ރައީސް އޮފީހުން ނީލަމުގައި ވިއްކާލި މޭޒަކީ އެއްވެސް ރައީސަކު އެއްވެސް ދުވަސްވަރެއްގައި ބޭނުންފުޅު ކުރެއްވި މޭޒެއް ނޫން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބޭނުންފުޅު ކުރެއްވި މޭޒެއް ނީލަމުގައި ވިއްކާލާފައިވާ ކަމަށް ބުނެ އެ މޭޒުގެ ފޮޓޯއާ އެކު ސޯޝަލް މީޑިއާގައި ދަނީ ދައުރުކުރަމުންނެވެ.

އެ މޭޒު ނީލަމުގައި ވިއްކާލާފައިވަނީ 12500 ރުފިޔާ ކަމަށްވެސް ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

އެކަމާ ގުޅިގެން މުންދު މިއަދު ނެރުއްވި ބަޔާނެއްގައި ބުނީ، ދައުރުކުރާ ފޮޓޯގައި ފެންނަ މޭޒު ރައީސް އޮފީހުން ނީލަމަށްލާފައިވަނީ ކަތުރުފަނިއެޅުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، ބަލަހައްޓަން ދަތިވުމުގެ ސަބަބުން، ދައުލަތުގެ މިފަދަ މުދާ ނީލަމަށްލުމަށް އޮންނަ އުސޫލުތަކާއި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

މުންދު ވިދާޅުވީ، އެ ގޮތަށް ނީލަމަށްލާ ކޮންމެ ފަރުނީޗަރެއްވެސް އެ އޮފީހުން ނީލަމަށްލަނީ ދައުލަތުގެ ނިޝާން ހަރުކޮށްފައިވާ ނަމަ ނިޝާން ނައްޓައިލުމަށް ފަހުގައި ކަމަށެވެ.

"ނަމަވެސް ހަބަރުތަކާއި ފޮޓޯތަކުން ފެންނަ މޭޒަށް ކޮންމެވެސް ފަރާތަކުން އެވަނީ ބަދަލުތަކެއް ގެނެސް، ކުރީގެ ރައީސުން ބޭނުންކުރެއްވި ރަސްމީ މޭޒުކޮޅެއްގެ ގޮތުގައި ދައްކަން މީޑިއާ މެދުވެރިކޮށް މަސައްކަތްކޮށްފައެވެ" މުންދުގެ ބަޔާނުގައިވެއެވެ.

މުންދު ވަނީ އެ ފަދަ ހަބަރެއް ޝާއިއުކުރުމުގެ ކުރިން ސީދާ ކަމާ ބެހޭ ރަސްމީ އިދާރާތަކުން އެކަމުގެ ސައްހަ މައުލޫމާތު ހޯދައި އަދި ރަސްމީ ގޮތުން ކަށަވަރުކުރުމަކާ ނުލައި ހަގީގަތާ ހިލާފަށް ރައްޔިތުންނަށް އޮޅޭ ގޮތަށް އެފަދަ މައުލޫމާތު އާއްމު ނުކުރެއްވުމަށް އިލްތިމާސްކުރައްވައިފައެވެ.