ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ހިމެނޭ ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިން ޓެކްސް 10 ޕަސެންޓަށް އިތުރު ކުރަން އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލް މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި މި ބިލު މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 57 މެންބަރުންގެ ތެރެއިން 54 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ބިލް ފާސްނުކުރަން ދެ މެންބަރުން ވޯޓު ދެއްވިއެވެ. އެއީ އިދިކޮޅު އެމްޑީޕީގެ ހަނިމާދޫ ދާއިރާގެ އަބްދުލް ގަފޫރު މޫސާ އާއި ކެޔޮދޫ ދާއިރާގެ މުހައްމަދު ނިއުޝާދެވެ. ނަމަވެސް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވޯޓު ދެއްވީ ޕީއެންސީ މެންބަރުންނާ އެއްކޮޅަށް ބިލް ފާސްކުރުމަށެވެ.
ގާނޫނަށް މި އިސްލާހު ގެނައުމުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައި ވަނީ، ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓްތަކަށް ވާދަ ކުރުމުގައި، ދިވެހި ވިޔަފާރިތަކާއި ވަޒަންވެރި ވެފައިނުވާ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ އަދި ވާދަވެރި މާހައުލެއް ގާއިމް ކުރުން ކަމަށެވެ.
އެގޮތުން ގާނޫނުގެ 55 ވަނަ މާއްދާގެ (ށ) ގެ ދަށުން ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރަކަށް ދައްކާ ފައިސާގެ ޖުމްލައިން ވިތު ހޯލްޑިން ޓެކުހުގެ ގޮތުގައި އުނިކުރުމަށް ކަނޑައަޅާފައިވާ ފަސް ޕަސެންޓް، 10 ޕަސެންޓަށް ބޮޑުކޮށް އެ އަދަދަކީ އެ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ ފުރިހަމަ އަދަދު ކަމަށް ކަނޑައެޅުން ކަމަށްވެސް މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ބިލުގައި ވަނީ ފާހަގަކޮށްފައެވެ.
ގާނޫނު މިހާރު ކަނޑައަޅާފައި ވަނީ ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް، ރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީއަކުން ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިން ޓެކްސް ދައްކާފައިވާ ނަމަ، ވިތުހޯލްޑިން ޓެކްސް ދައްކަން ޖެހުނު އާމްދަނީގެ އަދަދަކީ އެފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބު ކުރުމުގައި އުނިކުރެވިދާނެ އަދަދެއްގެ ގޮތުގައެވެ.
އަދި ޓެކްސް ދައްކާ ފަރާތުން އެގޮތަށް އަމަލުކުރަން އިހުތިޔާރުކޮށްފިނަމަ، އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ އާމްދަނީއާ ގުޅިގެން އިތުރު އެއްވެސް އަދަދެއް އުންޏެއް ނުކުރެވޭނެ ކަމަށް ވެސް ކަނޑައަޅާފައިވެއެވެ.
މި ބިލުގައި ވަނީ ގާނޫނުގެ މި މާއްދާއަށް ދެ އަކުރު އިތުރުކުރަން ހުށަހަޅައިފައެވެ.
ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވާގޮތުން ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތަކުން ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ފައިސާއެއް ދައްކާނަމަ އެ ކޮންޓްރެކްޓަރުގެ ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި އެ ދޭ ފައިސާގެ 10 ޕަސެންޓް ދައްކަން ޖެހޭނެއެވެ. މިހާރު ގާނޫނުގައި އޮންނަނީ އެފަދަ ކޮންޓްރެކްޓަރުން ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި ދައްކަން ޖެހެނީ އެ ލިބޭ ޖުމްލަ ފައިސާގެ ފަސް ޕަސެންޓް ކަމަށެވެ.
މި އިސްލާހާއެކު ދައުލަތަށް ލިބޭނެ އާމްދަނީގެ އަންދާޒާ ވެސް ސަރުކާރުން ވަނީ ހުށަހަޅުއްވައިފައެވެ. ބިލުގައި ބުނެފައި ވަނީ މި އިސްލާހާ ގުޅިގެން އަހަރަކު އެވްރެޖުކޮށް ދައުލަތުގެ އާމްދަނީއަށް 251 މިލިޔަން ރުފިޔާ އިތުރުވާނެ ކަމަށެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް