ޑިސެމްބަރު މަހު ނެރުމަށް ހަމަޖެހިފައިވާ މާވެލް ސްޓޫޑިއޯސްގެ ފިލްމު “އެވެންޖާސް: ޑޫމްސްޑޭ” ގެ ޓިކެޓު ވިއްކަން ފެށުމާއެކު، ޕްރީސޭލްސް އިން 100 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފިއެވެ. ފިލްމު ނެރުމުގެ ހަތަރު މަސް ކުރިން ޓިކެޓު ވިއްކަން ފަށާފައިވާއިރު، މިއީ އާންމުކޮށް ފިލްމުތަކުގެ ޓިކެޓު ވިއްކަން ފަށާ މުއްދަތަށް ވުރެ މާ އަވަސް މުއްދަތެކެވެ.

ހޮލީވުޑްގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ “ދަ ރެޕް” އަދި “ބޮކްސް އޮފީސް ތިއަރީ” އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފިލްމަށް ފުރަތަމަ ހަފުތާ ބަންދުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ. މިއީ ފިލްމީ ތާރީހުގައި ވެސް ފުރަތަމަ ހަފުތާ ބަންދުގައި ލިބޭނެ އެންމެ ބޮޑު އެއް އާމްދަނީ ކަމަށް އެ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

މިހާތަނަށް ވިކިފައިވާ ޓިކެޓުގެ އަދަދުތަކަށް ބަލާއިރު، މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި “ސްޕައިޑަރމޭން: ބްރޭންޑް ނިއު ޑޭ” ގެ ފުރަތަމަ ދެ ދުވަހުގެ ޕްރީސޭލްސްއާ އަޅައި ބަލާއިރު، އެވެންޖާސްގެ ޓިކެޓު ވިކިފައިވާ މިންވަރު 65 ޕަސެންޓް އިތުރެވެ. ނަމަވެސް މިއީ ހަމައެކަނި ޕްރީސޭލްސްގެ ލަފާކުރުންތަކެއް ކަމަށާއި، ފިލްމު އަޅުވާ ދުވަސްވަރު ޓިކެޓު ވިކޭ މިންވަރަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

އެންތަނީ އަދި ޖޯ ރުސޯ ޑައިރެކްޓުކުރާ މި ފިލްމުގައި، ޑޮކްޓަރ ޑޫމްގެ ރޯލުން ރޮބަޓް ޑައުނީ ޖޫނިއަރ ފެނިގެންދާނެއެވެ. މީގެ އިތުރުން ފެންޓާސްޓިކް ފޯ އަދި އެކްސް-މޭންގެ ކެރެކްޓަރުން ވެސް މި ފިލްމުން ފެންނާނެ ކަމަށް މާވެލް ސްޓޫޑިއޯސްއިން ވަނީ ބުނެފައެވެ. މި ފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ޑިސެމްބަރު 18 ގައެވެ.