ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ބޭރުގެ ވިޔަފާރިތަކުން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ މުދަލާއި ހިދުމަތްތަކުން ޖީއެސްޓީ ނަގަން "މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު" އަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި މި ބިލު މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 57 މެންބަރުންގެ ތެރެއިން 54 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އެ ބިލް ފާސްނުކުރަން ދެ މެންބަރުން ވޯޓު ދެއްވިއެވެ. އެއީ އިދިކޮޅު އެމްޑީޕީގެ ހަނިމާދޫ ދާއިރާގެ އަބްދުލް ގަފޫރު މޫސާ އާއި ކެޔޮ ދޫ ދާއިރާގެ މުހައްމަދު ނިއުޝާދެވެ. ނަމަވެސް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވޯޓު ދެއްވީ ޕީއެންސީ މެންބަރުންނާއެއްކޮޅަށް ބިލް ފާސް ކުރުމަށެވެ

މި ބިލު ހުށަހެޅުމުގެ ބޭނުމެއްް ކަމަށް ބިލުގައި ބުނެފައިވަނީ، ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒު ކުރުމަށްޓަކައި، އޯފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ފޮރިން ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގުމުގެ އުސޫލުތައް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގައި ބަޔާން ކުރުން ކަމަށެވެ. އަދި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ނިޒާމު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް އެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، ގާނޫނަށް ގެންނާން ޖެހޭ އެނޫންވެސް އިސްލާހުތައް ގެނައުން ކަމަށްވެސް ބުނެފައިވެއެވެ.

މި ބިލުގައި ބުނެފައިވަނީ ބިލު ފާސްކޮށް އެ އިސްލާހުތަކާ އެއްގޮތަށް ޓެކްސް ނަަގަން ފަށައިފި ނަމަ ބޭރުގެ ޓްރެވެލް އެޖެންޓުން ދައްކާ 299.3 މިލިއަން ރުފިޔާ އާއި ފޮރިން ޓުއާ އޮޕަރޭޓަރުން ދައްދާ 1،309.2 ބިލިއަން ރުފިޔާއާ އެކު ދައުލަތުގެ އާމްދަނީއަށް އަހަރަކު 1،608.5 ބިލިއަން ރުފިޔާ އިތުރުވެގެންދާނެ ކަމަށެވެ.

މި ބިލުގައި ޖީއެސްޓީ ނަގަން ހިމަނާފައިވަނީ އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި، ފޮރިން ޓުއާ އޮޕަރޭޓަރުންގެ އިތުރުން އޯވަސީސް ޓްރެވަލް އެޖެންޓުތަކެވެ.

މީގެ އިތުރުން، މި ނިޒާމު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް އިތުރަށް ހަރުދަނާކުރުމަށް ވެސް އިސްލާހުތަކެއް ބިލުގައި ވަނީ ހިމަނައިފައެވެ.

މި ބިލުގައި ބުނާގޮތަށް ޖީއެސްޓީ ނެގުމަށް ކަނޑައަޅާފައިވަނީ އަންނަ އޮކްޓޯބަރުމަހުގެ އެކަކުން ފެށިގެންނެވެ.