މާރުކޭޓް ކޮމްޕްލެކްސް އިމާރާތްކުރާ ބިމުގެ ގޮޅިތަކުގައި ތިބި މީހުންނަށް ވަގުތީގޮތުން ތަނެއް ހަމަޖައްސައި، އާ މާރުކޭޓު ހެދުމަށް އެއް މަސް ދުވަހުގެ ތެރޭގައި ބިން ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ބުނެފިއެވެ.

މާލޭގައި ހިންގަމުންދާ މައި ހުރިހާ މާރުކޭޓުތައް އެއް އިމާރާތަކަށް ގެނައުމަށްޓަކައި، މާލެ މާރުކޭޓް ކޮމްޕްލެކްސް ތަރައްގީކުރުމުގެ މަސައްކަތް މިދިޔަ މާޗު މަހުގެ ތެރޭގައި ހަވާލުކޮށްފައިވަނީ ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި އިމާރާތް ހެދުމަށް ހަމަޖެހިފައިވަނީ މިހާރު ލޯކަލް މާރުކޭޓު ހުރި ބިމުގައެވެ.

އެ މަޝްރޫއު ނުފެށި ލަސްވަނީ، އެކަމަށް ބޭނުންވާ ބިން މާލެ ސިޓީ ކައުންސިލުން ހަވާލުނުކޮށްގެންކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.

ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ބިމުގެ މައްސަލައިގައި ހައްލެއް ލިބިފައިވާ ކަމަށާއި ވަގުތީ މާރުކޭޓެއް ހަދައި އެއް މަސް ދުވަހުގެ ތެރޭގައި ބިން ހުސްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ މިހާރު ވަގުތީ މާރުކޭޓެއް ހެދުމަށް މިހާރު ހުރި ގޮޅިތައް ހުސްކުރަން. އެސްޓީއޯ ކުރިން ހުރި ސަރަހައްދާއި ތައިސޭކޮށި ބަލަމުން މިދަނީ" އޮފިޝަލް ވިދާޅުވިއެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 117 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ މާރުކޭޓް ކޮމްޕްލެކްސް މަޝްރޫއަކީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މަސައްކަތެކެވެ. އެ އިމާރާތް ނިމޭއިރު ހަ ބުރީގައި ޖުމްލަ 85,000 އަކަފުޓުގެ ޖާގަ ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ބޭސްމަންޓް ޕާކިންއާއި ތަޅުމުގައި މަސް މާރުކޭޓު އަދި ތިން ބުރީގައި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ހާއްސަ މާރުކޭޓެއް ހުންނާނެއެވެ.

މީގެ އިތުރުން ޓެރަސްގައި ފުޑް ކޯޓެއް ހެދުމާއި ފަސް ލިފްޓާއި ފަސް ޓަނުގެ އައިސް މެޝިނެއް ބެހެއްޓުމަށްވެސް ވަނީ ރޭވިފައެވެ.