އެމްޑަބްލިޔުއެސްސީގެ ކަސްޓަމާ ކެއާ ސެންޓަރުގެ އާ ހޮޓްލައިން ނަންބަރު 1575 މިއަދު ތައާރަފުކޮށްފިއެވެ.

އެމްޑަބްލިޔުއެސްސީން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުން، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ވީހާވެސް ގާތުން ލުއިފަސޭހަކަމާއެކު ހިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ އެ ކުންފުނީގެ މެނޭޖްމަންޓުން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން، ކަސްޓަމާ ކެއާގެ ހިދުމަތް އިތުރަށް ތަރައްގީކޮށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި 1575 އަކީ ހާއްސަ ނަންބަރެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.

މި ބަދަލާއެކު، މިހާތަނަށް ބޭނުންކުރަމުން އައި 105 ވެގެންދާނީ ހަމައެކަނި އެމަޖެންސީ ހޮޓްލައިންގެ ގޮތުގައެވެ. އެމަޖެންސީ ނަންބަރު 105 ގެ ހިދުމަތް 24 ގަޑިއިރު މެދުކެނޑުމެއް ނެތި ލިބެމުންދާނެއެވެ. ނަމަވެސް، އައު ކަސްޓަމާ ކެއާ ނަންބަރު 1575 ގެ ހިދުމަތް ލިބޭނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށެވެ.

މީގެ އިތުރުން، އާ ނަންބަރު ފަސޭހައިން ދެނެގަތުމަށްޓަކައި، އެ ކުންފުނިން ކަސްޓަމަރުންނަށް ގުޅާ ކޯލުތަކުގައި ފޯނުގެ ސްކްރީނުން ފެންނަން އިންނާނީ ވެސް 1575 އެވެ. އެ ކުންފުނިން ބުނީ ކަސްޓަމަރުންނަށް ދެމުންގެންދާ ހިދުމަތްތައް ފުޅާކޮށް، ލުއިފަސޭހަކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަކީ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.

އެމްޑަބްލިޔުއެސްސީގެ ހިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތާއި އެހީތެރިކަން ވެސް ދެން ލިބެމުންދާނީ 1575 މެދުވެރިކޮށެވެ. މި އާ ބަދަލުތަކަށް އަމަލުކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ.