޅުނީ 2019 ވަނަ އަހަރުގައެވެ. އެ ކައިވެންޏަށް އަރްޖުންގެ ދެ އަންހެން ކުދިން ތިބެއެވެ. ކައިވެންޏާ ގުޅޭގޮތުން އަރްޖުން އަދި ގެބްރިއެއްލާގެ ފަރާތުން ރަސްމީ ބަޔާނެއް އަދި ނެރެފައެއް ނުވެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ކޮމެންޓް