ސަރުކާރުން ގެންގުޅޭ ހަރުދަނާ އިގްތިސޯދީ ސިޔާސަތުތަކުގެ ސަބަބުން، ދުނިޔޭގެ އިންވެސްޓްމަންޓް ބާޒާރުގައި ރާއްޖެއަށް އޮތް މަގުބޫލުކަން އިތުރުވެ، ކުރިއެރުންތަކެއް ލިބެމުންދާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މާލޭ، ނަސަންދުރާގައި ބާއްވާ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ ތަރައްގީވަމުން އަންނަ ގައުމަކަށް ބަދަލުވީ ތަރައްގީއަށް އިސްކަންދީގެން އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ރާއްޖެއިން އަމާޒު ހިފާފައިވާ ތަރައްގީވެފައިވާ ގައުމެއްގެ ދަރަޖަ ހާސިލުކުރުމުގެ ލަނޑުދަނޑި ހަގީގަތަކަށް ހެދުމުގައި ބޭރުގެ އިންވެސްޓަރުންނަކީ ކޮންމެހެން ބޭނުންތެރި ބައިވެރިންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ 45 އަހަރަށްފަހު އަލަށް އެކުލަވާލެވި ފޮރިން އިންވެސްޓްމަންޓް ގާނޫނަކީ ބޭރުގެ ފަރާތްތަކަށް އިތުބާރާއެކު ވިޔަފާރިކުރެވޭނެ ހަރުދަނާ ނިޒާމެއް ފަހިކޮށްދޭނެ ގާނޫނެއް ކަމަށެވެ. އެ ގާނޫނުގެ ދަށުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް އިންވެސްޓްމަންޓްގެ ދާއިރާގައި ފައިހަމަކޮށް ކުރިއަށްދިއުމުގެ ފުރުސަތު ތަނަވަސްވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުގެ ވިސްނުމަކީ ގައުމަށް އަންނަ އިންވެސްޓްމަންޓްތަކުގެ ފައިދާ ސީދާ ރައްޔިތުންނަށް ލިބުންކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ، ޑިޖިޓަލް އިގްތިސޯދާއި، މާލީ ދާއިރާއާއި، އިއާދަކުރަނިވި ހަކަތައިގެ އިތުރުން، މަސްވެރިކަމާއި، ފަތުރުވެރިކަން، ސިއްހަތު އަދި ތައުލީމީ ދާއިރާތަކަށް ސީދާ ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށް ސަރުކާރުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ. އަދި ދިވެހި ވިޔަފާރިތަކަށް ވާދަކުރުމުގެ ހަމަހަމަ ފުރުސަތު އޮތުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތުކަމަށްވެސް ވިދާޅުވިއެވެ.
ގޫގުލްގެ "ދިވަރު" ސަބްމެރިން ކޭބަލް މަޝްރޫއާއި، ނ. އަތޮޅުގައި ތަރައްގީކުރާ "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް" މަޝްރޫއަކީ ރާއްޖޭގެ ތާރީހުގައިވެސް އަމިއްލަ ފަރާތްތަކުން ހިންގާ އެންމެ ބޮޑެތި މަޝްރޫއުތައްކަމަށް ސައީދު ވިދާޅުވިއެވެ.
ދުނިޔޭގެ މަޝްހޫރު ހޮސްޕިޓާލިޓީ ބްރޭންޑްތައް ރާއްޖޭގައި އިތުރުވަމުން ދިއުމަކީ ރާއްޖޭގެ މުސްތަގުބަލަށް އިންވެސްޓަރުން ކުރާ އިތުބާރު ދައްކުވައިދޭކަމެއް މިނިސްޓަރު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
ކޮމެންޓް