ސައުދީ އަރަބިއްޔާގައި އިސްވެ އޮވެ، މިދިޔަ ޖުލައި މަހުގެ 30 ގައި އުފެއްދި ގަލްފު ގައުމުތަކުން ކަނޑު މަގުން މުދާ އުފުލުމުގައި ބޭނުންކުރަމުން އަންނަ މައި ކަނޑުއޮޅިތަަކުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން އުފެއްދި ދިފާއީ އިއްތިހާދު "ޗާޓާ އޮފް ދަ މަލްޓި ނެޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން" ގައި ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ސައުދީން އިސްވެ އިތުރު 13 ގައުމަކުން ގުޅިގެން، މިދިޔަ މަހު އެކުލަވައިލި މި އިއްތިހާދުގެ ބޭނުމެއް ކަމަށް ބުނެފައިވަނީ، ބާބުލްމަންދަބު ކަނޑުއޮޅި އާއި، ރަތްކަނޑު އަދި އަދަން ކަނޑުއޮޅީގެ ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި، ބައިނަލްއަގުވާމީ ވިޔަފާރި އާއި ހަކަތަ ފޯރުކޮށްދޭ މަގުތައް ރައްކާތެރިކުރުމެވެ.

މި އިއްތިހާދުގައި ބައިވެރިވާން ވަޒީރުންގެ މަޖިލީހުން ނިންމުމާ ގުޅިގެން، އެކަަމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ، އެ މުއާހަދާގައި ސޮއިކޮށް އެ ކޯލިޝަންގައި ރާއްޖޭން ބައިވެރިވުމުގެ ސަބަބުން ދިވެހި ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަން ނުޖެހޭނެ ކަމަށެވެ.

ނަމަވެސް ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ މައްޗަށް އަމަލުކުރަންވާނީ މަޖިލިހަށް ހުށަހަޅައި، މަޖިލީހުން ފާސްކުރުމަށްފަހު، މަޖިލީހުން ނިންމާ ގޮތެއްގެ މަތިންކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާތީ މަޖިލީހުގެ ރުހުން ހޯދެއްވުމަށް ހުށަހެޅުއްވީ ކަމަށެވެ.

އެ މުއާހަދާގައި ސޮއިކޮށް ތަސްދީގުކުރަން ރުހުން ދޭން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ ޖަލްސާގައި ތިއްބެވި 65 މެންބަރުންގެ ތެރެއިން 58 މެންބަރުން ވޯޓު ދެއްވައިގެންނެވެ.