އޮންލައިންކޮށް އާއްމުންނަށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލް (އީ ޕެޓިޝަން ޕޯޓަލް) އެއް މިދިޔަ ފެބްރުއަރީ މަހު ތައާރަފުކުރި ފަހުން، މުޅި މަޖިލީހުގެ ތާއީރުގައި ވެސް ފުރަތަމަ ފަހަރަށް އީ ޕެޓިޝަނަށް މަޖިލިސް ތަޅުމުގައި މިއަދު ބަހުސް ކުރިއަށް ގެންގޮސްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެ ޕެޓިޝަނަށް ބަހުސް ކުރިއެވެ.
މީގެ ތެރެއިން އެއް ޕަޓިޝަނަކީ އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އަދި ކައުންސިލްތަކުގެ ބަހެއް ހޯދުމަކާ ވެސް ނުލައި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމާއި ތަންތަން، އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނެގުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދޭން "އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް" އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހައްނާން މިމަހުގެ 10 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި ބިލު އަނބުރާ ގެންދަން ގޮވާލައި ހުށަހެޅި ޕެޓިޝަނެކެވެ.
އަނެއް ޕެޓީޝަނަކީ އެ ބިލު މިހާރު އޮތް ގޮތަށް ފާސްކުރަން ގޮވާލާ ހުށަހެޅި ޕެޓިޝަނެކެވެ.
މި ދެ ޕެޓިޝަނަކީ ވެސް މަޖިލިސް ތަޅުމުގައި ބަހުސް ކުރަން މަޖިލިސް ގަވާއިދުގައި ބުނާ އަދަދަށް ސޮއި ހަމަވުމާ ގުޅިގެން ބަހުސް ކުރި ދެ ޕެޓިޝަނެވެ.
އެހެންކަމުން މިއަދުގެ ޖަލްސާގައި ރިޔާސަތުން، މަޖިލީހުގެ ރައީސް ފުރަތަމަ ބަހުސަށް ހުޅުވައިލެއްވީ، އެ ބިލް އަނބުރާ ގެންދާލަން ގޮވާލާ ހުށަހެޅި ޕެޓިޝަނަށެވެ. އެއީ މަޖިލީހުގައި ބަހުސްކުރަންޖެހޭ އަދަދަށް ފުރަތަމަ ސޮއި ހަމަވި ޕެޓިޝަނެވެ. އެ ބިލް އޮތްގޮތަށް ފާސްކުރަން ގޮވާލައި ހުށަހެޅި ޕެޓިޝަންގެ ބަހުސް ކުރިއަށްގެންދިޔައީ ފުރަތަމަ ޕެޓިޝަންގެ ބަހުސް ނިމުމުންނެވެ.
ކޮންމެ ޕެޓިޝަނެއްގެ ބަހުސް ވެސް ކުރިއަށްގެންދިޔައީ އެއް ގަޑިއިރުގެ މުއްދަތަށެެވެ. އެއީ މެތޯރިޓީ ޕާޓީ، ޕީއެންސީއަށް 38 މިނިޓް އިދިކޮޅު އެމްޑީޕީއަށް ނުވަ މިނިޓް، ދެން މަޖިލީހުގައި ހިމެނޭ ކޮންމެ ޕާޓީއަކަށް ތިން މިނެޓް، އަދި މަޖިލީހުގައި ތިއްބެވި އަމިއްލަ ކޮންމެ މެންބަރަކަށް ދެ މިނެޓްގެ ފުރުސަތެއް ކަނޑައަޅައިގެންނެވެ.
މި ދެ ޕެޓިޝަނަށް ޖުމްލަ 17 މެންބަރުން ބަހުސް ކުރެއްވިއެވެ.
ބިލް އަނބުރާ ގެންދަން ގޮވައިލި ޕެޓިޝަންގެ ބަހުސްގައި ވާހަކަ ދެއްކެވި މެންބަރުން:
- ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހްމަދު ނަސީމު
- ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް
- މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ދީދީ
- ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު
- ހުޅުދޫ ދާއިރާގެ ޕީއެންސީ މުހައްމަދު ޝާހިދު
- ހޮޅުދޫ ދާއިރާގެ ޕީއެނެސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު
- އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް
- ތުޅާދޫ ދައިރާގެ އަމިއްލަ މެންބަރު އަބްދުލް ހައްނާން އަބޫބަކުރު
ބިލް އޮތް ގޮތަށް ފާސްކުރަން ގޮވަލި ޕެޓިޝަންގެ ބަހުސްގައި ވާހަކަ ދެއްކެވި މެންބަރުން:
- މާފަންނު ހުޅަނދު ޕިއެންސީ މުހައްމަދު މުސްތަފާ އިބްރާހިމް
- އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ފަލާހު
- ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްލަތީފް މުހައްމަދު
- ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ހުސެއިން
- ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އައިފާން
- ހުޅުދޫ ދާއިރާގެ ޕީއެންސީ މެންަބރު މުހައްމަދު ޝާހިދު
- ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންަބރު އަމީން ފައިސަލް
- ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންަބރު ހުސައިން ޒިޔާދު
ހުރިހާ މެންބަރުންވެސް މި ބަހުސްއަލީ ތާރީހީ ބަހުސެއްކަން ފާހަގަ ކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ، މަޖިލިސް ގަވާއިދު ބުނާގޮތުން މަޖިލީހަށް އީ ޕެޓިޝަން ހުށަހަޅައި ބަހުސް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ، ޕެޓިޝަންގައިވާ މައްސަލައާ މެދު މަޖިލީހުގެ މެންބަރުން ދެކޭގޮތް ހާމަކުރުން ކަމަށެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް