އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިތުރު ފިޔަވަޅެއް އަޅުއްވައިފި ނަމަ، ބިންހެލުމެއް ފަދަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހްސިން ރިޒާއީ ދެއްވައިފިއެވެ.

ހޮނިހިރު ދުވަހު އީރާނުގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރިޒާއީ ވިދާޅުވި ގޮތުގައި، އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ އިގުތިސާދީ ހަނގުރާމައިގައި އަވަށްޓެރި ގައުމުތަކުން ބައިވެރިވެއްޖެ ނަމަ، އެ ގައުމުތަކަކީ ދުޝްމަނުން ކަމުގައި ބަލައި، އެ ގައުމުތަކުގެ މަސްލަހަތުތަކަށް ހަމަލާދޭނެއެވެ.

އެމެރިކާގެ އިގުތިސާދީ ހަނގުރާމައަށް އެއްބާރުލުން ދީފި ނަމަ، ހޮރުމުޒް ކަނޑުއޮޅިންނާއި ތެޔޯ ބޭރުކުރާ އެހެނިހެން މަގުތަކުން ތެލުގެ އެންމެ ތިއްކެއް ވެސް ބޭރުކުރިޔަ ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އިންޒާރުތައް ދެއްވާފައި މިވަނީ، އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، އީރާނުގެ އިގުތިސާދު އެކަހެރިކުރުމަށް ޓްރަމްޕްގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ރިޒާއީ ވިދާޅުވި ގޮތުގައި، އީރާނާ ދެކޮޅަށް އިގުތިސާދީ ހަނގުރާމައެއް ފެށުމަށް ޓްރަމްޕަށް ބާރުއެޅުއްވީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއެވެ.