ހޮރުމުޒް ކަނޑުއޮޅިޔާމެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ މިދިޔަ ހުކުރުދުވަހު އަނެއްކާވެސް އައު ވާހަކައެއް ދައްކައިފައެވެ. މިފަހަރު ދެއްކި ވާހަކަތަކުގެ ހެއްވާކަން މީގެކުރިން އޭނާ ދައްކާފައިވާ މިޒާތުގެ ގިނަ ވާހަކަތަކަށްވުރެވެސް ބޮޑެވެ. ޓްރަމްޕުގެ ވާހަކަ އައިސްފައި މިވަނީ މިއަހަރުގެ ޖޫންމަހު ސަތާރަވަނަ ދުވަހު އީރާނާއި އެމެރިކާޔާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ މުއްދަތު ހަމަވުމާ ދިމާކޮށެވެ. މި ފަހުމުނާމާގެ މުއްދަތު މިއޮގަސްޓްމަހު ސަތާރަވާ ހޯމަދުވަހަށް ހަމަވެއެވެ. އެއީ ޖުމްލަ ފަސްދޮޅަސް ދުވަހުގެ ދެނެގަތުމެކެވެ. އެއީ ބައިނަލްއަގުވާމީ ދަތުރުފަތުރަށް ހޮރުމުޒް ކަނޑުއޮޅި ހުޅުވާފައި އޮތުމުގެ މައްޗަށް ގާއިމުކުރެވުނު ދެނެގަތުމެކެވެ. ހޮރުމުޒް ކަނޑުއޮޅިޔާމެދު މިފަހަރު ޓްރަމްޕު ވާހަކަ ދައްކާފައިމިވަނީ އެމެރިކާގެ އެންމެބޮޑު ސިޓީކަމަށްވާ ނިއުޔޯކުގެ ޕޮލިސް އެކަޑެމީއެއްގައެވެ. ދަސްވެނިވެގެން ޚިދުމަތަށް ނުކުންނަ ފުލުސް އޮފިސަރުންނަށް އެމެރިކާގެ ހައިބަތާއި ބާރު ބުނެދެމުންނެވެ.
ޓްރަމްޕު ބުނީ ކީކޭބާވައެވެ. އޭނާ ބުންޏެވެ. އީރާނު އެއޮތީ މިހާރުވެސް ވަރަށް ބޮޑަށް ބަލިކޮށްލެވިފައެވެ. އެކަމަކު އަދިވެސް އިތުރަށް ބަލިކޮށް ކުޑަކަކޫ މައްޗަށް ތިރިކޮށްލަން އެބަޖެހެއެވެ. އެކަންކުރެވުނީމާ ވަރަށް އަވަހަށް އަހަރެން މިކަންވެސް އިއުލާން ކުރާނަމެވެ. ހޮރުމުޒް ކަނޑުއޮޅިއަކީ އެމެރިކާއަށް މުޅިން މިލްކުވެގެންވާ އަދި އެމެރިކާއަށް ނިސްބަތްވާ ތަނެކެވެ. ސަރަހައްދެކެވެ. މިވާހަކަ މިގޮތަށް ބުނެފައި އެހިސާބުން އޭނާ ހުއްޓައިލީއެއްވެސް ނޫނެވެ. އިތުރަށް ބުންޏެވެ. ހޮރުމުޒް ކަނޑުއޮޅީގެ މައްޗަށް މިހާރުވެސް އޮތީ އަހަރެމެންގެ ބާރެވެ. ކޮންޓްރޯލެވެ. އެގޮތުން މިހާރުވެސް އެއީ އަހަރެމެންގެ ތަނެކެވެ. އެކަނޑުއޮޅިން އެތެރެވެވެނީ އަދި ބޭރުވެވެނީވެސް އަހަރެމެން ހުއްދަދޭ ބަޔަކަށެވެ. އީރާނުގެ އެއްވެސް ބާރެއް ނެތެވެ. އެއްވެސް އުޅަނދަކަށް އީރާނުގެ ބަނދަރުތަކަށް ނުވަދެވެއެވެ. ކުރީއްސުރެ ވަދެފައިވާ އެއްޗަކަށް ނުނިކުމެވެއެވެ. އެހެންވީމާ ހޮރުމުޒް ކަނޑުއޮޅީގެ މައްޗަށް އޮތީ ކޮންބައެއްގެ ބާރުކަން އެންމެނަށްވެސް އެބަފެނެއެވެ.
ޓްރަމްޕުގެ މިވާހަކަތަކަށް އީރާނުން ދިނީ ކޮންކަހަލަ ރައްދެއް ނުވަތަ ޖަވާބެއް ބާވައެވެ. އީރާނުގެ އެކިފަންތީގެ އެކިއެކި ލީޑަރުން ވަނީ ޓްރަމްޕުގެ ވާހަކަތަކަށް ރައްދު ދެއްވަައިފައެވެ. އެގޮތަށް ރައްދު ދެއްވި ބޭފުޅުންގެ ތެރެއިން މަލާމާތުގެ އަސަރު އެންމެ ބޮޑަށް އެކުލެވިގެންވަނީ އީރާނުގެ ޕާލަމެންޓުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ ޗެއަރމަން އިބްރާހިމް އަޒީޒީ ދެއްވި ރައްދުގައެވެ. އޭނާ ވިދާޅުވިއެވެ. ހޮރުމުޒް ކަނޑުއޮޅިޔާ ގުޅޭގޮތުން ޒާތްޒާތަށް ފޮނިކެނޑުމުގެ ބަދަލުގައި ޓްރަމްޕަށް މޮޅުއިތުރުވެގެންވާ ގޮތަކީ އޭނާގެ އަމިއްލަ ސަލާމަތާމެދު ފިކުރުކުރުމެވެ. އެހެންނޫނިއްޔާ ދޭތެރެޔަކުން ޓްރަމްޕަށް ޖެހޭނީ އަނެއްކާވެސް ފްލައިޓުތަކަށް ކާބޯތަކެތި އުފުލާ ކޮންމެވެސް ލޯރިއެއްގެ ތެރޭގައި ބޮނދައިގެން ފިލައި އޮންނާށެވެ. ފްލައިޓަށް ކާބޯތަކެތި އުފުލާ ލޯރިއެއްގެ ތެރޭގައި އަނެއްކާވެސް ފިލައިގެން އޮންނަން ޖެހިދާނެޔޭ އިބްރާހިމް އަޒީޒީ އެވިދާޅުވީ ކޮން ހާދިސާއަކަށް އިޝާރާތް ކުރައްވަމުން ބާވައެވެ.
އިބްރާހިމް އަޒީޒީ އެ އިޝާރާތް ކުރައްވަނީ ހުސްވި ޖުލައިމަހުގެ 8 ވަނަ ދުވަހު ތުރުކީވިލާތުގެ ވެރިރަށް އަންކާރާގެ އެއަރޕޯޓުގައި ހިނގާފައިވާ ހަގީގީ ހާދިސާއަކަށެވެ. އެމެރިކާގެ ސަލާމަތީ އިދާރާތަކުންވެސް ކަށަވަރުކޮށްދީގެން އެމެރިކާގެ އެކި ނޫސްތަކުންވެސް ރިޕޯޓުކޮށްފައިވާ ހާދިސާއަކަށެވެ. ރައީސް ޓްރަމްޕު އަންކާރާއަށް ދިޔައީ އެތަނުގައި ބޭއްވުނު ނޭޓޯގެ އެންމެއިސް ވެރިންގެ ސަމިޓެއްގައި ބައިވެރިވުމަށެވެ. ސަމިޓް މުޅިން ނުނިމެނީސް ޓްރަމްޕު ފުރައިގެން ދިޔައީ އޭނާ ދަތުރުކުރާ ޚާއްސަ މަތިންދާބޯޓަށް އީރާނުން މިސައިލް ހަމަލައެއްދޭން ރާވާފައިވާ ކަމުގެ ސައްހަ މައުލޫމާތު އެމެރިކާޔާއި އިޒްރޭލަށް ކޮންމެވެސް ގޮތަކުން ލިބިގެންނެވެ. އެއަރޕޯޓަަށް ގޮސް ރިޔާސީ ޚާއްސަ މަތިންދާބޯޓަށްވެސް އެރުމަށްފަހު ޓްރަމްޕު ވަނީ އޭނާގެ ސިކިއުރިޓީ ޓީމާއެކު މަތިންދާބޯޓުގައި ދެންތިބި މީހުންނަށްވެސް މުޅިން ސިއްރުން އޭގެ އެއްފަރާތުގައިވާ އިމަޖެންސީ ދޮރަކުން ފައިބައި ކައިރީގައިއޮތް ކާބޯތަކެތި އުފުލާ ލޯރިއަކަށް އަރައިފައެވެ.
މިދެންނެވި ކޭޓަރިން ޓްރަކް ނުވަތަ ލޯރި ދުއްވާފައިގޮސް ދެން ކައިރިކުރީ ކުޑަތަންކޮޅެއް ދުރުގައިއޮތް އެމެރިކާގެ ކުޑަވަރެއްގެ އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓަކަށެވެ. ޓްރަމްޕާއި އޭނާގެ ސިކިއުރިޓީ ޓީމު އެއަށް އެރުމާއެކު ނައްޓާލައިގެންގޮސް ދެން ތިރިކުރީ ލަންޑަނާ ދާދިގާތުގައިވާ އިނގިރޭސިވިލާތުގެ ވައިގެސިފައިންގެ ބޭހަކަށެވެ. އެއިން ނުފައިބައި އިނދެފައި އެންމެފަހުން ފޭބީ ރިޔާސީ ޖެޓްކަމަށްވާ އެއަރފޯސް ވަން ހަމައެތަނަށް ތިރިކުރުމުންނެވެ. ދެން ފައިބައިގެންގޮސް އޭގެ އަރިމަތީގައިވާ އިމަޖެންސީ ދޮރަކުން އެތެރެވެފައި ދެންތިބި ޕަސިންޖަރުންނަށް ހެލޯއޭ ގޮވަމުން އަތުން އިޝާރާތް ކުރަމުން، ތިމަންނާ ދަތުރުކުރީ ކަލޭމެންނާވެސް އެކުގައޭ ބުނަމުން ރަސްމީކޮށް އެބޯޓުން ފޭބީއެވެ. މިހުރިހާ ސަކަރާތެއް ޖެހިއިރު ރިޔާސީ ޖެޓުގައި ތިބި ނޫސްވެރިންނާއި އޮފިޝަލުންނަށް ޓްރަމްޕު އެއިން ދަތުރުނުކުރާކަން ރޭކާލުމެއްވެސް ނެތެވެ. ހަގީގަތް ދެނެތިބީ ޓްރަމްޕުގެ ސިކިއުރިޓީއާބެހޭ މީހުން އެކަންޏެވެ.
މިކަން މިގޮތަށް ހިނގާފައި އޮތީމާ އީރާނުން އެބުނަނީ ނޫސްވެރިންނާއި އޮފިޝަލުން މަރުވާން ދޫކޮށްފައި ކޭޓަރިން ޓްރަކަކަށް ވަދެ ފިލައިގެން ޓްރަމްޕު ބެޗި ވާހަކައެވެ. ހުރި ފިނޑިކަމުގެ ވާހަކައެވެ. އެވާހަކަ އެބުނީ އެކަށީގެންވާ ހާލަތާއި ވަގުތުގައި އެކަށީގެންވާ ރައްދެއްގެ ގޮތުންނެވެ. މިޒާތުގެ މަލާމާތެއްނެތި ސީރިއަސް ރާގެއްގައި ޓްރަމްޕަށް ރައްދު ދެއްވީ އީރާނުގެ ޚާރިޖީވަޒީރުގެ ނާއިބު ކަރީމް ޣަރީބުއާބާދީއެވެ. އޭނާ ވިދާޅުވިއެވެ. ހޮރުމުޒް ކަނޑުއޮޅިޔަކީ މީހަކު ކުރާ ޓުވީޓަކުން އަދި މަތިންދާބޯޓު އުފުލާ މަނަވަރަކުން އަރުވައިލާ ފޮނުގަޑަކުން އަތުލެވޭނެ ތަނެއް ނޫނެވެ. އެތަންއޮތީ އީރާނުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައެވެ. ކުރިމަގުގައި ދެމިއޮންނާނީވެސް އެގޮތުގައެވެ. އީރާނުގެ އަތުން ހޮރުމުޒް ކަނޑުއޮޅީގެ ބާރު އަތުލެވޭނެ އެއްވެސް ގައުމެއް މިއުޑުދަށުގައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އީރާނުގެ ޖުޑިޝަރީގެ ވެރިޔާވެސް ވަނީ ހަމަ މިމޭރުމުން ޓްރަމްޕަށް ރައްދު ދެއްވައިފައެވެ.
އިމާދު ލަތީފު
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ކޮމެންޓް