މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް ދެވޭ ފަރުވާގެ ނިޒާމާއި ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑޭޓާ ސައިންސްގެ ބޭނުން ހިފުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި ޗައިނާގެ ޔުނާން ޔުނިވަރސިޓީއާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެންޑީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އެޖެންސީގެ ޗެއާޕާސަން އަހުމަދު ސިއްދީގުއެވެ. އަދި ޔުނާން ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޑީން، ސްކޫލް އޮފް ސޮފްޓްވެއާ އެންޑް އާޓިފިޝަލް އިންޓެލިޖެންސް ޕްރޮފެސަރު ސައި ލީއެވެ.

މި ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން އިތުރުން އެންޑީއޭގެ އިސްވެރިންނާއި ޗައިނާގެ ވަފުދުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓްރީން ބުނީ މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ ޒަމާނީ ޓެކްނޮލޮޖީ އާއި އޭއައި ބޭނުންކޮށްގެން ފަރުވާގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާއި ދާއިރާއިން ދިރާސާތައް ކުރުމުގެ އިތުރުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި އެންޑީއޭގެ މުވައްޒަފުންނަށް ހާއްސަ ތަމްރީނުތައް ދީ، އެ ބޭފުޅުންގެ ގާބިލުކަން އިތުރުކުރުމަކީ ވެސް މި އެއްބަސްވުމުގެ މުހިންމު ބައެއް ކަމަށެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ޑްރަގް އެޖެންސީގައެވެ.

އެންޑީއޭގެ ޑެޕިއުޓީ ޑައިރެކްޓަރު ޖެނެރަލް އަބުދުﷲ ފަސީހު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މައިގަނޑު ގޮތެއްގައި މަސައްކަތް ކުރައްވާނީ ދިވެހިންގެ ވެއްޓާ އެންމެ ގުޅޭ އަދި ރައްޓެހި ގޮތްތަކަކީ ކޮބައިތޯ ބަލައި، އޭއައި ބޭނުންކޮށްގެން އެންޑީއޭގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކަމަށެވެ.

ނަފްސާނީ ސިއްހަތާ ގުޅުންހުރި ކަންކަމުގައި މީހުންނާ ވާހަކަދައްކައި ހިއްސާކުރުމަކީ ގިނަ ފަހަރަށް މީހުންނަށް ދަތި އަދި އުނދަގޫ ކަމެއްކަން ފާހަގަކުރައްވަމުން ފަސީހު ވިދާޅުވީ، އެފަދަ ގޮންޖެހުންތައް ވީހާވެސް ކުޑަކުރުމަށްޓަކައި އޭއައި މެދުވެރިކޮށް އެސެސްމެންޓްތައް ހެދުމާއި ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަނެވޭނެ ކަމަށެވެ.

މީގެއިތުރުން، މި ފަހުމުނާމާގެ ސަބަބުން އެންޑީއޭގެ މުވައްޒަފުންނަށް ބައިނަލްއަގުވާމީ ފެންވަރުގެ ތަމްރީނާއި ތަޖުރިބާ ލިބި، ރާއްޖޭގައި މަސްތުވާތަކެއްޗަށް ފަރުވާ ދިނުމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.