ހުޅުމާލެ ފޭސް ދޭއްގައި އެމްޑަބްލިޔުއެސްސީގެ ފެން ޕްލާންޓުތައް ގާއިމުވުމުން، ހުކުރު ދުވަސްތަކުގައި ޕްރެޝަރުގައި ފެން ލިބުމުގެ ދަތި ކަމަށް ހައްލު ލިބޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ، ހުޅުމާލޭގައި އިތުރު ޕްލާންޓުތައް ބެހެއްޓުމާއި، އިތުރު ޑީސެލިނޭޝަން ޕްލާންޓުތައް ބެހެއްޓުމުގެ މަސައްކަތްތަކާއި އިތުރު ތާންގިތައް ބެހެއްޓުމުގެ މަސައްކަތްވެސް އެ ކުންފުނިން ކުރިއަށްގެންދާ ކަމަށެވެ.
އެ މަސައްކަތްތަކުގެ 60 ޕަސަންޓު ނިމިފައިވާ ކަމަށާއި، ހުޅުމާލޭގައި ހިންގާ ހުރިހާ ޕްރޮޖެކްޓެއްގެ މަސައްކަތް ނިންމަން އަމާޒު ހިފާފައިވަނީ 2027 ގެ ސެޕްޓެމްބަރަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއީ މި އަންނަ އަހަރުގެ ޕީކަށް ރެޑީ ވުމުގެ ގޮތުން. ހުޅުމާލެ ފޭސް ދޭއްގައި އިތުރު ޕަމްޕް ސްޓޭޝަންތަކެއް ބަހައްޓަން މީގެ ކުރިން އަޅުގަނޑުމެންނަށް ބިން ނުލިބި އޮތީ. ނަމަވެސް ދާދި ފަހުން ބިން ހަމަޖެހިގެން ހިނގައްޖެ. އޭގެ ސަބަބަން ހުޅުމާލޭގެ އެކި ދިމަދިމާލުގައި މިހާރު ހުންނަ ޕްރެޝާ އިޝޫޒްތައް ނުވަތަ ހުކުރު ދުވަހަށް ފެން ނުލިބުމުގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ،" ފަހުމީ ވިދާޅުވިއެވެ.
އެމްޑަބްލިޔުއެސްސީގެ މިހާރުގެ ކެޕޭސިޓީ ހުރި ވަރުން ހަތަރެއް ނުވަތަ ފަސްވަނަ ފަންގިފިލާއާ ހަމައަށް ޕްރެޝަރުގައި ފެން ފޯރުކޮށްދިން ނަމަވެސް، ފޭސް ދޭއްގައި ހުންނަ އިމާރާތަކަށް ޕްރެޝަރުގައި ފެން ފޯރުކޮށްދިނުމަކީ ނުވާނެ ކަމެއް ކަމަށް ފަހުމީ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ނެޓްވޯކުގައި މިހާރު އިންނަނީ 4 ބުރި، 5 ބުރިއަށް. އެއްވެސް އުނދަގުލަކާ ނުލައި ފެން ލިބޭނެ އޭރުން. މިހާރު ހުރި ޕަމްޕް ސްޓޭޝަންތައް ހުރީ ފޭސް 1 ގައި އެކަނި. އެހެންވީމަ ފޭސް 2 އަށް ޕަމްޕް ސްޓޭޝަންތައް ބަދަލުވީމަ މައްސަލަތައް ހައްލުވެގެންދާނެ،" ފަހުމީ ވިދާޅުވިއެވެ.
އެއީ އެ ފްލެޓުތައް އިމާރާތްކުރުމުގައި ބޭނުންކޮށްފައި ހުންނަނީ ޕްރެޝަރުގައި ފެން ދޫކުރަން ތައްޔާރުކޮށްފައިވާ ހޮޅި ނޫން ކަމަށްވުމުން ކަމަށާއި ޕްރެޝަރުގައި ފެން ދޫކޮށްފި ނަމަ އެކަމުން ރައްޔިތުންނަށްވެސް ގެއްލުންވާނެ ކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ.
"ފެނުގެ ޕްރެޝާ މައްސަލައަކީ އިޝޫއެއް. ޕަބްލިކްގައި ވަރަށް ބޮޑު ޑިބޭޓެއް އަންނަ މައްސަލައެއް. ގިނަ ދުވަހު ހުކުރުދުވަހު ފެން ނުލިބުމުގެ މައްސަލަ. ނެޓްވޯކަށް އެ ޕްރެޝާ ދެވިވާނެ ނަމަވެސް، ޕްރެޝަރު އިތުރުކޮށްފިއްޔާ ގެތައް ހެދިފައި ހުންނަ ކޯޑުގައި ބަލާގޮތުން، ގިނަ ގޭގޭގައި ހައި ޕްރެޝާ ފެން ހޮޅިއަކުން ނޫން ފެން ވައިރުކޮށްފައި ހުންނަނީ. އެހެންވީމަ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ނޯވޭ ޕްރެޝާ ހައިކޮށްގެން ފެންދެވޭކަށްވެސް. އެހެންވީމަ ވަކި ލެވެލްއެއްގައި ޕްރެޝާ ނެޓްވޯކް ދީފައި އިންނަނީ. ނަމަވެސް އިތުރު އެކްސްޓެންޝަން ޕަމްޕް ސްޓޭޝަންތައް ބެހެއްޓިގެން ދިޔައީމަ އެކަމަށް ހައްލު ލިބިގެންދާނެ،" ފަހުމީ ވިދާޅުވިއެވެ.
ފޭސް ދޭއްގެ އިމާރާތްތައް އުސްވުމުގެ ސަބަބުން މަތީ ފްލޯތަކުގައި އުޅޭ ރައްޔިތުންނަށް ޕްރެޝަރުގައި ފެނުގެ ހިދުމަތް ނުލިބޭ މައްސަލައަށް އަދިވެސް ހައްލެއް ލިބިފައެއް ނުވެއެވެ. އެތަންތަނުގައި އުޅޭ ބައެއް ފަރާތްތަކުން ބުނާގޮތުގައި ހުކުރު ދުވަހު ވަކި ވަގުތުތަކެއްގައި ފެނުގެ ހިދުމަތް މެދުކެނޑެން ދިމާވަމުންދާތީ ބައެއް ހާލަތްތަކުގައި ކުރިޔާލައި ފެން ނަގައި ބަހައްޓަން ޖެހެއެވެ. އަދި ހާއްސަކޮށް ހަފުތާ ބަންދު، ހުކުރު އަދި ހޮނިހިރު ދުވަހަކީ ގިނަ ބަޔަކު އެއްޗެހި ދޮންނަ ދުވަސް ކަމަށްވުމުން ފްރެޝަރުގައި ފެން ނުލިބޭ ވަގުތުތަކާއި އެއްވެސް ވަރަކަށް ފެން ނުލިބޭ ވަގުތުތައްވެސް އާދެއެވެ.
ފާތިމަތު ލިއުޝާ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
ކޮމެންޓް