ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު 460.4 މިލިއަން ރުފިޔާއަށް އިތުރުވެއްޖެއެވެ.
އެ މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 27.1 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، ދައުލަތުގެ ޖުމްލަ ހަރަދު ވަނީ 28.1 ބިލިއަން ރުފިޔާއަށް އުފުލިފައެވެ.
ފާއިތުވި 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު އާމްދަނީ 10.4 އިންސައްތަ އިތުރުވި ނަމަވެސް، ހަރަދު ވަނީ 19.3 އިންސައްތަ އިތުރުވެފައެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީޖީއެސްޓީ އިތުރުވުން ކަމަށްވާ އިރު، ހަރަދު ބޮޑުވެފައިވަނީ ސަބްސިޑީއާއި ރިކަރަންޓް ހަރަދުތައް އިތުރުވުމާ ގުޅިގެންނެވެ.
ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި 18.8 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއަހަރު ވަނީ 21.1 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ 11.9 އިންސައްތައިގެ ކުރިއެރުމެކެވެ. ޓީޖީއެސްޓީގެ ގޮތުގައި ޖުމްލަ 7.2 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ މިދިޔަ އަހަރާ އަޅައި ބަލާއިރު 447.1 މިލިއަން ރުފިޔާ ނުވަތަ 6.6 އިންސައްތައިގެ ކުރިއެރުމެކެވެ.
މީގެ އިތުރުން މުދަލާއި ހިދުމަތުގެ އަގުން ނަގާ ޖުމްލަ ޓެކްސް (ޖީއެސްޓީ) އާމްދަނީ 9.9 ބިލިއަން ރުފިޔާއިން 10.7 ބިލިއަން ރުފިޔާއަށް (7.9 އިންސައްތަ) އިތުރުވެފައިވާ އިރު، އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީޖީއެސްޓީ) އާމްދަނީ ވަނީ 3.1 ބިލިއަން ރުފިޔާއިން 3.5 ބިލިއަން ރުފިޔާއަށް (10.8 އިންސައްތަ) މަތިވެފައެވެ.
ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) 4.5 ބިލިއަން ރުފިޔާއިން 5.4 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ އިރު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 1.8 ބިލިއަން ރުފިޔާއިން 2.1 ބިލިއަން ރުފިޔާއަށް މަތިވެފައެވެ. އަދި އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ (14.3 އިންސައްތަ) ލިބިފައިވާ އިރު، ގްރީން ޓެކްސްގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ (6.3 އިންސައްތަ) ވަނީ ލިބިފައެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް 5.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ 5.5 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު 1.9 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރޭގައި ހަރުމުދަލުން ލިބުނު އާމްދަނީ 1.3 ބިލިއަން ރުފިޔާއިން 1.7 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ އިރު، ރިސޯޓް ކުލީގެ ގޮތުގައި ލިބުނު 1.2 ބިލިއަން ރުފިޔާ (10.7 އިންސައްތަ) ހިމެނެއެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ (15.4 އިންސައްތަ) ލިބިފައިވާ އިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 242.1 މިލިއަން ރުފިޔާއިން 460.4 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 90.1 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުގެ ޖުމްލަ ހަރަދުވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިމަހުގެ 13 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދު ހުރީ 28.1 ބިލިއަން ރުފިޔާގައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ހަރަދުވި 23.5 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު 4.5 ބިލިއަން ރުފިޔާ ނުވަތަ 19.3 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެ ތެރެއިން ރިކަރަންޓް ހަރަދު 20.3 ބިލިއަން ރުފިޔާއިން 24.5 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، އެންމެ ބޮޑަށް ހަރަދު އިތުރުވެފައިވަނީ ސަބްސިޑީއަށެވެ. ސަބްސިޑީއަށް ޖުމްލަ 3.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، މިއީ މިދިޔަ އަހަރުގެ 2.0 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު 1.5 ބިލިއަން ރުފިޔާ ނުވަތަ 78.4 އިންސައްތައިގެ އިތުރުވުމެކެވެ. އެހީއާއި ސަބްސިޑީގެ ގޮތުގައި ކުރި ޖުމްލަ ހަރަދު ވަނީ 5.6 ބިލިއަން ރުފިޔާއިން 8.1 ބިލިއަން ރުފިޔާއަށް މަތިވެފައެވެ.
އާސަންދައަށް ކުރި ހަރަދު 1.4 ބިލިއަން ރުފިޔާއަށް (14.7 އިންސައްތަ) މަތިވެފައިވާ އިރު، އެހެނިހެން އެހީތަކާއި އިނާޔަތްތަކަށް ކުރި ހަރަދު ވަނީ 1.6 ބިލިއަން ރުފިޔާއަށް (58.4 އިންސައްތަ) އިތުރުވެފައެވެ. މީގެ ތެރޭގައި އަދުލުއިންސާފުގެ ދާއިރާ މާލީގޮތުން މިނިވަންކަން ކަށަވަރުކުރުމުގެ ގޮތުން ދޫކުރި ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓް ހިމެނޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
މުސާރައާއި އިނާޔަތް އަދި ޕެންޝަނަށް 9.4 ބިލިއަން ރުފިޔާ ހަރަދުވެފައިވާ އިރު، މިއީ މިދިޔަ އަހަރުގެ 8.4 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު 11.2 އިންސައްތައިގެ އިތުރުވުމެކެވެ. އިދާރީ އަދި ހިންގުމުގެ ހަރަދުތައް ވަނީ 11.8 ބިލިއަން ރުފިޔާއިން 15.0 ބިލިއަން ރުފިޔާއަށް މަތިވެފައެވެ. އަދި ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ހަރަދު ވަނީ 3.1 ބިލިއަން ރުފިޔާއިން 3.3 ބިލިއަން ރުފިޔާއަށް (9.1 އިންސައްތަ) އިތުރުވެފައެވެ.
ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހަރަދު ނުވަތަ ކެޕިޓަލް ހަރަދު ވަނީ 3.3 ބިލިއަން ރުފިޔާއިން 3.6 ބިލިއަން ރުފިޔާއަށް މަތިވެފައެވެ. ކެޕިޓަލް ހަރަދުތަކުގެ ތެރެއިން ބިމާއި އިމާރާތްތަކަށް ކުރި ހަރަދު 800.0 މިލިއަން ރުފިޔާއިން 1.2 ބިލިއަން ރުފިޔާއަށް (46.2 އިންސައްތަ) އިތުރުވެފައިވާ އިރު، ހަރުމުދާ ހޯދުމަށް ކުރި ހަރަދު ވަނީ 378.1 މިލިއަން ރުފިޔާއިން 451.5 މިލިއަން ރުފިޔާއަށް (19.4 އިންސައްތަ) މަތިވެފައެވެ. ނަމަވެސް، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ހަރަދުވެފައިވަނީ 3.6 ބިލިއަން ރުފިޔާއެވެ. މިއީ 2025 ވަނަ އަހަރު ހަރަދުކުރި 5.2 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު 30.0 އިންސައްތައިގެ ދަށްވުމެކެވެ.
ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައިވާ ގޮތުން، މި މުއްދަތުގެ ނިޔަލަށް ދައުލަތުގެ ބަޖެޓްގެ ޕްރައިމަރީ ސާޕްލަސް ހުރީ 2.4 ބިލިއަން ރުފިޔާގައެވެ. އަދި ދައުލަތުގެ ބަޖެޓްގެ ޖުމްލަ ބެލެންސް މިހާރު ހުރީ 950.3 މިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
ކޮމެންޓް