ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ އަމާން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެ ޓަވަރުތަކުގައި ސީސީޓީވީ ކެމެރާގެ ނިޒާމެއް ގާއިމުކޮށްފިއެވެ.
އެފްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މަސައްކަތުގެ ދަށުން އަމާން އުދަރެސް ޓަވަރުތަކުގެ ސީސީޓީވީ ނިޒާމު މިހާރު ވަނީ ފުރިހަމައަށް އޮޕަރޭޝަނަށް ގެނެވިފައެވެ. އަދި އަމާން ދޯދި ޓަވަރުތަކުގެ މަސައްކަތްތައް ވެސް ނިމުމަކާ ގާތްވެފައިވާ އިރު، އޭގެ ތެރެއިން ބައެއް ޓަވަރުތަކުގެ ސިސްޓަމްތައް މިހާރު އަންނަނީ ބޭނުންކުރަމުންނެވެ.
މިކަމާ ގުޅޭގޮތުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، "އަމާން އުދަރެސް ޓަވަރުގައި ސިސްޓަމްތައް ޓެސްޓުކޮށް މިހާރު ރަސްމީކޮށް ބޭނުންކުރަން ފަށާފައިވާ އިރު، އަމާން ދޯދި ޓަވަރުގެ ސިސްޓަމްތައް ޓެސްޓުކުރުމުގެ މަރުހަލާ ކުރިއަށްދާ މި ދަނޑިވަޅުގައި ވެސް ބައެއް ޓަވަރުތަކުގެ ސިސްޓަމްތައް ދަނީ ބޭނުންކުރަމުން،" ކަމަށެވެ.
އެ ކޯޕަރޭޝަނުން ފާހަގަކޮށްފައިވާ ގޮތުގައި، 4000 ހައުސިން ޔުނިޓުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫއުގެ އަސްލު ޕްލޭނުގައި ސީސީޓީވީ ހަރުކުރުމުގެ މަސައްކަތް ހިމެނިފައެއް ނުވެއެވެ. ނަމަވެސް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން މި މުހިންމު މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ.
މި ޒަމާނީ ނިޒާމުގެ ސަބަބުން ޓަވަރުތަކުގެ އާންމު ސަރަހައްދުތައް 24 ގަޑިއިރު މޮނިޓާކޮށް ބެލެހެއްޓުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް އެފްޑީސީން ބުނެއެވެ. މީގެ އިތުރުން، ކުށްތަކާއި ނޭދެވޭ އަމަލުތައް ހިނގުން ހުއްޓުވުމަށާއި، ދިމާވާ ކުއްލި ހާދިސާތައް އަވަހަށް ތަހުގީގުކޮށް ހައްލު ހޯދުމަށް ފުލުހުންނަށާއި ކަމާބެހޭ އިދާރާތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް އިތުރަށް ވިދާޅުވިގޮތުގައި، "މިއީ އެ ތަންތަނުގައި ދިރިއުޅޭ އާއިލާތަކަށް އިޖުތިމާއީ އަދި ނަފްސާނީ ގޮތުން އިތުރު ހިތްހަމަޖެހުމާއި އަމާންކަން ގެނެސްދޭނެ ކަމެއް. އަޅުގަނޑުމެންގެ އަބަދުވެސް އަމާޒަކީ ރައްޔިތުންނަށް ރައްކާތެރި، އަމާން އަދި ހިތްފަސޭހަ ދިރިއުޅުމުގެ ވެއްޓެއް ކަށަވަރުކޮށްދިނުމުގައި ދެމިތިބުން،" ކަމަށެވެ.
ޒަމާނީ ވަސީލަތްތަކާއެކު އެފްޑީސީގެ އެންމެ ބޮޑު އަމާޒަކީ، އަމާން ޓަވަރުތަކަކީ އެންމެހާ ރައްޔިތުންނަށް ބިރުވެރިކަމެއް ނެތި، އަމާންކަމާއި އުފާވެރިކަމާއެކު ދިރިއުޅެވޭނެ ނަމޫނާ މުޖުތަމައަކަށް ހެދުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އަދި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި މިފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ހިދުމަތްތައް މެދުކެނޑުމެއްނެތި ތަރައްގީކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެފްޑީސީން ވަނީ ދީފައެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން
ކޮމެންޓް