ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ އަދަދު ހަތަކަށް އިތުރުކުރުމަށް ފާސްކުރި ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

ގާނޫނު ނަންބަރު 26/2020 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ގާނޫނު) އަށް ގެނައި މި ދެވަނަ އިސްލާހު ރައީސް ތަސްދީގުކުރެއްވުމާއެކު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް، މިހާރު ވަނީ އަމަލުކުރަން ފަށައިފައެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ، މި މަހުގެ 17 ވީ ހޯމަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާގައެވެ. މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ޔޫއާރުއޭގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ގެނައުމެވެ.

މި އިސްލާހާއެކު، ކުރިން ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވި އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑު ވަނީ ހަތް މެންބަރުންނަށް އިތުރުކޮށްފައެވެ. އެގޮތުން، އަލަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ބޯޑަށް ގާނޫނީ ދާއިރާގެ މެންބަރެއް އިތުރުކުރުމާއި، އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްގެ މަގާމަށް މީހަކު އައްޔަނުކުރުން ހިމެނެއެވެ. އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްގެ މަގާމަށް މީހަކު އައްޔަނުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މީގެ އިތުރުން، މެންބަރުން އައްޔަނުކުރުމާއި، އެ ފަރާތްތަކުގެ ޝަރުތުތަކާއި، މަގާމުގެ މުއްދަތުގެ އިތުރުން ބޯޑުގެ ބައްދަލުވުންތައް ބޭއްވުމުގެ އުސޫލުތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.

ގާނޫނަށް ގެނައި މި އިސްލާހުތަކާ ގުޅިގެން، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރަށް އައްޔަންކުރަންޖެހޭ މެންބަރުން، ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އައްޔަންކުރަންވާނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.