ބާޒާރުގެ އަގުތައް ފަސޭހައިން ދެނެގަތުމަށް އިފްތިތާހުކުރި "އަގުމަގު" ޕޯޓަލްގައި 2،000 އަށްވުރެ ގިނަ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާތަނަށް ޖުމްލަ 2،224 ވިޔަފާރިއަކުން ވަނީ އެ ޕޯޓަލްގައި ރަޖިސްޓްރީވެފައި ކަމަށެވެ. އަދި ދުވާލެއްގެ މައްޗަށް އެ ހިދުމަތް ބޭނުންކުރާ އާންމުންގެ އަދަދު 2،724 އަށް އަރާފައިވާއިރު، އަގުމަގު އެޕްލިކޭޝަން ޑައުންލޯޑްކުރި މީހުންގެ އަދަދު މިހާރު ވަނީ 3،300 ފަހަނައަޅައި ގޮސްފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ޕޯޓަލްއަކީ އިތުބާރު ހިފޭ އަދި އާންމު ދިރިއުޅުމަށް ނުހަނު ބޭނުންތެރި ވަސީލަތެއްގެ ގޮތުގައި ބަލައިގަނެ، ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވަމުން އަންނަކަމަށް ސައީދު ވިދާޅުވިއެވެ.

އަގުމަގު ޕޯޓަލްގެ މަގުސަދަކީ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ އަގުތައް ރައްޔިތުންނަށް ދެފުށް ފެންނަ އަދި ލުއިފަސޭހަ ގޮތެއްގައި ބަލައިލެވޭނެ މަގު ފަހިކޮށްދިނުމެވެ. އެ ޕޯޓަލްގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ހަމައެކަނި މާލޭ ސަރަހައްދުގެ ފިހާރަތަކުގެ މައުލޫމާތު ހިމަނައިގެންކަމަށް ވިޔަސް، މޮބައިލް އެޕްލިކޭޝަން ތައާރަފުކުރުމާއެކު މިހާރު އެ ހިދުމަތް ވަނީ މުޅިރާއްޖެއަށް ފުޅާވެފައެެވެ.