އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އަދި ކައުންސިލްތަކުގެ ބަހެއް ހޯދުމަކާ ވެސް ނުލައި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމާއި ތަންތަން، އިހުތިސާސުން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދޭން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ރައްޔިތުންގެ ގޯތިގެދޮރު ނުވަތަ ކައުންސިލް ބާރުތައް އަތުލުމަށް ހުށަހަޅާފައިވާ އިސްލާހެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހައްނާން ހުށަހަޅުއްވާފައިވާ މި ބިލް އޮތް ގޮތަށް ފާސްކުރުމަށް ގޮވާލައި ހުށަހެޅި އީޕެޓިޝަންގެ ބަހުސްގައި ވާހަކަ ދައްކަވަމުން ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު މިހެން ވިދާޅުވީ، އެ ބިލަކީ ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް ނެގުމަށް ހުށަހެޅި އިސްލާހެއް ކަމަށް ވިދާޅުވެ އިދިކޮޅު މެންބަރުން ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ފަލާހު ވިދާޅުވީ އެ އިސްލާހުގެ ބޭނުމަކީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ރަށްރަށުގައި ކުރިއަށް ގެންދިއުން ކަމަށެވެ.
ނަމަވެސް ފަލާހު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ އެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ހަގީގަތް އޮޅުވާލައި، ރައްޔިތުންނަށް ކުށްހީތަކެއް ވިސްނައިދިނުމަށް ކަމަށެވެ.
ފަލާހު ވިދާޅުވީ، ދައުލަތުގެ ބޭނުމަކަށް ބިމެއް ނެގުމަކީ އަބަދުވެސް އޮންނަ އުސޫލެއް ކަމަށާއި އޭގެ މާނައަކީ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިގެދޮރު ސަރުކާރުން އަތުލައިގަތުން ނޫން ކަމަށެވެ.
މިހާރު ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގަައި ބުނަނީ ރަށެއްގެ ތަރައްގީއަށް ސަރުކާރުން ހިންގަން އުޅޭ މަޝްރޫއަކަށް ކައުންސިލަކުން ހުރަސްއަޅައި، އެ މަޝްރޫއު ހިންގާނެ ބިން ނުދީ ހިފަހައްޓައިފިނަމަ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން އެ ތަރައްގީގެ މަޝްރޫއު ހިންގުމަށްޓަކައި އެ ބިމެއް ބޭނުންކުރެވިދާނެ ވާހަކަ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް މަތިކޮށްފައިވާ އެންމެ ބޮޑު ޒިންމާއަކީ ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގައި އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުންކަން ފާހަގަ ކުރައްވައި ފަލާހު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުން އިންތިހާބުކޮށްފައިވާ ކައުންސިލަރުންނާ ގުޅިގެން، ރަށްރަށުގެ ތަރައްގީގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް ކަމަށެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް